21 Dec 2022, 10:41
މަޝްހޫރު ޕޫމާ ބްރޭންޑްގެ އެމްބެސެޑަރުކަމަށް އެއްބަސްވެފައިވާކަމަށް ބަތަލާ އަނުޝްކާ ޝަރްމާ މިއަދު ބުނެފިއެވެ.
އަނުޝްކާ ޝަރްމާ، ޕޫމާ ބްރޭންޑްގެ އެމްބެސެޑަރު ކަމަށް ހަމަޖައްސާފައިވާއިރު އިއްޔެ، އޭނާ އެ ބްރޭންޑުގެ ހެދުން އަޅައިގެން ހުއްޓައި ނަގާފައިވާ ފޮޓޯތަކެއް ޕޫމާގެ ސޭލް ޕްރޮމޯޝަނެއްގައި ބޭނުންކުރުމުން އަނުޝްކާވަނީ އެކަމާ ނުރުހުން ފާޅުކޮށް ފޮޓޯތައް ސޯޝަލް މީޑިއާއިން ނެގުމަށް ގޮވާލާފައެވެ.
އަނުޝްކާއާއި ޕޫމާ އިންޑިއާ ގޮތްޕާ ދެމެދު ހިނގި މިކޯޅުންގަނޑު ހުއްޓުވުމަށް ޕޫމާ އިންޑިއާގެ ފަރާތުން އިއްޔެ ވަނީ އެމީހުންގެ ޓީމާއި ގުޅުމަށް އަނުޝްކާ ގާތު އެދިފައެވެ. އިންޑިއާގެ މީޑިއާގައި މި ޚަބަރުތައް ޝާއިއުކުރުމާއެކު ފޭނުންގެ އިތުރުން ޢާއްމުންގެ ގިނަ ބަޔަކު ބުނެފައިވަނީ މިއީ ބަތަލާ އަނުޝްކާ ޝަރްމާ ޕޫމާގެ އެމްބެސެޑަރުކަމަށް ސޮއިކުރުމުގެ އިޝާރާތެއްކަމުގައެވެ. ކަންވީވެސް އެހެންނެވެ.
މިއަދުގެ ވަގުތެއްގައި އަނުޝްކާވަނީ ޕޫމާ ބްރޭންޑް ތަރިންގެ މެދުގައި މަގުބޫލުވެފައިވާ 'ކެޓް' ބްރޭންޑްގެ ޢާއިލާއާއި ގުޅުނުކަން ރަސްމީކޮށް އިޢުލާނުކޮށްފައެވެ.
މިގޮތުން ޕޫމާ ބްރޭންޑްގެ ތަކެތި ޕްރޮމޯޓްކުރުމުގެ އިތުރުން ޕޫމާއިން ހިންގާ ތަފާތު އެކި ކެމްޕޭންތަކުގައި އަނުޝްކާ ބައިވެރިވާނެއެވެ.
ޕޫމާއާ ގުޅިގެން ކުރިޔަށްއޮތް އަހަރުތެރޭ ހިންގާ ގިނަ ޙަރަކާތްތަކާބެހޭ މަޝްވަރާތައް ކުރިޔަށްދާކަމަށްވެސް ބަތަލާވަނީ ބުނެފައެވެ. އޭނާގެ އިތުރުން ޕޫމާ ބްރޭންޑް އެމްބެސެޑަރެއްގެގޮތުގައި މަސައްކަތްކުރާ ބަތަލާއިންގެ ތެރޭ، ކަރީނާ ކަޕޫރު ޚާން، ސާރާ ޢަލީ ޚާން، ޖެކްލީން ފެނާންޑެޒް އަދި ބޮކްސިންގް ކުޅުންތެރިޔާ މެރީ ކޮމް ހިމެނެއެވެ.
ޕޫމާގެ އިންޑިއާ ގޮފީގެ ޑިރެކްޓަރު އަބީޝެކް ގަންގުލީ ވަނީ، އަންހެނުން ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ޕޫމާއިން ބްރޭންޑް އެމްބެސެޑަރުންގެގޮތުގައި އަންހެން ސެލެބްރިޓީވް ހޮވުމަށް ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަކަން ފާހަގަކޮށްފައެވެ.