ކައިވެންޏަށް ފަހު ހަނީ މޫނަށް، އަލަށް ރާއްޖެއައި ޓެޖަސް ސަންޖޭ ކޮތްރީއަށް ލިބުނީ ހައިރާން ކުރުވަނިވި ޝަރަފެކެވެ. ރާއްޖޭގެ 1.6 މިލިއަން ވަނަ ފަތުރުވެރިޔާގެ ލަގަބެވެ. އެއީ ރާއްޖެ އައިއިރު އޭނާ އުންމީދު ކޮށްގެން ހުރި ކަމެއް ނޫނެވެ.

އުމުރުން 27 އަހަރުގެ އިންޑިއާއަށް އުފަން ޓެޖަސް އަކީ އެގައުމުގައި ވިޔަފާރި ކުރާ މީހެކެވެ.

އެއާޕޯޓުން ނިކުންނަށް އައިއިރު، އެންމެން ތިބީ އޭނާގެ އިސްތިގުބާލުގައެވެ. ސަގާފީ ބޮޑު ބެރާއި ފަރި ނެށުންތަކު ތެރޭން އޭނާއަށް ރަސްމީކޮށް މަރުޚަބާ ކީ ނައިބު ރައީސް ފައިސަލް ނަސީމެވެ. އެމަނިކުފާނު އަރިހުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު ޑރ. އަބްދުﷲ މައުސޫމާއި އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ތޮއްޔިބު މުހައްމަދު ބައިވެރިވެލެއްވިއެވެ.

ޓެޖަސް އޭނާގެ މި އުފާވެރި ވަގުތުކޮޅު ހިއްސާ ކުރަމުން ބުނީ އޭނާ ރާއްޖެ އައީ ހަނީ މޫނަށް ނަމަވެސް، މިފަދަ ކަމެއް ވެދާނެ ކަމަށް ކުރިން އުންމީދު ވެސް ނުކުރާ ކަމަށެވެ. އަދި، މިއީ އޭނާއަށް ލިބުނު ވަރަށް ހައިރާން ކުރުވަނިވި ޝަރަފެއް ކަމަށެވެ.

މިއަހަރު ރާއްޖެ ޒިޔާރަތް ކުރި 1.6 ވަނަ ފަތުރުވެރިޔާއާއެކު ނައިބު ރައީސް ފައިސަލް ނަސީމް-- ސަން ފޮޓޯ/ މުހައްމަދު ޝާތިއު އަބްދުﷲ

"ރާއްޖެއާ ބެހޭ ފޮޓޯތައް ފުރަތަމަ ފެނުނީ. ދެން އަހަންނަށް ވަރަށް ރީތި ގައުމެއް ރާއްޖެއަކީ. ރާއްޖެއަކީ އަހަރެން ދެކޭ ގޮތުގައި ވަރަށް ހިތްގައިމު، އުޅެން ވަރަށް ހިތްހަމަ ޖެހޭ ތަނެއް. އެއީ އަހަރެން ރާއްޖެ އަންނަށް ބޭނުންވި ކަމަކީ،" އުފަލުން ފޮޅިފައިހުރެ އޭނާ ކިޔައިދިނެވެ.

އޭނާ ރާއްޖެ އައީ މުޅިން އަލަށެވެ. ފުރަތަމަ ފަހަރުން އެފަދަ ކަމަކަށް އުންމީދު ވެސް ނުކުރާ ކަމަށް އޭނާ ބުންޏެވެ.

ޓެޖަސް ހުރީ ރާއްޖެ ބަލައިލަން ކެތްމަދުވެފައެވެ. އޭނާ ބުނީ ރާއްޖެއަކީ ވަރަށް ރީތި، ސާފުތާހިރު އަދި ވަރަށް ބަލާހިތްވާ ތަންތަން ހުންނަ ގައުމެއް ކަމަށެވެ.

"ވަރަށް އުފާވޭ އަދި ވަރަށް ހައިރާން ވެއްޖެ. ވަރަށް ކުލަގަދަ މަރްޙަބާއެއް ލިބިގެން މި ދިޔައީ، އެހެން ކަމުން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ"، ޓެޖަސް ބުންޏެވެ.

ރާއްޖެއަށް ވަރަށް ގިނަ ބޭރުގެ އެކި ފަންނާނުންވެސް އަންނަކަން އޭނާ ފާހަގަ ކުރިއެވެ.

މިއާއެކު މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް އެރީއެވެ. މިއީ މިއަހަރުގެ ފެބްރުއަރީ މަހު، ރައީސުލްޖުމްހޫރއްިޔާ އިބްރާހިމް މުހައްމަދު ސާލިޙް މިއަހަރުގެ ނިޔަލަށް އަންނާނެ ކަމަށް ކުރެއްވި އަންދާޒާއެވެ. އެއާއެކު އެމަނިކުފާނުގެ ޓާގެޓް ވެސް ހާސިލުވީއެވެ.