މިއަހަރުގެ އޮކްޓޯބަރު މަހު ސިނަމާގައި ރިލީޒްކުރި ފިލްމު "ތޭންކް ގޯޑް" އެމޭޒަން ޕްރައިމްގައި އިއްޔެ ޕްރިމިއާކޮށްފިއެވެ.

ފިލްމު އެމޭޒަން ޕްރައިމް ވީޑިއޯއިން ބަލާލެވޭނެކަން އެމޭޒަންއިން އިޢުލާނުކުރީވެސް އިއްޔެގެ ވަގުތެއްގައެވެ. އިންދްރަކުމާރު ޑައިރެކްޓްކޮށްފައިވާ ފިލްމު "ތޭންކް ގޯޑް"އަކީ އެކްޓަރު އަޖޭ ދޭވްގަންއާއި ސިދާތް މަލްހޯތްރާގެ އިތުރުން ބަތަލާ ރަކުލް ޕްރީތް ސިންގް ފެނިގެންދާ ކޮމެޑީ ޑްރާމާއެކެވެ.

މީގެ އިތުރުން ދިވެހީންގެ ތެރޭވެސް ބޮޑު މަޝްހޫރުކަމެއް ހޯދި ލަވަ "މަނިކޭ މަގޭ ހިތޭ"ގެ ހިންދީ ރިމިކްސް ލަވައިން ނެށުންތެރިޔާ ނޯރާ ފަތޭހީވެސް ފިލްމުގައި ފެންނާނެއެވެ.

ޓީ-ސީރީސް ފިލްމްސްއިން ގެނެސްދިން މިފިލްމު ޑިސްޓްރިބިއުޓްކުރުމުގެ ޒިންމާ ނަގާފައިވަނީ ތަމަޅަ ފިލްމުތައް ޑިސްޓްރިބިއުޓްކުތާ ފިލްމު ކުންފުނި އޭ.އޭ ފިލްމްސްއިންނެވެ. 50 ކްރޯޑް ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމަށް މިހާތަނަށް ލިބިފައިވަނީ 49.55 ކްރޯޑް ރުޕީސްއެވެ. އެހެންވެ، ފިލްމު ސްޓްރީމިންގް ޕްލެޓްފޯމްއަށް ދޫކޮށްލުމާއެކު ފިލްމު އުފެއްދި ބަޖެޓު ފޫބެއްދޭނެކަމަށް އެނަލިސްޓުންވަނީ ބުނެފައެވެ.

ފިލްމު ސްޓްރީމްކުރުމުގެ ފުރުޞަތާއެކު އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގެ ފަރާތްތަކަށްވެސް ފިލްމު ބެލުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އަޖޭވަނީ ބުނެފައެވެ.

ފިލްމު "ތޭންކް ގޯޑް"ގެ އިތުރުންވެސް ޑައިރެކްޓަރު އިންދަރް ކުމާރްއާއި ބަތަލާ ރަކުލްއާއެކު އަޖޭވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް މިއީ ސިދާތްއާއި އަޖޭ ދޭވްގަން އެކީގައި ފެނިގެންދިޔަ ފުރަތަމަ ފިލްމެވެ.

އަޖޭ ހާމަކޮށްފައިވާގޮތުގައި ފިލްމުގައި ހިމެނޭ ހުރިހާ ކާސްޓުންނާއެކުވެސް ވަރަށް ތަފާތު ތަޖުރިބާއެއްވަނީ ކުރެވިފައެވެ. އަދި ސިދާތްއާއި އަޖޭގެ އޮން ސްކްރީން ކެމިސްޓްރީ ގިނަ ބަޔަކަށް ކަމުދިޔަކަމަށް ޤަބޫލުކުރެވޭކަމަށް އެކްޓަރުވަނީ ބުނެފައެވެ.

އަޖޭގެ މިއަހަރު ރިލީޒްވި ފިލްމުތަކުގެތެރޭގައި މިދިޔަ މަހުގެ 18ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ދްރިޝްޔަމް 2" ހިމެނެއެވެ. އަދި، އަންނަ އަހަރު އަޖޭގެ ބޮޑު ދެ ފިލްމެއް ރިލީޒްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ ފިލްމު "މައިދާން"އާއި ފިލްމު "ބޯލާ"އެވެ.