21 Dec 2022, 02:57
ދުނިޔޭގެ ހަމަތަކުން ބަލާއިރު، ރާއްޖެއަށް ކުނި އެތެރެކުރުމަކީ ފަހަތަށް އަޅާ ފިޔަވަޅެއް ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުނެފިއެވެ.
ރާއްޖެއަށް ކުނި އެތެރެކުރަން ހުއްދަދޭ ވޭސްޓް މެނޭޖްމަންޓު ގާނޫނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރެއްވުމާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗްއިން ވަނީ ކަންބޮޑުވުން ފާޅުކޮށް، ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ މިދިޔަ މަހުގެ 28ގައި ރައްޔިތުންގެ މަޖިލީހުން އެ ބިލް ފާސްކުރީ އާންމުކޮށް ހުޅުވާލައިގެން ޚިޔާލު ހޯދުމެއް ނެތި އަވަސް އަރުވާލައިގެން ކަމަށެވެ. އަދި ހަކަތަ އުފެއްދުން ފަދަ ކަންކަމަށް ކުނި ބޭނުން ކުރެވޭނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެފަދަ ކަމަކަށް ކުނި އެންދުމަކީ ނުރައްކާތެރި ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެގޮތުން ކުނި އެންދުމުން ވިހަގަދަ ގޭސްތައް ވައިގެ ތެރެއަށް ފެތުރި، އަންދާ ތަކެތިން ވެސް ނުރައްކާތެރި ކުނި އުފެދޭ ކަމަށް އެޖަމިއްޔާއިން ބުންޏެވެ.
ހަމައެއާއެކު، ރާއްޖެއަކީ ތިމާވެށީގެ ގަވާއިދުތަކާއި އިމްޕެކްޓް އެސެސްމެންޓުތަކަށް ބެލުމެއް ނެތި މަސައްކަތްތައް ކުރިއަށް ގެންދިޔުމުގެ ތާރީޚެއް އޮތް ގައުމެއް ކަމަށާއި ރާއްޖެއިން ވައިގެ ސާފުމިން ރަނގަޅަށް ބަލަމުންނުދާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ކުނި އެއް ގައުމުން އަނެއް ގައުމަށް އެތެރެ ކުރުމުގެ ހަމަތަކަށް އިޝާރާތްކޮށް އެ ޖަމިއްޔާއިން ވަނީ، ޕްލާސްޓިކް ކުނި އެކްސްޕޯޓް ކުރުން މަނާކުރުމުގެ މަސައްކަތް ޔޫރަޕިއަން ޔޫނިއަން އިން މިހާރު ކުރަމުންދާކަން ފާހަގަކޮށްފައެވެ. އަދި މީގެ ކުރިން އެންމެ ގިނައިން ޕްލާސްޓިކް ކުނި އެތެރެކުރި ޗައިނާއިން 2018 ވަނަ އަހަރު އެކަން މަނާކޮށްފައިވާ އިރު، ތައިލެންޑުން ވެސް ކުނި އެތެރެކުރުން މަދު ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުންޏެވެ.
"ރާއްޖެއިން 2016 ވަނަ އަހަރު ސޮއިކޮށްފައިވާ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕަސިސްޓެންޓް އޯގޭނިކް ޕޮލިއުޓެންޓްސް އާއި މިނަމަތާ ކޮންވެންޝަން އޮން މާކިއުރީ ގައި ވެސް ކުނި އެންދުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވޭ،" ބަޔާނުގައިވެއެވެ.
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް ރާއްޖެ އިންތިޚާބުވެފައިވާކަން ފާހަގަކޮށް ހިއުމަން ރައިޓްސް ވޮޗްއިން ބުނީ ކުނި އެތެރެ ކުރުމަށް ހުއްދަދޭ ގާނޫނާއެކު، ތިމާވެއްޓާ ގުޅުން ހުރި މައްސަލަތަކުގައި ރާއްޖެއަށް އޮތް އިތުބާރު ގެއްލެމުންދާ ކަމަށެވެ.
އެހެންކަމުން، ދުނިޔޭގެ ކުންޏަށް ގައުމު ހުޅުވާލުމުގެ ބަދަލުގައި ރައީސް ޞާލިޙް އިސްކަން ދެއްވަންވީ ޒީރޯ ވޭސްޓް ނުވަތަ ކުނި މަދުކޮށް، ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަކަށް ކުނި އަލުން ބޭނުން ކުރެވޭ ފަދަ ހައްލުތަކަށް ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ވޭސްޓް މެނޭޖްމަންޓު ގާނޫނު ރައީސް ތަސްދީގު ކުރެއްވި ނަމަވެސް، ރާއްޖެއަށް ކުނި އެތެރެކުރުމުގެ ހުއްދަ ނުދޭނެކަމަށާއި އެ ގާނޫނުގައި އެ ކަން ކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހުކުރަން ހުށަހަޅުއްވާނެކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ ވިދާޅުވެފައެވެ.