10 Apr 2012, 14:18
ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮތް އުސްފަސްގަނޑު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީއާ ހަވާލު ކުރުމަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެމްޑީޕީއަށް ދޫކޮށްފައިވާ ފަސް ގަނޑު ނަގަންޖެހޭ ސަބަބެއް އަދި ނެތް ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.
މޭޔާރު އަލި މަނިކު (މައިޒާން އަލިބެ) މިއަދު ވިދާޅުވީ ހައުސިން މިނިސްޓްރީން އެ ކައުންސިލަށް އަންގާފައިވަނީ އުސްފަސްގަނޑު ސަރަހައްދުގައި ގަވާއިދާއި ހިލާފަށް އަމަލުތައް ހިންގާ ކަމަށްވާނަމަ އެ ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލު ކުރަން ކަމަށެވެ. އެހެން ނަމަވެސް އެ ސަރަހައްދު ހުސްކުރަން އެމްޑީޕީއަށް އަންގަން ކައުންސިލަށް އަދި ނުފެންނަ ކަމަށެވެ.
މޭޔަރު އަދި ވިދާޅުވީ އުސްފަސް ގަނޑު އެމްޑީޕީއަށް ދީފައި އޮތް އޮތުން ބަދަލު ކުރަންޖެހޭތޯ ކައުންސިލުން ބަލަމުން އަންނަ ކަމަށެވެ.
"އެބޭފުޅުން އަންގާފައިވަނީ [ހައުސިން މިނިސްޓްރީން] އަންގާފައިވަނީ އުސޫލުތަކާއި ހިލާފަށް ކަންތައް ކުރާކަމަށްވަނީ ވިއްޔާ ބާރަވަނަ ދުވަހު އެތަން ނަންގަވާނަމޭ،" އަލިބެ ވިދާޅުވި އެވެ.
ސީޓީ ކައުންސިލް މެންބަރު މުހައްމަދު އަބްދުލް ކަރީމް މިއަދު ވިދާޅުވީ އެކައުންސިލްގެ ބެލުމުގެ ދަށުގައިހުރި ބިންތަކުގެ ރަޖިސްޓްރީ ބަދަލުކުރުމާއި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ހުރުމުން ހައުސިން މިނިސްޓްރީއާ ބިން ހަވާލުކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
"މާލޭ ސީޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ ބިންތަކުގެ ރަޖިސްޓްރީ ހުރީ ސިޓީ ކައުންސިލްގައި. އަޅުގަނޑުމެންނަށް ހިއެއްނުވޭ އެހެން މުހުލަތެއް ދީފައި ތިން ދުވަސް ތެރޭގައި އެ ބިމެއް ހަވާލު ކުރާށޭ ބުނީމަ އެކަން ނިންމޭނެ ހެނެއް. ހައުސިން މިނިސްޓްރީއަށް ދިނަސް ރަޖިސްޓްރޭޝަން ނެތި ބޭނުން ކުރެވޭނެތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.
ލާމަރުކަޒީ އުސޫލުން ސީޓީ ކައުންސިލަށް ލިބިފައިބާ ބާރުތައް ހަނި ކުރުމަށް މިހާރުގެ ސަރުކާރުން މަސައްކަތްކުރާ ކަމަށާއި މިނިސްޓްރީ ތަކުގެ އެއްބާރުލުން ސީޓީ ކައުންސިލަށް ނުދޭކަމަށް ވެސް ކައުންސިލުން މިއަދު ވަނީ ބުނެފަ އެވެ. ހާއްސަކޮށް ހައުސިން މިނިސްޓްރީން މަސައްކަތް ކުރަނީ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ހުރަސް އަޅަޅަން ކަމަށް ވެސް ވަނީ މިއަދު ތުހުމަތުކޮށްފަ އެވެ.