10 Apr 2012, 15:00
ކުށަށް އަރައިގަންނަ މީހުންގެ އުކުޅުތައް ބަދަލުކޮށް އުކުޅުތައް އެޑްވާންސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓްގެ ވެރިޔާ، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަބްދުﷲ ނަވާޒު މިއަދު ވިދާޅުވީ އާންމު ވައްކަންތައް ދަންވަރުގެ ހިމޭން ކަމުގައި ކުރި ނަމަވެސް ފޭރުމުގެ ހާދިސާތައް އަންނަނީ ދުވާލުގައި ކަމަށާއި ކުށަށް އަރައިގަންނަ މީހުންގެ އުކުޅުތައް ބަދަލުކޮށް އެޑްވާންސްކޮށްފައިވާ ކަމަށެވެ.
"އާންމު ގޮތެއްގައި ދުވާލު ބޭންކިން ގަޑީގައި ފޭރެނީ. އެކަމަކު ވައްކަން މިހާރު ވެސް ކުރާކަމަކަށް ފާހަގަ ކުރެވެނީ ދަންވަރު މީހުން ނޫޅޭ ވަގުތު ތަކުގައި،" ނަވާޒު ވިދާޅުވި އެވެ. "ކުށަށް އަރައިގަންނަ މީހުން ބޭނުންކުރާ އުކުޅުތައް މިހާރު ބަދަލުކޮށް އެމީހުން އެޑްވާންސް ވެފައިވާކަން ފާހަގަ ކުރެވޭ. މިކަންކަން [ކުށަށް އަރައިގަތުން] ޒަމާނީ ގޮތްތަކަކަށް މިދަނީ. ހާއްސަކޮށް މާލޭގައި ކުށްވެރިންގެ ކަންތައްތައް އޮޕަރޭޓް ކުރަނީ ބޮޑެތި ގޭންގުތައް ހަދައިގެން. އެކަހަލަ ގޮތަކަށް މަސައްކަތް ކުރަމުންދާތަން މިފެންނަނީ. އެމީހުން ވެސް ތަންތަން ލޮކޭޓްކޮށްގެން ފައިސާ ގެންގުޅެނީ ކޮންކޮން ބައެއްތޯ ބަލާ،"
އޭނާ ވިދާޅުވީ އެފަދަ ބޮޑެތި ކުއްތަށް ކުރާ މީހުންގެ ހާއްސަ ޕްރޮފައިލް އެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އިންޓެލިޖެންސް މެދުވެރިކޮށް އެފަދަ މީހުންގެ މައުލޫމާތު ހޯދައި، އިންސާފުގެ ކުރިމައްޗަށް އެންމީހުން ގެންދިއުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން މި މަހުގެ ތެރޭގައި މިހާތަނަށް ކޮންމެ ދުވަހަކު ވައްކަމުގެ 14 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މި އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދުގެ މެންދުރު 12:30 ހަމައަށް ވައްކަމުގެ 149 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ވައްކަމުގެ 14 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ. މިދިޔަ މާޗް މަހު ވެސް އެންމެ ގިނައިން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ވައްކަމުގެ މައްސަލަ ތަކެވެ. މާޗު މަހުގެ ތެރޭގައި 622 މައްސަލަ ރިޕޯޓް ކުރި އެވެ. މީގެ އިތުރުން ވެސް މިމަހުގެ މިހާތަނަށް ފޭރުމުގެ 15 މައްސަލައަކާއި ތަފާތު އެއްޗެހި ގެއްލިގެން 21 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ.