21 Dec 2022, 11:04
މިދިޔަ ހަފުތާގައި ދައްކަން ފަށާފައިވާ ޖޭމްސް ކެމެރަންގެ "އެވެޓާ: ދަ ވޭ އޮފް ވޯޓާ" ބޮއިކޮޓު ކުރުމަށް ގޮވާލަން ފަށައިފިއެވެ.
މިއަހަރުގެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެއް ފިލްމަކީ އެވެޓާގެ ދެވަނަ ފިލްމެވެ. ފުރަތަމަ ފިލްމަށްފަހު 13 އަހަރު ފަހުން ފިލްމު ނެރޭތީ އެ ފިލްމަށް އޮތް އިންތިޒާރު އެތައް ބައެއްގެ މެދުގައި ބޮޑެވެ. ބޮކްސް އޮފީހުން ވެސް އެކަން މިހާރު އަންނަނީ ފެންނަމުންނެވެ.
ފިލްމަށް ލިބެމުން އަންނަ ލޯތްބާއެކު އެތައް ބައެއްގެ ފަރާތުން އަންނަނީ ފާޑުކިޔުންވެސް ލިބެމުންނެވެ.
ކަން މިހެން އޮއްވާ އެމެރިކާގެ އިންޑިޖިނަސް ނުވަތަ ނޭޓިވްސް އިން އަންނަނީ އެވެޓާގެ ދެވަނަ ބައި ބޮއިކޮޓު ކުރުމަށް ގޮވާލައި މީސް މީޑިއާގައި ކެމްޕެއިންތަކެއް ފަށާފައެވެ.
ނާވަހޯ އާޓިސްޓެއް ކަމަށްވާ ޔޫއޭ ބިގެ ބުނާގޮތުގައި އެވެޓާގެ ދެވަނަ ފިލްމަކީ ރޭސިސްޓް ފިލްމެކެވެ. އަދި، ޖޭމްސް ކެމަރަން ވަނީ އެމީހުންގެ މުނިފޫހިފިލުވުމަށްޓަކައި ބައެއްގެ ސަގާފަތަށް ގެއްލުން ވާނޭ ގޮތަށް ބަޔަކު ރަމްޒު ކޮށްދޭ ފިލްމެއް އުފައްދާފައި ކަމަށް އެ ކެމްޕެއިންގައި ބުނެއެވެ.
ކެމެރަން މީގެކުރިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެވެޓާގެ ހާއްސަ ކެރެކްޓަރުން ކަމަށްވާ "ނާވީ" ބިނާކޮށްފައިވަނީ ނޭޓިވް މީހުންނާއި އެމީހުންގެ ދަތި އުނދަގޫތަށް އަސްލަކަށް ބަލައިގެން ކަމަށެވެ. މިފަދަ ކޮމެންޓެއް ވަނީ އޭނާ 2009ގައި އެވެޓާގެ ފުރަތަމަ ފިލްމު ނެރުނު އިރުވެސް ހާމަކޮށްފައެވެ.
އެންމެފަހުން މިފަހަރު ފެށި ކެމްޕެއިންގެ ދަށުން ވަނީ ފިލްމު ބޮއިކޮޓު ކުރުމަށް ޕެޓިޝަނެއް ވެސް ފަށާފައެވެ. މި ޕެޓިޝަންގައި މިހާރު ސޮއިކޮށްފައިވާ މީހުންގެ އަދަދު 40،000 އިން މައްޗަށް އަރައެވެ.