ކަނޑަށް އެޅޭ ތެޔޮ ސާފުކުރާ އުޅަނދެއް ޖަޕާން ސަރުކާރުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކޮށްފިއެވެ.

ބަންޑާރަކޮށީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން އެ އުޅަނދު ކޯސްޓްގާޑާ ހަވާލުކޮށްދެއްވީ އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކައި ޝުންސުކޭއެވެ. ޑިފެންސް މިނިސްޓްރީގެ ފަރާތުން އެ އުޅަނދާ ހަވާލުވެލެއްވީ މިނިސްޓަރު މާރިޔާ އަޙްމަދު ދީދީއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވަނީ، ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއާ މެދު ބަހައްޓާ ގާތްކަމާއި ބަދަހި ގުޅުން ފާހަގަކުރައްވައި، އެ ގައުމުން ވެދޭ ދީލަތި އެހީތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ހަމައެއާއެކު، ޖަޕާނު ސަރުކާރުން ހިލޭ އެހީގެ ދަށުން އެމްއެންޑީއެފް ކޯސްޓްގާޑަށް ހަދިޔާކުރި ތެޔޮ ސާފުކުރާ އުޅަނދު ވާނީ، ކަނޑަށް އެޅޭ ތެލުގެ ހާދިސާތަކުން ރާއްޖޭގެ ކަނޑުތަކާއި ގޮނޑުދޮށްތައް ސަލާމަތްކުރުމަށް ވަރަށް މުހިންމު އުޅަނދަކަށް ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ޖަޕާނަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް ގިނަ އެހީތަކެއް ފޯރުކޮށްދެމުންދާ ގައުމެއް ކަމަށާއި، އޭގެ ތެރޭގައި އުމްރާނީ، ތައުލީމީ، ސިއްހީ އަދި އިޖުތިމާއީ ތަރައްގީ ހިމެނޭ ކަމަށެވެ. އަދި، މާލެ ވަށައިގެން ބޭރުތޮށި ލުމުގެ މަސައްކަތަކީ ޖަޕާނުން ވެދީފައިވާ އެހީއެއް ކަމަށާއި ސުނާމީ ކާރިސާގައި މާލެއަށް ބޮޑުވަރުނުވެ ސަލާމަތްވާން މެދުވެރިވީ އޭގެ ސަބަބުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތަށް ފަހު، އިއްޒުއްދީން ޖެޓީ ސަރަހައްދުގައި ވަނީ އުޅަނދުގެ މަސައްކަތް ކުރިއަށްގެންދާ ގޮތް ދައްކާލާފައެވެ.