"ހާޝިމްއާ؟" ހާފިޒު ސުވާލުކޮށްލުމާއެކު ހައިފާ ބޯ ޖަހައިލިއެވެ.

ހައިފާގެ އެ ވާހަކައިން ހާފިޒުއަށް ހައިރާންކަން ލިބުނު ނަމަވެސް، އޭނާ ކަންބޮޑުވިއެވެ. ހައިފާއަށް ލިބިފައިވާ ނުތަނަވަސްކަމުގެ ސަބަބު އެނގުމަށްފަހު, އޭނާއަށް ހައިފާގެ އަތަށް ބާރުކޮށްލެވުނެވެ. ހައިފާގެ އެ ނުތަނަވަސްކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރު އޭނާއަށް ވުރެ ބޮޑަށް އެނގޭނެ އިތުރު މީހަކު ނެތެވެ. ހައިފާއާއި އޭނާއާ ދެމީހުން ދިމާވީ ހައިފާ ހިތާމައިގެ ކަނޑަކަށް ޣަރަގުވަމުން ދަނިކޮށެވެ.

"އޭނައަކަށް ނުކެރޭނެ ދެނެއް ހައިފާއަށް ކަމެއް ކުރާކަށް؟ އެކަމާ ނުވިސްނާ. މިހާރު އަހަރެން މިހުރީނު. ހައިފާއާއެކު..." ހައިފާ އޭނާގެ ގަޔާ ކައިރިކޮށްލަމުން ހާފިޒު ބުނެލިއެވެ. ހައިފާ އޭނާގެ ނޭފަތް އެތެރެއަށް ދަމައިލަމުން ކަރުނަތައް ފުހެލިއެވެ.

"ނާޒިލް ކިހިނެއްތަ؟ ކީއްވެތަ އެއްވެސް މީހަކު އަހަރެން ކައިރީގައި ތި ވާހަކަ ނުބުނީ؟" ހާފިޒު ސުވާލުކޮށްލިއެވެ. ހައިފާ އެ ސުވާލަށް ޖަވާބެއް ނުދިނެވެ.

"ކައިފިންތަ؟" ހާފިޒު މައުޝޫ އަނބުރައިލަމުން ހައިފާއާ ސުވާލުކޮށްލީ ހައިފާގެ ނުތަނަވަސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ގެނެސްދޭން ބޭނުންވުމުންނެވެ. ހައިފާ ދެފަރާތަށް ބޯ ހޫރައިލިއެވެ.

"އަހަރެންވެސް ނުކަން އަދި. ހިނގާ ކޮންމެވެސް އެއްޗެއް ކާލަން." ހާފިޒު އެކަމަށް އެދުމުން ހައިފާ ދެކޮޅު ހެދިނަމަވެސް، ހާފިޒުގެ އާދޭހާއެކު, މިފަހަރު ހައިފާއަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ.

"ނާޒިލް މިރޭ ޑިއުޓީތަ؟" ހާފިޒު ސުވާލުކޮށްލިއެވެ.

"ނޫން. ބުނި ޑިއުޓި ނިމިގެން އަންނާނެ ވާހަކަ. އެކަމަކު ކުޑަކޮށް ލަސްވާނެ ވާހަކަ ބުނި." ހައިފާ އެ ސުވާލަށް ޖަވާބު ދިނެވެ. ކާހިތް ނުވެފައި އިން ހައިފާއަށް ކެވުނީ ވަރަށް ކުޑަކޮށެވެ. އެވެސް ހާފިޒުގެ އެތައް އާދޭހަކާ އެކުގައެވެ. ކައިގެން ގޭގައި އުޅޭ ނޯކަރު ކުއްޖެއް ކައިރީގައި ތަށިތައް ނެގުމަށް ބުނުމަށްފަހު، ހާފިޒު ހައިފާ ގޮވައިގެން ދިޔައީ ކޮޓަރިއަށެވެ. ހައިފާ ނިދުމުން އޭނާ އެތައް އިރަކު ހައިފާއަށް ބަލަހައްޓައިގެން އިނެވެ.

