ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ "ޕައިރެޓްސް އޮފް ދަ ކެރީބިއަން" ފްރެންޗައިޒް އަށް އެކްޓަރު ޖޮނީ ޑެޕް އަލުން ބޭނުންވާ ކަމަށް އެ ފްރެންޗައިޒްގެ ޑައިރެކްޓަރު ޖެރީ ބްރަކްހައިމާ ބުނެފިއެވެ.

ޖޮނީ ޑެޕް އެ ފްރެންޗައިޒް އިން ބޭރުކުރީ އޭނާގެ ކުރީގެ އަނބިމީހާ އެމްބާ ހާޑްއާއި ކައިވެނިކޮށްގެން އުޅުނުއިރު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކުގެ މައްސަލަތައް ފެންމަތިވުމާއި ގުޅިގެންނެވެ. އަދި މި ފިލްމުތަކުން ޖޮނީ ދެން ނުފެންނާނެކަމަށް ޑިޒްނީންއިންވެސް މީގެކުރިން ވަނީ ކަށަވަރުކޮށްދީފައެވެ.

އަދި، ޑިޒްނީން ކިތަންމެ ބޮޑު އަގެއް ހުށައެޅި ނަމަވެސް "ޕައިރޭޓްސް އޮފަ ދަ ކެރީބިއަން" ގެ އެއްވެސް ފިލްމެއް ދެން ނުކުޅޭނެކަމަށް މިއަހަރު އޭޕްރީލް މަހު ޖޮނީ ވަނީ ބުނެފައެވެ.

ޖޯނީ ޑެޕް މައިގަނޑު ކެރެކްޓާ ކުޅެމުން ދިޔަ ކާމިޔާބު ފްރެންޗައިޒް "ޕައިރޭޓްސް އޮފް ދަ ކެރީބިއަން" ގެ އާ ފިލްމުން ދެން ފެންނާނީ މާގޯ ރޮބީ ކަމަށް ކުރިން އިއުލާނުކުރިއެވެ. ނަމަވެސް ދާދިފަހުން ވަނީ އެ ޕްރޮޖެކްޓް ކެންސަލު ކޮށްލައިފައެވެ.

އެކަމަކު، އަނެއްކާވެސް ޑެޕް އެނބުރި އެ ރޯލަށް އަންނަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރެން ފަށާފައެވެ. މިއާއެކު ދާދިފަހުން ބްރަކްހައިމާ ބުނެފައިވަނީ ޕައިރެޓްސްގެ ރޯލަށް ޑެޕް އަލުން ގެންނަން އޭނާ ބޭނުންވާ ކަމަށެވެ.

ނަމަވެސް އެއީ އަދި ހަގީގަތަކަށް ވެފައިވާ ކަމެއް ނޫން ކަމަށާއި އެކަން ހަގީގަތަކަށް ވުމަށް އޭނާ ވަރަށް ބޭނުންވާ ކަމަށެވެ.

ޑެޕް އަލުން ފްރެންޗައިޒް އަށް ގެންނަން އުޅޭ ކަމުގެ އިޝާރާތްތަކެއް ވަނީ ފްރެންޗައިޒްގެ ރައިޓްސް އޮންނަ ޑިޒްނީއިން މި ފަހަކަށް އައިސް ކޮށްފައެވެ. ނަމަވެސް ޑިޒްނީއިން ވެސް މިއިން އެއްވެސް ކަމެއް ކަށަވަރު ކޮށްދީފައެއް ނުވެއެވެ.