21 Dec 2022, 13:00
ޙައްޖާއި ޢުމުރާއަށް ދާން ބޭނުންވާ ފަރާތްތަކަށް ޚާއްސަކޮށް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސޭވިންގްސް އެކައުންޓެއް، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ތައަރާފްކޮށްފިއެވެ.
އެމްއައިބީގެ މި އެކައުންޓަކީ ޙައްޖު އަދި ޢުމްރާގެ އަޅުކަން އަދާކުރުމަށް ގަސްތުކުރައްވާ ފަރާތްތަކަށް، ޝަރީޢާ ހުއްދަކުރާ އުސޫލުން ފައިސާ ރައްކާކުރުމަށް ހާއްސަކޮށްފައިވާ އެކައުންޓެކެވެ.
މި އެކައުންޓްތައް ހުޅުވުމަށް 5،000 ރުފިޔާ ޑެޕޮސިޓެއްގެ ގޮތުގައި ޖަމާކުރަން ޖެހޭނެއެވެ.
މީގެ އެންމެ ޚާއްސަ ކަމަކީ މި އެކައުންޓެއްގެ ވެރިފަރާތަކަށް މުސާރަ ނުވަތަ ޕެންޝަން ޖަމާވުމުން އިތުރު ފީއަކާ ނުލައި އެފަރާތެއްގެ އެކައުންޓަށް ޖަމާކުރަން ބޭނުންވާ އަދަދު ކޮންމެ މަހަކުވެސް ޖަމާކޮށް، އުނިކުރުމުގެ އިންތިޒާމް ހަމަޖެހިފައިވުމެވެ.
އެގޮތުން މި ޚިދުމަތް ލިބެނީ މުސާރަ، ޕެންޝަން ނުވަތަ އުމުރުން ދުވަސްވީ ފަރާތްތަކަށް ސަރުކާރުން ދެއްވާ އަސާސީ ޕެންޝަން އެމްއައިބީއަށް ޖަމާކުރައްވާ ފަރާތްތަކަށެވެ. އަދި މި އެކައުންޓުން އެހެން ސޭވިންގްސް އެކައުންޓްތަކަށް ވުރެ ރަނގަޅު ނަފާއެއް ބޭނުން ކުރައްވާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
އެމްއައިބީގެ ޚައްޖު އެކައުންޓުން ފައިސާ ރައްކާކުރައްވާ ފަރާތްތަކަށް ދޭ އިތުރު ފައިދާތަކަށް ބަލާއިރު ފައިސާ ރައްކާކުރަން ބޭނުންވާ އަމާޒަށް ވާސިލުވުމަށް ފައިސާ ރައްކާކުރަމުން ގެންދާނެގޮތުގެ ލަފަޔާއި އެހީތެރިކަން އެމްއައިބީ އިން ފޯރުކޮށްދޭނެއެވެ. އަދި، ފަހުން ބަދަލެއް ގެންނަން ބޭނުންވި ކަމުގައި ވިޔަސް އަލުން ޕްލޭނެއް އެކުލަވައިލުމަށް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން، އެމްއައިބީއަށް މުސާރަ ނުވަތަ ޕެންޝަން ޖަމާކުރައްވާ ފަރާތްތަކަށް، ޙައްޖަށް ދިޔުމަށްޓަކައި ބޭންކުން ވަކި އަދަދަކަށް ޑޮލަރު ގަތުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ. އަދި، އިންޓަރނެޓް އަދި މޮބައިލް ބޭންކިންގ މެދުވެރިކޮށް ޙައްޖު ސޭވިންގްސް އެކައުންޓުގެ ބެލެންސް އަދި މުޢާމަލާތްތަކުގެ ތަފްސީލު ވެސް ބެލޭނެއެވެ.
ހަމައެހެންމެ، އާއިލާއާއެކު ނުވަތަ ގިނަބޭފުޅުންނާއެކު ޙައްޖު ނުވަތަ ޢުމްރާއަށް ދިޔުމަށް ގަސްތުކުރައްވާނަމަ ޖޮއިންޓް ޙައްޖު ސޭވިންގްސް އެކައުންޓު ވެސް ހުޅުވޭނެއެވެ.