ހައިފާއަށް މާޒީގެ ސަބަބުން ނުތަނަވަސްކަމެއް ލިބެން އޭނާ ބޭނުން ނޫނަސް، އެ މާޒީއަކީ ހައިފާއާ ކިހާ ބޮޑަކަށް ގުޅިފައިވާ އެއްޗެއްކަން އޭނާ ހަނދާންނައްތައެއް ނުލައެވެ. ހައިފާއަށް މާޒީން ލިބުނު އަނިޔާއާއި ހިތިކަން އެންމެ ކައިރިން ފެނުނީ އޭނާއަށެވެ. ދިރިއުޅުމުގައި ތަޖުރިބާ ކުރަން ބޭނުން ނުވާނޭ އެތަކެއް ކަމެއް ހައިފާ ވަނީ ތަޖުރިބާކޮށްފައެވެ. ހާފިޒުއަށް ނިދަން އުޅެ އުޅެ ނިދޭގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ ކޮޓަރިން ނުކުމެގެން ގޭގެ ޓެރެސްއަށް މިސްރާބުޖެހިއެވެ.

ޓެރެސްއަށް އަރާ އޭނާ ޓެރެސްގައި ހުރި ގޮނޑިއެއްގައި އިށީނދެލިއެވެ. ޖެހެމުން ދަނީ އަރާމު ތެތްފިނި ވައިރޯޅިތަކެކެވެ. ހާފިޒު ފުންނޭވާއެއް ދޫކޮށްލިއެވެ. އެއަށްފަހު، އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ.

ފަލަކުގައި ހަނދު އޭގެ މަގާމުގައި ރަސްކަން ކުރަމުން ދިޔައިރު، ހަނދުގެ އިސްތުގްބާލުގައި ކުދި ޖަވާހިރުތަކެއްފަދައިން އެތަސް ހާސް ތަރިތަކެއް ފިޔަޖަހަމުން ދިޔައެވެ. އުޑުމަތި ސާފުވެފައި ވިލާކޮޅެއްގެ އަސަރުވެސް ނެތެވެ. ރޭގަނޑުގެ ހަމަހިމޭންކަމަކީ ހާފިޒުއަށް އަބަދުވެސް ވަރަށް ކަމުދާ ކަމެކެވެ. މީގެ ކުރިންވެސް އޭނާއަކީ ހަމަހިމޭން ރޭތަކަށް ލޯބިކުރާ މީހެކެވެ. އެންމެ ޒުވާން ދުވަސްވަރުން ފެށިގެންވެސް އެކަނި ވަގުތު ހޭދަކުރުމަށް އޭނާ ލޯބިކުރެއެވެ. ޒުވާން އުމުރުގައި އޭނާގެ ލޯބިވާ އަނބިމީހާ މަރުވުމަށްފަހު، އެކަނި ވަގުތު ހޭދަކުރުމަކީ އޭނާއަށް ހިތްހަމަޖެހުން ލިބޭކަމެކެވެ. އުމުރުން އެންމެ އަށާރަ އަހަރުގައި ފުރަތަމަ ކައިވެނި ކުރި ހާފިޒުގެ އަނބިމީހާ މަރުވީ ކައިވެންޏަށް އަހަރެއް ވީތަނާ ކުއްލި ގޮތަކަށެވެ. ދެމީހުންވސް ކައިވެނި ކުރީ އެންމެ އަށާރަ އަހަރުގައި ކަމަށް ވުމާއެކު، ޒުވާން އަނބިމީހާ މަރުވުމަކީ އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑެތި އަސަރުތަކެއް ކުރުވި ކަމަަކަށް ވިއެވެ. އެހެންނަމަވެސް، އެކަން ބަދަލުވީ އޭނާއާ ހައިފާއާ ދިމާވިފަހުންނެވެ. އަނބިމީހާ ނިޔާވުމަށްފަހު، ހާފިޒު ހުރީ އެ އަނބިމީހާގެ ހަނދާނުގައި ދުވަހަކުވެސް މީހަކާ ނީންނަން ނިންމައިގެންނެވެ. އެހެންނަމަވެސް، ދިރިއުޅުމާމެދު އޭނާ ދެކެމުން ދިޔަ ނަޒަރިއްޔާތު ބަދަލުވީ ހައިފާއާ ދިމާވިފަހުންނެވެ. ހައިފާއާ އޭނާއާ ދިމާވިއިރު ހައިފާ ވެސް ދިޔައީ ދިރިއުޅުމުގައި އެތަކެއް ހިމާތައެއް ތަހައްމަލް ކުރަމުންނެވެ. ނަފްސާނީ ގޮތުން އެތަކެއް ކަންތައްތަކަކާ ކުރިމަތިލަމުންނެވެ.

