21 Dec 2022, 11:51
އެކްޓަރު ވިކީ ކޯޝަލްއާއި އަރަމުން އަންނަ ޒުވާން އެކްޓްރެސް ތްރިޕްތީ ދިމްރީގެ ވަކި ނަމެއް ހަމަޖެހިފައިނުވާ ފިލްމު އަންނަ އަހަރު ރިލީޒް ކުރަން ނިންމައިފިއެވެ.
ޑައިރެކްޓަރު އާނަންދް ތިވާރީގެ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ ކުރިޔަށްއޮތް އަހަރުގެ ޖުލައި 28ގައި އެމޭޒަން ޕްރައިމްގައެވެ. އިންޑިއާގެ އިތުރުން އިތުރު 240 ޤައުމެއްގައި ފިލްމު ސްޓްރީމްކުރެވޭނެކަމަށް އެމޭޒަން ޕްރައިމްއިންވަނީ ބުނެފައެވެ.
އެމޭޒަންއާއި ދަރްމާ ކުންފުނި ގުޅިގެން ގެނެސްދޭ މިފިލްމު ރިލީޒްކުރާނެ ތާރީޚާއެކު އިޢުލާނުކުރިއިރު ފިލްމާބެހޭ މާބޮޑު ތަފްޞީލެއް ހާމަކޮށްފައެއް ނުވެއެވެ. ފިލްމުގެ ސަސްޕެންސް ހިފެހެއްޓުމުގެ ބޭނުމުގައި ފިލްމުގެ ޕްލޮޓްވެސް ވަނީ ސިއްރުކުރެވިފައެވެ.
އެމޭޒަން ޕްރައިމްއިން މިއަހަރު ރީތި ވެބް ސީރީސްތަކެއްގެ އިތުރުން ރީތި ފިލްމުތަކެއްވެސްވަނީ ރިލީޒްކޮށްފައެވެ. މިފިލްމުގެ ލީޑް ރޯލްއިން ފެންނަ ދެ ތަރިންގެ ފިލްމެއް ދާދިފަހުން ވެސް ރިލީޒްވެފައިވާއިރު ދެ ފިލްމަށްވެސް ބެލުންތެރިންގެ ބޮޑު މަޤުބޫލުކަމެއް ވަނީ ލިބިފައެވެ.
ބަތަލާ ތްރިޕްތީ ދިމްރީގެ "ޤާލާ" ނެޓްފްލިކްސްގައި ރިލީޒްކުރެވުނުއިރު ފިލްމުގައި ތްރިޕްތީ ދެއްކި އެކްޓިންގްއަށް ގިނަބަޔަކުވަނީ ތަޢުރީފުކޮށްފައެވެ.
އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ އާ ފިލްމަކީ، ވިކީ ކޯޝަލްއާއި ކަރަން ޖޯހަރު އެކީގައި މަސައްކަތްކުރާނެ ދެވަނަ ފިލްމެވެ. ވިކީ ކޯޝަލްގެ ކުރިޔަށްހުރި އިތުރު ފިލްމީ މަސައްކަތްތަކަށް ބަލާއިރު ބަތަލާ ސާރާ ޢަލީ ޚާންއާއެކު ވިކީ ވަނީ ފިލްމަކަށް ސޮއިކޮށްފައެވެ. އަދި، ޑައިރެކްޓަރު މޭގްނާ ގުލްޒާރުގެ ބައޯޕިކް އަކަށްވެސް ވިކީވަނީ ސޮއިކޮށްފައެވެ. ބަތަލާ ތްރިޕްތީގެ ފިލްމުތަކަށް ބަލާއިރު އަންނަ އަހަރު ރިލީޒްކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "އެނިމަލް"އިން އެކްޓަރު ރަންބީރް ކަޕޫރާއި ރަޝްމިކާ މަންދަންން އާއިއެކު ތްރިޕްތީ ފެންނާނެއެވެ.