23 Dec 2022, 00:00
ވަޓްސްއެޕްގައި މީހަކާ ނުވަތަ ގްރޫޕެއްގައި ވާހަކަދައްކާއިރު އޮޅުމަކުން މެސެޖެއް ފޮނުވިއްޖެނަމަ އެ މެސެޖު ޑިލީޓް ކުރުމަށް "ޑިލީޓް ފޯ އެވްރީވަން" ފީޗާ ބޭނުން ކުރެވެއެވެ. އެ ފީޗާއަކީ ވަޓްސްއެޕް ނޫނަސް ވައިބާއާއި، ޓެލެގްރާމްގައިވެސް ބޭނުންކުރެވޭ ފީޗާއެކެވެ.
ބައެއް މީހުންނަށް އޮޅުމަކުން އެ ފީޗާގެ ބަދަލުގައި "ޑިލީޓް ފޯ މީ" ބޭނުން ކުރެވޭ ފަހަރުވެސް އާދެއެވެ. އެގޮތަށް މެސެޖެއް ޑިލީޓް ކޮށްލެވިއްޖެނަމަ އެ މެސެޖެއް ފުހެލެވޭނީ އަމިއްލަ މީހާގެ ޑިވައިސްއިން އެކަންޏެވެ. އެހެން މީހުންނަށް ފޮނުވި މެސެޖު ނުފުހެވޭނެއެވެ. ނަމަވެސް މިހާރު ވަޓްސްއެޕްއިން ވަނީ އެ މައްސަލަ ހައްލު ކުރުމަށް އާ ފީޗާއެއް ތައާރަފުކޮށްފައެވެ.
އެއީ "ޑިލީޓް ފޯ މީ"އަށް ފިތާލެވޭ ފަހުން، އެ މެސެޖު އަލުން ފެންނަ ގޮތް ހެދޭނެ ފީޗާއެކެވެ. އެއާއެކު، "ޑިލީޓް ފޯ އެވްރިވަން" އަލުން ޚިޔާރު ކުރެވޭނެއެވެ.
"އެކްސިޑެންޓަލް ޑިލީޓް"ގެ ނަން ދީފައިވާ މި ފީޗާގައި ކުރިން ޑިލީޓް ކުރެވުނު މެސެޖު އިއާދަކުރުމަށް ފަސް ސިކުންތު ދޭނެއެވެ.
ވަޓްސްއެޕުން ބުނީ އެ ފީޗާ އެންޑްރޮއިޑްއާއި އައިފޯން ބޭނުންކުރާ މީހުންނަށްވެސް ލިބޭނެ ކަމަށެވެ.
ވަޓްސްއެޕްގެ މައުލޫމާތު ގެނެސްދޭ "ޑަބްލިއުއޭބީޓާއިންފޯ"ގެ ރިޕޯޓެއްގައި ވާގޮތުން އެ ކުންފުނިން ވަނީ މި ފީޗާ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ޓެސްޓު ކޮށްފައެވެ.
ވަޓްސްއެޕުން 2017 ވަނަ އަހަރު ތައާރަފުކުރި "ޑިލީޓް ފޯ އެވްރީވަން" ފީޗާ މީގެ ކުރިން ބޭނުން ކުރެވެނީ މެސެޖު ފޮނުވާތާ ހަތް މިނިޓު ތެރޭގައެވެ. ނަމަވެސް މި އަހަރުގެ އޮގަސްޓް މަހު އެ ކުންފުނިން ވަނީ އެ މުއްދަތު ދެ ދުވަހާއި 12 ގަޑިއިރަށް އިތުރުކޮށްފައެވެ.