***

ނާޒިލް ހޮސްޕިޓަލް ޑިއުޓީ ނިންމާލާފައި ގެއަށް ދާންވެގެން ނުކުތީ އެކުވެރިއަކާއި އެކުގައެވެ. އެކުވެރިޔާގެ ސައިކަލު ހަލާކުވެގެން އުޅޭތީ ކާރުގައި ގޮސް އެކުވެރިޔާ ގެއަށް ލައިދީފައި، އޭނާވެސް ގޮސް ގެއަށް ވަނެވެ. އޭރު އެގާރަ ގަޑި ބަޔަށް ވުރެ ބޮޑުވެއްޖެއެވެ. ގޭތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އޭނާ ގޮސް ކޮޓަރިއަށް ވަދެފައި ފެންވަރާލައިގެން ނުކުމެ ނިދަން ލާ އުޅޭ ސޯޓެއް ލިޔެވެ. އެނދުގައި އޮށޯތުމަށްފަހު އޭނާ ފޯނުން އެފްބީ ހުޅުވައިލާ މިޝްޔާގެ ފޮޓޯއަކަށް ނަޒަރު ހުއްޓައިލިއެވެ. މިއަދުގެ ހާދިސާގެ މަތިން ހަނދާންވުމާއެކު އޭނާގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ހިނިތުންވުމެއް ވެރިވިއެވެ. އެެހެންނަމަވެސް، އެ ހިނިތުންވުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ފަނޑުވެގެން ދިޔައީ އޭނާއަށް ހާޝިމްގެ ސޫރަ ސިފަވުމާއެކުގައެވެ. ފޯނު މޭމަތީގައި ބާއްވަމުން އޭނާ، ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ. އެތައް އިރަކު އެހެން އޮތުމަށްފަހު، އޭނާ އެނދުން ތެދުވެލިއެވެ. ގަޔަށް ޓީޝާޓެއް މަހައިލަމުން އޭނާ ކޮޓަރިން ނުކުމެގެން ޓެރެސްއަށް އަރަން ހިނގައިގަތެވެ. ޓެރެސްއަށް އެރުމާއެކު އޭނާގެ ގައިގައި އެންމެ ފުރަތަމަވެސް ބީހިލީ ތެތްފިނި ވައިރޯޅިތަކެކެވެ. ކުޑަކޮށް ހީކަރުވާގޮތްވީ އޭނާ ދެންމެ ފެންވަރައިގެން ހުރުމުންނެވެ. އިސްތަށިގަނޑުވެސް އޮތީ ކޮންމެވެސް ވަރަކަށް ހޭވިފައެވެ.

އޭނާގެ ލޮލުގައި ގޮނޑީގައި އިން ހާފިޒު އަޅައިގަތުމާއެކު ކުޑަކޮށް ހައިރާންވިއެވެ.

"ޑޭޑް..." ނާޒިލް ގޮވައިލިއެވެ.

"ދަރިފުޅާ! ކީއްކުރަނީ މިގަޑީގައި؟" ހާފިޒު އެހެން ބުނެލިއެވެ. ނާޒިލް އައިސް އެތަނުގައި ހުރި ގޮނޑިއެއްގައި އިށީނެވެ.

"ނިދި ނައިސްގެން މިއައީ..." ނާޒިލް ބުނެލިއެވެ.

"އެއީ... އަނެއްކާ ކަމެއްވީތަ؟" ނާޒިލްގެ ފަރާތުންވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ބޭނުންވާތީ ހާފިޒު އެންމެ ފުރަތަމަ ހައިފާ އޭނާއާއި ހިއްސާކުރި ވާހަކަތައް ނާޒިލް ކައިރީގައި ނުބުނެއެވެ. ނާޒިލް ދެފަރާތަށް ބޯ ހޫރައިލި ނަމަވެސް، އެމޫނުމަތިން ހާފިޒުއަށް ފެނުނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.

"އެއްގޮތަކަށްވެސް ނޭނގުނު ނާޒިލް އެހާ ދުރުވީ ކީއްވެގެންކަމެއް؟ ކިއްވެ ބައްޕައާ އެއްވެސް ކަމެއް ހިއްސާނުކުރަނީ މިހާރު؟" ހާފިޒު ސުވާލުކޮށްލިއެވެ.

"ޑޭޑް... ކީކޭ..." ނާޒިލްއަށް އަހައިލެވުނެވެ. ހައިފާ އަނެއްކާ އޭނާއާ ހާޝިމްއާ ދިމާވި ވާހަކަ ހިއްސާކުރީބާއޭ އޭނާގެ ހިތަށް އެރިއެވެ.

"މަންމަ... މިރޭ ބުނެފި... ހާޝިމްއާ ދިމާވި ވާހަކަ..." ހާފިޒު ބުނެލިއެވެ. އެއަށްފަހު އެކަމުން ހައިފާއަށް ކޮށްފައިވާ އަސަރުތަށްވެސް އޭނާ ހާމަކޮށްލިއެވެ. ނާޒިލް ކަންބޮޑުވިއެވެ.

"މަންމަ އޯކޭތަ؟" އޭނާއަށް އަވަސް އަވަހަށް ހާފިޒުއާ ސުވާލުކޮށްލެވުނެވެ.

"ވަރަށް ވާހަކަ ދައްކައިގެން ހަމައަކަށް އެޅުނީ. މިހާރު ނިދިފަ އޮތީ..." ހާފިޒު ބުނެލިއެވެ.

"އޭނައަށް ދަރިފުޅު އެނގުނުތަ؟" ހާފިޒު ސުވާލުކޮށްލިއެވެ. ހާފިޒު އެ ސުވާލުކުރުމާއެކު އެންމެ ފަހުން ދުވަހު އޭނާ ފެނުމުން ހާޝިމް ކަންތައްކުރި ގޮތާ ދެއްކި ވާހަކަތައް އޭނާ ހާފިޒުއާ ހިއްސާކުރިއެވެ.

"މަންމައަށް ތިކަންތައް އެނގިއްޖެއްޔާ އަދި ވަރަށް ކަންބޮޑުވާނެ. އެހަށް ތިވާހަކަ މަންމަ ކައިރީގައި ބުނާކަށް ބައްޕައަކަށް ނުފެނޭ..." ހާފިޒު އެހެން ބުނެލުމުން ނާޒިލްވެސް އެކަމަށް އެއްބަސްވިއެވެ.

"ތޭންކްސް ޑޭޑް..." ނާޒިލް ހާފިޒުއަށް ޝުކުރު އަދާކުރިއެވެ.

"ކޮންކަމަކަށް؟" ހާފިޒު ހިނިތުންވެލިއެވެ.

"ޑޭޑް އަށް އެނގޭނެ... ޑޭޑް އާ އަޅުގަނޑާ މަންމައާ ދިމާވިއިރު މަންމަގެ ޙާލަތު އެންމެ ރަނގަޅަށް އެނގޭނެ އެކަކީ ޑޭޑް. އޭރު މަންމައަށް ހުރީ ވަރަށް ބޮޑަށް ނަފްސާނީ ގޮތުން އަސަރުކޮށްފައިކަން ޑޭޑްއަށް އެނގޭނެ." ނާޒިލް ބުނެލިއެވެ.

"އެ މާޒީއެއްނު. އެ ވާހަކަތައް މިހާރު ދެއްކުމުގެ ބޭނުމެއް ކޮބާ ދަރިފުޅާ!" ހާފިޒު ބުނެލިއެވެ.

"އެއީ. އެއީ މާޒީއަށް ވިޔަސް، އެ މާޒީއާ އަޅުގަނޑާ ނުގުޅޭ ކަމަކަށް ނުވާނެއެއްނު. ހާޝިމްއާ އަޅުގަނޑާ އޮތް ލޭގެ ގުޅުން ކަނޑައިލެވޭނެތަ؟ އޭނަ އެއީ އަޅުގަނޑުގެ އުފަން ބައްޕަ ނޫންކަމަށް ހެދޭނެތަ؟ އެ މާޒީގެ ސަބަބުން މުސްތަޤްބަލަށް އަޅުގަނޑަށް ދައްކަން ޖެހޭނީ ކޮންފަދަ އަގެއްކަމެއް ވެސް ނޭނގެ." ނާޒިލްގެ އަޑުގައި ހުރި އަސަރުތަކުން ހާޝިމްއަށް ވެސް އަސަރުކުރިއެވެ.

"ދަރިފުޅާ..." ހާފިޒު ވާހަކަ ދައްކަން އުޅުނު ނަމަވެސް އޭނާގެ ވާހަކަ ހުއްޓުނީ ނާޒިލް ވާހަކަ ދެއްކުމުންނެވެ.

"ޑޭޑްއަށް އެނގޭތަ؟ މަންމަ އޭނައާއި އިނދެގެން އުޅުނުއިރު، ރެއާއި ދުވާލު ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް ނުދާނެ... ޒުވާބުކުން އެކަންޏެއްނޫނެއްނު. އަނިޔާވެސް އެވަރަށް ކުރާނެ. އެވެސް އަޅުގަނޑުގެ ކުރިމަތީގައި. ހަނދާން ހުންނަން ފެށީއްސުރެ އުމުރުން ހަތްއަހަރު ވަންދެން ކޮންމެ ދުވަހަކު އެ މަންޒަރުތައް ދުށިން. މަންމަގެ އަތުގައި އިސްތިރި ޖެއްސި ދުވަހުވެސް... އަޅަން ގެންގުޅޭ ބެލްޓުން މަންމަގެ ގައިގައި ޖެހީ ކިތަށް ފަހަރުމަތިން ކަމެއް ނޭނގެ. އިސްތަށިގަނޑުގައި ހިފާ ކޮށްޕައިލާ... ނޭނގެ... ޑޭޑް. ނޭނގެ ކިޔައިދޭކަށްވެސް. އެއީ އިންސާނެއްގެ ސިފައިގައި ހުއްޓަސް އިންސާނެއް ނޫން..." ނާޒިލް އިސްޖަހައިލިއެވެ.

"ދަރިފުޅާ! އިރާދުކުރެއްވިއްޔާ ދެން އެ މާޒީއެއް ތަކުރާރެއް ނުވާނެ!." ހާފިޒު ބުނެލިއެވެ.

"އަޅުގަނޑު ނަފްސާނީ ޑޮކްޓަރަކަށް ވުމުގެ އެންމެ ބޮޑު ސަބަބަކީ ވެސް މަންމަ... އޭރު މަންމަ އުޅު ހާލު ފެންނާތީ. ރޭގަނޑު ނުނިދި، ނިދިޔަސް ފެންނަނީ ރޯތަން. ސިއްސައިގެން ދާތަން. އޭރު ޑޭޑް ގެ އެހީތެރިކަމާއެކު މަންމައަށް އެކަށީގެންވާ ފަރުވާ ނުދެވުންނަމަ މަންމަ މޮޔަވީސް. އަޅުގަނޑުމެން ދެމީހުންގެ ދިރިއުޅުން އުޖާލާކޮށްދިން ހަމަ އެކަނި މީހަކީ ތީ... އެކަމަށް އުމުރު ދުވަހު ޝުކުރު އަދާކުރިނަމަވެސް، ނުފުދޭނެ..." ނާޒިލް ބުނެލިއެވެ.

"އޭނަ އަނބުރާ އަޔަސް. އޭނަގެ ކަޅު ހިޔަނި ދެން ނުކެރޭނެ ނާޒިލްމެން ދެމީހުންގެ ދިރިއުޅުމަށް އެޅޭކަށް..." ހާފިޒު ބުނެލިއެވެ. އޭނާ ބޭނުންވީ ނާޒިލް ހިތްހަމަ ޖައްސައިދިނުމަށެވެ. އެވާހަކަތައް އެ ގޮތަށް ދެއްކުމަކީ ނާޒިލްއަށް ކިހާ އުނދަގޫ ކަމެއްކަން އޭނާއަށް އެނގެއެވެ.

"ކިހިނެއް އެނގެނީ... ހީވާކަހަލަ އަދި މި ނިމުނީއެއް ނޫނޭ. ބޭނުންވާ އުފާވެރިކަމެއް ނުލިބެނީސް އެ އުފާވެރިކަން ވެސް ބީވެގެން ދާން އުޅޭހެން ހީވަނީ..." ނާޒިލް މާނަފުން ޖުމްލައެއް ބުނެލުމާއެކު ހާފިޒުއަށް ނާޒިލްއަށް ފުން ނަޒަރަކުން ބަލައިލެވުނެވެ.

(ނުނިމޭ)