21 Dec 2022, 11:36
މިއަހަރު ރިލީޒް ކުރި ވަރުގަދަ އެކްޝަން ފްރެންޗައިޒް ފިލްމު "ކޭ.ޖީ.އެފް2"ގެ މުހިއްމު ރޯލްއަށްފަހު ސައުތް ސިނަމާގެ އިތުރު އެހެން ފިލްމަކަށް އެކްޓަރު ސަންޖޭދަތް ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސަންޖޭ ދަތު ސޮއިކުރިކަމަށް މީޑިއާތަކުން ބުނެފައިވަނީ، ދެކުނު އިންޑިއާގެ ޑައިރެކްޓަރު މަރޫތީގެ ފިލްމަކަށެވެ. ފިލްމަށް ކިޔާނެ ވަކި ނަމެއް ހަމަޖެހިފައިނުވާއިރު މިފިލްމަކީ، ހެއްވާ މަޖާ ބިރުވެރި ޙާދިސާތަކެއް ކިޔައިދޭ ފިލްމެކެވެ.
ފިލްމުގެ ޚާއްޞަކަން އިތުރުވެގެންދަނީ ސަންޖޭ ދަތާއެކު ފިލްމުގައި ދެން ފެނިގެންދާ އެކްޓަރާއެކުގައެވެ. މިގޮތުން ސައުތް ސިނަމާގެ އިތުރުން ބޮލީވުޑަށްވެސް މިހާރު ތަޢާރަފްވެފައިވާ އެކްޝަން އެކްޓަރު ޕްރަބާސް ވެސް ސަންޖޭ އާއެކު މި ފިލްމުގައި ފެނިގެންދާނެއެވެ.
ފިލްމު "ކޭ.ޖީ.އެފް"ގައި ސަންޖޭދަތާއި ޔަޝްގެ ކެމިސްޓްރީ ވަރަށް ގިނަ ބަޔަކަށްވަނީ ކަމުގޮސްފައެވެ. އެކްޓަރު ސަންޖޭ ދަތަކީ، ކޮންމެ ކެރެކްޓައެއް ކުޅުނަސް އެކެރެކްޓާއަކަށް ވަރަށް އަވަހަށް އަމިއްލަ މީހާ ސެޓުކޮށް ޕާފޯމެންސްގެ ޖާދޫގައި ބެލުންތެރިން ޖައްސާ އެކްޓަރެކެވެ. ފިލްމުގައި ޕްރަބާސް އާއި ސަންޖޭގެ އިތުރުން ދެން ފެންނާނެކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ބަތަލާ ޒަރީނާ ވައްހާބެވެ.
ފިލްމުގެ 2 ޝެޑިއުލް މިހާރު ނިންމާލާފައިވާއިރު ސަންޖޭ ދަތު ފިލްމުން ފެނިގެންދާނީ ޢުމުރުން ދުވަސްވެފައިވާ މީހެއްގެ ރޯލުންނެވެ.
މިފިލްމުގެ ޝޫޓިންގް ކުރިޔަށްގެންދަނީ ހަމައެކަނި ތެލުގޫ ބަހުންނެވެ. ސަންޖޭ ދަތާއެކު ސްކްރީން ޙިއްސާކޮށްލަން ލިބުނު ފުރުޞަތާއެކު ޕްރަބާސްވަނީ އުފާފާޅުކޮށްފައެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ޝެޑިއުލް ރޭވުމަށް ހަމަޖެހިފައިވަނީ އެކްޓަރު ޕްރަބާސްގެ ޝެޑިއުލްއާއި އެއްގޮތަށެވެ. ޕްރަބާސްގެ ޝެޑިއުލް މިވަގުތު ހުރިގޮތުން ގިނަ ފިލްމުތަކެއްގެ ޝޫޓިންތަކުގައި އެކްޓަރު އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެންކަމުން މިފިލްމު ޝޫޓްކުރާ ދުވަސްތައް ކަނޑައަޅަން ނިންމާފައިވަނީ ޕްރަބާސްގެ މަސައްކަތްތަކަށް ބެލުމަށްފަހުއެވެ.
ސަންޖޭއާއި ޕްރަބާސްގެ އެއްވެސް ސީންއެއް އަދި ނުނަގާއިރު ސަންޖޭއާއި ބަތަލާ ޒަރީނާގެ ޝެޑިއުލްވެސް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރެވެ. މިފިލްމުގައި ޕްރަބާސްއާއެކު މުޅީން އާ ތިން ބަތަލާއެއް ފެންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.