ކަރުދާހެއްގައި ލިޔެފައިވާ ލިޔުމެއް ކޮމްޕިއުޓަރުފަދަ ޑިވައިސްއަކަށް ލުމަކީ އަދި މިހާތަނަށް އެކިއެކި ފަރާތްތަކުން އުފައްދާފައިވާ ޓޫލްތަކުގެ އެހީގައި ވަރަށް އުނދަގޫ ކަމެކޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ.

އަތުލިޔުން ޑިސިފަރ ކުރުމަކީ ނުވަތަ އަލުން ޓައިޕް ކުރުމަކީވެސް އެހާފަސޭހަކަމެއް ނޫނެވެ.

ކުރީގެ މުސްކުޅި ލިޔުންތައް ގިނައިން ހުރީ އަތުންލިޔެ ފޮތްތަކުގައި ރައްކާކުރެވިފައެވެ. އެފަދަ ލިޔުންތައް އަލުން އާކޮށް ބޭނުންކުރަން ކޮމްޕިއުޓަރުގެ ބޭނުންކުރަން ޖެހޭއިރު ގޫގުލް އިން ދަނީ އެކަމަށް ހައްލެއް ހޯދައިދިނުމަށް ޚާއްޞަ ޓޫލެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ.

މިޚާއްޞަ ޓޫލް އުފެއްދުމުގެ މަސައްކަތުގެ ތެރެއިން އަވަސް އަވަހަށް ލިޔެފައިވާ ބޭސް ސިޓީތަކާއި ޑޮކްޓަރުންގެ ނޯޓްތައް ކިޔައި ޓްރާންސްކްރިޕްޓް ކުރެވޭނެ ވަސީލަތެއް ގޫގުލް އިން މިހާރުވަނީ ދައްކައިލައިފައެވެ.

މި ފީޗާ އާންމުންނަށް ބޭނުން ކުރުމަށް އަދި ތައްޔާރު ނުވި ނަމަވެސް ކުންފުނީގެ މިހާރު ހުރި ޓްރާންސްކްރިޕްޝަން ސޮފްޓްވެއާ ރަނގަޅު ކުރުމަށް ގޫގުލްއިން ދަނީ އޭގެ ބޭނުން ހިފަމުންނެވެ.

މި ޕްރޮޓޯޓައިޕަކީ 2022 ވަނަ އަހަރު ގޫގުލް ފޯ އިންޑިއާ އިވެންޓުގައި ގޫގުލް އިން ހުށަހެޅި އެއް ޓެކްނޮލޮޖީއެވެ. އެއީ ޑޮކްޓަރެއްގެ ލިޔުމުގެ ސްޓައިލް ތަހުލީލުކޮށް، އެ ސިޓީގައިވާ އެއްޗަކާއި މެޑިކަލް މައުލޫމާތު އެއްކޮށްލާ ޓޫލެކެވެ.

ބަލިމީހެއްގެ ކިބައިން ފެންނަ އަލާމާތްތަކާއި އެކު ޑޮކްޓަރަކު ބޭހެއް ލިޔެދިނުމުން އޭގެ ފުރަތަމަ އަކުރު އަދި އެންމެ ފަހު އަކުރު ޑިސިފަރ ކުރަން މިޓޫލް މަސައްކަތް ކުރެއެވެ. ދެން، އެ މައުލޫމާތު އަލާމާތްތަކަށް އާންމުކޮށް ދޭ ފަރުވާތަކާ އަޅާކިޔައި، ޑޮކްޓަރު ލިޔުނީ ކޮން ފަރުވާތަކެއްކަން ދެނެގަނެއެވެ.

މި ޓޫލްގެ މަސައްކަތް އަދިވެސް އިތުރަށް ތަރައްގީ ކުރަމުންދާއިރު، ގޫގުލް އިން ފާހަގަކުރާ ގޮތުގައި މިއީ އަދި ބޭނުން ކުރަން ނިންމާފައިވާ އެއްޗެއް ނޫނެވެ. ގޫގުލް ލެންސް އިން މިހާރު ވެސް ފޮޓޯތަކުގެ ތެރޭގައި ލިޔެފައިވާ ލިޔުން ކިޔަން މަސައްކަތް ކުރި ނަމަވެސް އަތުލިޔުމުގައި އުނދަގޫތަކެއް ކުރިމަތިވެއެވެ.

މި ޚާއްޞަ ޓޫލްގެ އިތުރުން ގޫގުލް އިން ވަނީ ޓެސްޓް ކުރަމުންދާ ނަމަވެސް ފަހުން ދުނިޔޭގެ ފެންވަރުގައި ޢާއްމުކުރާނެ ޔޫޓިއުބްގެ އާ ދެތިން ފީޗާއެއް ވެސް ދެކުނު އޭޝިއާގެ މާކެޓުގައި ދައްކާލާފައެވެ.

މަލްޓި ލެންގުއޭޖް އޯޑިއޯ ސަޕޯޓަކީ ގޫގުލް އިން ތައާރަފް ކުރަމުން އަންނަ ޔޫޓިއުބް ފީޗާއެކެވެ. ޔޫޓިއުބް ވީޑިއޯތަކުގައި އެތައް ބަހަކަށް ސަބްޓައިޓްލް ހިމަނާލެވޭތާ ދުވަސްކޮޅެއް ވެފައިވާއިރު، ގޫގުލް އިން ދަނީ އެތައް އޯޑިއޯ ޓްރެކްތަކެއްގެ މެދުގައި ވީޑިއޯތައް ބަދަލުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންނެވެ.