އިދިކޮޅު ޕީޕީއެމްގެ ލީޑާޝިޕާ ބައްދަލުކުރަން ދެކޮޅު ހެދީ ނޫން ކަމަށާއި އެވަގުތު ދިޔައީ ކުރިން ރާވާފައި އޮތް ބައްދަލުވުމަކަށް ކަމަށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޢަލީ ޚާލިދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނާއި ރައްޔިތުންގެ ކަންބޮޑުވުން ހިއްސާ ކުރުމަށް ޕީޕީއެމުން އިއްޔެ ވަނީ ޕީއެސްއެމަށް ގޮސްފައެވެ.

އެކަމަކު، އިދިކޮޅު ލީޑާޝިޕަށް ވަނީ އަލީ ޚާލިދާ ބައްދަލުވާ ގޮތް ނުވެފައެވެ. އެހެންވެ، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.

"އަޅުގަނޑުމެން ގޮސް ބައްދަލު ކުރަން އެދުނީމަ އެތަނުގައި އިންނަވާފަ، އެތަނުގެ އެމްޑީ، އަލީ ޚާލިދު އަޅުގަނޑުމެންނަށް ޖަވާބެއް ނުދެއްވާ އެތަނުން ނުކުމެވަޑައިގަތީ،" އަދުރޭ އިއްޔެ ވިދާޅުވިއެވެ.

ތުހުމަތުތަކަށް ރައްދުދެއްވަމުން ޚާލިދު ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕުން އޭނާއާ ބައްދަލުކުރަން އަންނަކަން ކުރިން އޭނާއަށް އެނގިފައިނުވާ ކަމަށެވެ. އަދި، އޭނާ އެވަގުތު ވަޑައިގަތީ ކުރިން ރާވާފައި އޮތް ބައްދަލުވުމަކަށް ކަމަށް ވިދާޅުވިއެވެ.

"ވަޑައިގެން ތިއްބެވި ބޭފުޅުންނަށް އަޅުގަނޑު ނިކުމެގެން ދިޔަތަން ފެންނާނެއެވެ. މީގެ މާނައަކީ އަޅުގަޑު ނިކުތީ ވަލުދޮރާއްޓަކުން ނޫންކަމެވެ." ބްލޮގްގައި އޭނާ ލިޔުއްވާފައި އޮތެވެ.

"އަޅުގަނޑު ދިޔަ ބައްދަލުވުން ނިމިގެން އަޅުގަނޑު އޮފީހަށް ގުޅައި އެބޭފުޅުން އަދިވެސް ތިބިތޯ އަހައިލީމެވެ. އެބޭފުޅުން މިހާރު ވަޑައިގެންފިކަމާއި އަދި ބޭނުންފުޅުވީ ދައުލަތުގެ މީޑިއާއިން ވަގުތު ނުދޭތީ އެކަމުގެ ޝަކުވާ އުފުލަންކަމަށް ވިދާޅުވިއެވެ. މިފަދަ ބައްދަލުވުމަށް ވަޑަަައިގަތުމުގެ ކުރިން އިޝާރާތް ކޮށްލެވުމަކީ އޮންނަ ކަމެއްކަން އެބޭފުޅުންނަށް އެނގިލައްވާނެއެވެ."

އޭނާ ވިދާޅުވީ ބައްދަލުވުން އޮންނަކަން ކުރިން އޭނާއަށް އެނގިފައި އޮތް ނަމަ ވަގުތު ހުސް ކުރީސް ކަމަށެވެ. އަދި، ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށާއި އަބަދުވެސް މަޝްވަރާއަށް ދޮރުތައް ހުޅުވާލާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި، ޕީޕިއެމްގެ ޚަބަރުތައް ވެސް ޕީއެސްއެމުން ގެނެސްދޭކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޕާޓީގެ ކަންކަމަށް ޖެހޭނީ ވަގުތު ގަންނަން ކަމަށާއި އެކަން އެ ބޭފުޅުންނަށް ވެސް އެނގިލައްވާނެ ކަމަށެވެ.