އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ސެކިއުރިޓީ ރޫމަކަށް ވަދެ، އެ ކޮމިޝަންގެ ގުދަނެއް ފަޅައިލައި، ވައްކަން ކުރި މައްސަލަތަކެއް ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް އެ ކޮމިޝަނުން މިއަދު ބުނެފިއެވެ.

މިއަދު އީސީން ނެރުނު ބަޔާނެއްގައިވަނީ އެ ކޮމިޝަންގެ ސެކިއުރިޓީ ރޫމަށް މީހަކު ވަދެފައިވަނީ އެ އިމާރާތުގެ ބޭރުން ފަޅައިލައިގެން މިދިޔަ މަހުގެ 30ވަނަ ދުވަހުކަމަށެވެ. އަދި އަރަބިއްޔާ ސްކޫލުގެ ބާ އިމާރާތުގައި ހުންނަ އެ ކޮމިޝަންގެ ގުދަން މި މަހުގެ 10ވަނަ ދުވަހު ފަޅައިލައިފައިވާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އީސީގެ ރައީސް ފުއާދު ތައުފީގް މިއަދު "ސަން"އަށް ވަނީ އެ ކަން ކަށަވަރުކޮށް ދެއްވައިފައެވެ.

އީސީން ބުނީ ގުދަން ފަޅައިލައި ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގައި ގެއްލުން ދިންކަމަށެވެ. އެގޮތުން އެ ގުދަނުގައި ހުރި ފަސް ނެޓްބުކެއް ގެއްލިފައިވާކަމަށާއި، 11 ޔޫޕީއެސްއާއި، 65 އިންޗީގެ ދެ ޓީވީ އާއި ދެ ސްޕީކަރު ސެޓާއި، 10 މީޓަރުގެ އެކްސްޓެންޝަން ބޯޑެއް ވަަގަށް ނަގައިފައިވާކަމަށެވެ.

އެއާއެކު އީސީން ބުނީ ސެކިއުރިޓީ ރޫމު ފަޅައިލި އިރު އިންތިޚާބަކާ ގުޅޭ އެއްވެސް މަސައްކަތެއް ނުކުރާކަމަށެވެ.

މި ހާދިސާގެ ސަބަބުން ކުރިއަށް އޮތް އެއްވެސް އިންތިޚާބަކަށް އެއްވެސް އަސަރެއް ނުކުރާނެކަމަށް އީސީން ބުންޏެވެ. އަދި މިހާރު އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަކަމަށް ވެސް އީސީގެ ބަޔާނުގައި ބުންޏެވެ.

"ވައްކަމުގެ މި ދެ ހާދިސާއާ ގުޅިގެން ކުރިއަށް ހުރި އިންތިޚާބުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، މި ކޮމިޝަނުގެ މަސައްކަތްތައް ހިނގާ އިމާރާތްތަކުގެ ސެކިއުރިޓީގެ ކަންކަން ކަމާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން ވަރުގަދަ ކުރުމަށް ޓަކައި މި ކޮމިޝަނުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަމުން ގެންދާނަމެވެ،" ކޮމިޝަންގެ ބަޔާނުގައި ބުންޏެވެ.

މީގެ އިތުރުން އެ ފަދަ ކަންކަން ހުއްޓުވުމަށް ޓަކައި އެޅޭނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ފުލުހުންނާއެކު މަޝްވަރާކޮށް އިތުރަށް ސެކިއުރިޓީ ވަރުގަދަކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާކޮށްފައިވާކަމަށް އީސީންވަނީ ބުނެފައެވެ.