ކޮވިޑް-19ގެ ފަރުވާއަށް ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އަނެއްކާވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މިއަދު ފޮނުވައިފިއެވެ.

އެ މައްސަލައިގައި އޭސީސީން ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު، ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުޙައްމަދާއި، އެ މިނިސްޓަރީގެ ކުރީގެ ޑިރެކްޓަރު، ތ. ކިނބިދޫ ބޯގަންވިލާ، އަޙްމަދު އަސްލަމްގެ އިތުރުން އެމިނިސްޓްރީގެ ލީގަލް އޮފިސަރުގެ މަގާމުގައި ކުރިން ހުުންނެވި، ލ. ގަން، ފެއަރީގާރޑެން ޢަލީ ޝިހާމްގެ މައްޗަށެވެ.

އެ ތިން މީހުންގެ މައްޗަށް ވެސް ކުރުމަށް އެދިފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ ދަށުން، ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.

ހަމައެއާއެކު އެ މައްސަލައިގައި ދައުލަތަށް ގެއްލުނު 31 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދުމަށްވެސް ވަނީ އެދިފައެވެ.

މިއީ މި މައްސަލައިގާ ދައުވާ ކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވި ފަސް ވަނަ ފަހަރެވެ. ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ހިމެނޭހެން 10 މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ހަތަރު ފަހަރެެއްގެ މަތިން ޕީޖީއަށް ފޮނުވުމުން ވެސް ވަނީ ތަހުގީގު ފުރިހަމަނުވާ ކަމަށް ބުނެ އަނބުރާ ފޮނުވާލާފައެވެ.

އެހެންވެ، އެކޮމިޝަނުން ވަނީ ކުރީގެ މިނިސްޓަރ އަމީން ހިމެނޭހެން އަށް މީހެއްގެ މައްސަލަ ފައިލްކޮށްފައެވެ.

ކޮވިޑުގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދިނުމަށް ވެންޓިލޭޓަރު ގަތުމުގައި އޮޅުވާލުންތަކާއި މަކަރާ ހީލަތް ހެދި މައްސަލައިގައި އޭރުގެ ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީނާއެކު އެ މިނިސްޓްރީގެ 11 މީހަކަށް ދައުވާ ކުރަން އޭސީސީން ފުރަތަމަ ޕީޖީއަށް ފޮނުވީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 14ގައެވެ.

ނަމަވެސް، އޭރު ކުށުގެ އުންސުރުތައް ހަމަނުވާ ކަމަށް ބުނެ ޕީޖީން ދައުވާ ނުކުރަން ނިންމިއެވެ. އަދި މައްސަލަ އަލުން ރިވިއުކުރަން އަންގައި ޕީޖީން މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވައިލީއެވެ.

ދުބާއީގެ އެގްޒެކިއުޓާސް ކުންފުންޏާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކަށް، އެއްވެސް ގެރެންޓީއަކާ ނުލައި ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.

އެ އެއްބަސްވުމާ އެއްގޮތަށް ވެންޓިލޭޓަރު ފޯރުކޮށްދީފައި ނުވާތީ މިދިޔަ އަހަރުގެ މެއި މަހު ދިވެހި ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.