20 Dec 2022, 10:25
ފިލްމީ ޢާއިލާތަކަށް ނިސްބަތްވާ ގިނަ ކުދިންތަކެއް ހިމަނައިގެން އުފައްދާ ފިލްމު "ދަ އާޗީސް"ގެ ޝޫޓިންގް ނިންމާލައިފިއެވެ.
ކާމިޔާބު ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ ފިލްމު "ދި އާޗީސް"އަކީ މިދިޔަ އަހަރު ގިނަ 'ސްޓާ ކިޑްސް'ތަކެއް ހިމަނައިގެން އުފައްދާ ފިލްމެކެވެ.
މި ފިލްމުން ބޮލީވުޑަށް އަލަށް ތަޢާރަފް ވާނީ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު ސުހާނާ ޚާން، ކުރީގެ ބަތަލާ ސްރީދޭވީ އާއި ބޮނީ ކަޕޫރްގެ ދަރިފުޅު ޚުޝީ ކަޕޫރު، މެގަ ސްޓާ އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތްޔާ ނަންދާއެވެ. މީގެ އިތުރުން ވެސް މި ޢުމުރުފުރާގެ ގިނަ ކުދިންތަކެއް މި ފިލްމުން ބޮލީވުޑަށް ތަޢާރަފްވާނެއެވެ.
ފިލްމު "ދި އާޗީސް"އަކީ، 1960އިގެ އަހަރުތަކުގައި ގިނަ ބައެއްގެ މެދުގައި ވަރަށް މަޤުބޫލު ކޮމިކް ވާހަކައެކެވެ. ޑައިރެކްޓްރު ޒޯޔާ ގެނެސްދޭ މި ފިލްމުގައި، ޒުވާން ފުރައިގެ ކުދިންގެ މެދުގައި އޮންނަ އެކުވެރިކަމުގެ ގާތް ގުޅުމާއި، އޭގެތެރެއިން އެކުވެރިކަމުގެ ގުޅުމުން ގުޅުންތައް ލޯތްބަށް ބަދަލުވެ، ގުޅުންތައް ހީނަރުވެ ހިތްހަލާކުވާ މަންޒަރުތަކެއް ފެނިގެންދާނެއެވެ.
ބެލެވޭގޮތުގައި ޒޯޔާގެ ފިލްމު ޕްރިމިއާ ކުރާނީ ޑިޖިޓަލް ޕްލެޓްފޯމެއްގައެވެ. ނަމަވެސް އެއީ ކޮންއިރަކު، ކޮން ޕްލެޓްފޯމެއްގައިކަމެއް އަދި ހާމަނުކުރެއެވެ. މިފިލްމަކީ އަންނަ އަހަރު ރިލީޒްކުރާ ފިލްމުތަކުގެތެރެއިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމެވެ.
ޑައިރެކްޓަރު ޒޯޔާ އަޚްތަރު އެންމެފަހުން ބެލުންތެރިންނަށް ގެނެސްދީފައިވަނީ، 2019 ވަނަ އަހަރު ރިލީޒްވި ފިލްމު "ގައްލީ ބޯއި"އެވެ. ރަންވީރް ސިންގް، ސިދާތް ޗަތުރްވެދީ އަދި ބަތަލާ އާލިއާ ބަޓް ފެނިގެންދިޔަ މި ފިލްމު ވަނީ 2020ވަނަ އަހަރު އިންޑިއާއިން އޮސްކާ އެވޯޑަށް ފޮނުވި ފިލްމަށް ހޮވިފައެވެ.
ޒޯޔާގެ އިތުރު ކާމިޔާބު ފިލްމުތަކުގެތެރޭގައި، ފިލްމު "ދިލް ދަޅަކްނޭ ދޯ" އަދި "ޒިންދަގީ ނާ މިލޭގީ ދޮބާރާ" ހިމެނެއެވެ.