ފްރާންސް ގައުމީ ޓީމަށް ކުޅޭ ޒުވާން ފޯވާޑް ކިންގްސްލީ ކޮމަންއަށް ނަސްލީ ގޮތުން ފުރައްސާރަ ކުރާތީ އޭނާގެ ކުލަބު، ބަޔާން މިއުނިކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އޭނާއަށް ނަސްލީގޮތުން ފްރާންސްގެ މީޑިއާތަކުންނާއި ފްރާންސްގެ ރައްޔިތުން ތަފާތުކުރަނީ މިދިޔަ އާދިއްތަ ދުވަހު ފީފާ ވޯލްޑްކަޕްގެ ފައިނަލްގައި ފްރާންސްއާއި އާޖެންޓީނާ ކުޅުނު މެޗުގެ ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގެ ތެރެއިން ކޮމަން ޖެހި ޕެނަލްޓީ އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ދިފާއުކުރުމުންނެވެ.

އޭނާގެ އިތުރުން އެ މެޗުގައި ރެއާލް މެޑްރިޑަށް ކުޅޭ ފްރާންސްގެ ޒުވާން މިޑްފީލްޑަރު އައުރެލިއަން ޗައުމެނީ ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ. އެހެންކަމުން އޭނާއަށް ވެސް ވަނީ ނަސްލީ ގޮތުން ތަފާތު ކުރުމާ ކުރިމަތިލާން ޖެހިފައެވެ.

އެ ދެ ކުޅުންތެރިންގެ ޕެނަލްޓީ ނާކާމިޔާބުވުމުގެ ފައިދާ ނަގައި އާޖެންޓީނާއިން ވަނީ ފީފާ ވޯލްޑްކަޕްގެ ތަށި އުފުލާލައިފައެވެ.

ކޮމަން އާއި ޗައުމެނީއަކީ ފްރާންސްގެ ކަޅު ނަސްލުގެ ދެ ކުޅުންތެރިންނެވެ. އެހެންކަމުން އެ ދެ ކުޅުންތެރިންނަށް އެ ގައުމުގެ ރައްޔިތުންނާއި ސަޕޯޓަރުން ނަސްލީ ފުރައްސާރަ ކުރުމުގެ ސަބަބުން ބަޔާނުން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ބަޔާނުން ނެރުނު ބަޔާނުގައި ބުނީ ފްރާންސް ސަޕޯޓަރުންގެ ފަރާތުން ކޮމަންއަށް ކުރިމަތިކުރަމުންދާ ނަސްލީ ތަފާތުކުރުންތައް ބަޔާނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

އެ ކަލަބުން ބުނީ އެ ކުލަބުގެ އައިލާ ކޮމަންއާއެކު ތިބި ކަމަށެވެ. އަދި ކުޅިވަރުގެ ތެރޭގައި ނަސްލީ ތަފާތުކުރުމަށް ޖާގަ ނެތްކަމަށް ވެސް އެ ބަޔާނުން ބުންޏެވެ.

ފީފާ ވޯލްޑްކަޕްގެ ފައިނަލް މެޗުގައި އާޖެންޓީނާ އަދި ފްރާންސް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ކުޅުނު 15 މިނެޓުގެ ދެހާފުގައި ދެ ޓީމުން ވަނީ ގޯލުޖަހައިފައެވެ. އެހެންކަމުން އިތުރު ވަގުތު ނިމުނީ 3-3 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ.

އިތުރު ވަގުތުގެ އެންމެ ފަހު ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ފްރާންސްއަަށް ވަނީ ގޯލެއް ޖަހާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އާޖެންޓީނާ އޭރިއާ ތެރޭގައި ހުސްކޮށްހުރެ ކޮލޮ މުއަނީ ފޮނުވާލި ހަމަލާ ދިފާއުކުރީ އާޖެންޓީނާގެ ކީޕަރު މާޓިނޭޒްއެވެ. އެ ގޯލު ކާމިޔާބު ކުރެވުނުނަމަ ފްރާންސްއަށް ތިން ވަނަ ފަހަރަށް ވޯލްޑްކަޕް ކާމިޔާބު ކުރުމުގެ ފުރުސަތު އޮތުމުން މުއަނީއަށް ވެސް ވަނީ ފްރާންސްގެ ސަޕޯޓަރުން ފުރައްސާރަކޮށްފައެވެ.

ކޮމަން ވަނީ ފްރާންސްގެ ގައުމީ ޓީމަށް 46 މެޗު ކުޅެ ފަސް ގޯލު ޖަހައިފައެވެ. އަދި އުމުރުން 22 އަހަރުގެ ޗައުމޭނީ ވަނީ ފްރާންސްގެ ގައުމީ ޓީމަށް މިހާތަނަށް 21 މެޗެއް ކުޅެ ދެ ގޯލު ޖަހައިފައެވެ.