30 Jul 2010, 14:52
19:00
ޤާނޫނު އަސާސީއަށް އަމަލްކުރަން ފެށިއިރު ތިބި ފަނޑިޔާރުންގެ ޝަރުތު އުނިކުރުމަށް ޤާނޫނެއް ހަދައިގެން ޤާނޫނަކުން އެ ކަންތައް ކުރުމުގެ ބާރެއް ނޯންނާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް މުޖުތާޒު ފަހްމީ ވިދާޅުވެއްޖެ އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް މިހެން ވިދާޅުވީ އެ ކޮމިޝަނުން މިހާރު ކުރިއަށް ގެންދާ ފަނޑިޔާރުން ދާއިމީ ކުރުމުގެ މަސައްކަތްތަކާ ބެހޭ ގޮތުން ސަންއެފްއެމަށް ދެއްވި އިންޓަވިއުއެއްގަ އެވެ. މުޖުތާޒު ވިދާޅުވީ އާ ޤާނޫނު އަސާސީއަށް އަމަލްކުރަން ފެށުމާއެކު ފަނޑިޔާރުން ލެއްވުމާއި ފަނޑިޔާރުން ވަކިކުރުމާއި އެމީހުންގެ ސުލޫކީ ކަންތައްތައް ބެލެހެއްޓުމުގެ ހުރިހާ މެންޑޭޓެއް ޤާނޫނު އަސާސީން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ލިބިދީފައިވާ ކަމަށެވެ. އަދި ޤާނޫނު އަސާސީގެ 285 ވަނަ މާއްދާގައި ބުނެފައިވާ ފަނޑިޔާރުންނަކީ ޤާނޫނު އަސާސީ އަށް އަމަލްކުރަން ފެށިއިރު ތިބި ފަނޑިޔާރުން ކަމަށާއި އެއީ އޭރު އޮތް ޤާނޫނެއްގެ ދަށުން އަންޔަންކޮށްފައިވާ ފަނޑިޔާރުން ކަމަށްވެސް މުޒުތާޒު ވިދާޅުވި އެވެ. ނަމަވެސް އެ ފަނޑިޔާރުން ވެސް 149 ވަނަ މާއްދާގައި ބުނެފައިވާ ޝަރުތުތައް ހަމަވޭތޯ ބެލުމުގެ މަސައްކަތް އެ ކޮމިޝަނުން ކުރަމުން އަންނަ ކަމަށް ވެސް ޖޭއެސްސީގެ ރައީސް ވިދާޅުވި އެވެ.
ފަނޑިޔާރުން ދާއިމީ ކުރުމުގެ މަސައްކަތްތައް ކުރުމަށް ދެ އަހަރުގެ މުއްދަތެއް ދީފައިވީ ނަމަވެސް މިހާރު އޮތް ކޮމިޝަނަށް އަދި ވެފައި ވަނީ އެއް އަހަރު ކަމަށާއި ނަމަވެސް ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ މުއްދަތުގެ ނިޔަލަށް އެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މުޖުތާޒު ވިދާޅުވި އެވެ. އަދި އެ މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އުސޫލު ނުވަތަ ގަވާއިދަކީ ވެސް އެ ކޮމިޝަންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވާ މިންގަނޑެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބެލުމުގެ މަސައްކަތް އެކޮމިޝަނުން ކުރަމުންދަނިކޮށް، ދާދި ފަހުން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖޭއެސްސީ ކައިރިއަށް އެއްވެ، ފަނޑިޔާރުންނާ ބެހޭ ޤާނޫނެއް ނެތި އެ މަސައްކަތްތައް ނުކުރެވޭނެ ކަމަށް ބުނެ އަޑުއުފުލާފަ އެވެ. އަދި އެ ކަންތައްތައް ކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހިގެން ބައެއް މީހުން ވަނީ އެ ކޮމިޝަންގެ ރައީސްގެ އިސްތިއުފާއަށް ވެސް ގޮވަފަ އެވެ.
މުޖުތާޒު ފަހްމީ ވިދާޅުވީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ފަނޑިޔާރުންނަށް ބިރުދައްކައި ހަދައިގެން ނުވާނެ ކަމަށް ޤާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައިވާއިރު، އެފަދަ ކަންތައްތައް ކުރުމަކީ ވަރަށް ނުބައި ނަތީޖާއެއް ނުކުމެދާނެ ކަމެއް ކަމަށެވެ. އަދި އެ ކަންތައްތައް ކުރުމަށް ފުރުސަތު ދިނުމަކީ ރައްޔިތުންގެ އަސާސީ ވަރަށް ބޮޑު ހައްޤަކަށް އަރައިގަތުން ކަމަށް ވެސް މުޖުތާޒު ފަހުމީ ވިދާޅުވި އެވެ.