10 Apr 2012, 13:27
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިންނަށް ނިސްބަތްކޮށް ވިކްޓަރީގެ ކޯޗް އަލީ ސުޒޭން ހަގީގަތާއި ހިލާފް ވާހަކަތަކެއް ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމުގައި ދައްކާފައިވާ ކަމަށް ބުނެ، އޭނައާ މެދު ފިޔަވަޅު އެޅުމަށް އެ އިދާރާގެ ޑިސިޕްލިނަރީ ކޮމެޓީ އަށް މައްސަލަ ފޮނުވާފައިވާތީވެ ވިކްޓަރީން އެކަމުގެ ގާނޫނީ ލަފައެއް ހޯދަން ނިންމައިފި އެވެ.
ޖެނެރަލް ސެކްރެޓަރީ އިސްމާއިލް ޒަރިޔަންދު ސަން އެފްގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ ސުޒޭން ދިފާއު ކުރަން ކުލަބަށް ވަރަށް މުހިންމު ކަމަށެވެ.
"އަޅުގަނޑުމެން މިކަންމާބޮޑު ކަމަކަށް ނަހަދަން. އެކަމަކު އެކަމަކީ ކުޑަކަމަކަށް ދޫކޮށްލެވޭނެ ކަމެއް ނޫން. މިކަމުގައި އަޅުގަނޑުމެން ވާނީ ގާނޫނީ ލަފާހޯދަން ނިންމައިފަ." ޒަރިޔަންދު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ސުޒޭނާ ފުޓްބޯޅަ މައި ޖަމްއިއްޔާގެ ޑިސިޕްލިނަރީ ކޮމެޓީއަށް ހާޒިރުކުރުމަށް، ކުލަބުގެ ޗެއާމަން އީވާ އަބްދުއްﷲ އަށް އެފްއޭއެމުން ސިޓީއެއް ފޮނުވާފައިވާތީ އެކަމާބެހޭގޮތުން މެންބަރުން ވަނީ ވާހަކަ ދައްކާފައި ކަމަށެވެ.
'އެފްއޭއެމްއިން ފޮނުވާފައިވާ ސިޓީއާ ބެހޭގޮތުން ހުރިހާ މެންބަރުންވެސް އެދޭގޮތަށް އެބޭފުޅުންގެ ޝުއޫރު އިއްޔެ ވަނީ ފާޅުކޮށްފަ. ބޯޑުގެ ހުރިހާ މެންބަރުން ވެސް ދެކޭގޮތުގައި ފުރަތަމަ ވާހަކަ ދެކެވުނީ ދެ ގޮތަކަށް. އެއްގޮތަކީ ކޯޗް އަލީ ސުޒޭން ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމުގައި ވާހަކަ ދެއްކީ އަލީ ސުޒޭންގެ ހައިސިއްޔަތުންތޯ؟ ނޫނީ ވިކްޓަރީގެ ކޯޗުގެ ހައިސިއްޔަތުންތޯ؟. ވިކްޓަރީއަށް އެބަޖެހޭ ކޮންމެ ގޮތަށްކަށް ވިޔަސް އޭނާގެ ދިފާއުގަ ވާހަކަ ދައްކަން. އެއީ ކުލަބުގެ ކޯޗަކަށް ވާތީ" ޒަރިޔަންދު ވިދާޅުވިއެވެ.
ޒަރިޔަންދު ވިދާޅުވީ، އެނާ ދެކިވަޑައިގަންނަވާ ގޮތުގައި ސަންއެފްއެމްގެ ކުޅިވަރު ޕްރޮގްރާމުގައި ސުޒޭން ވާހަކަ ދެއްކީ އޭނައަށް ލިބިގެންވާ ހައްގަކަށް ވާތީ ކަމަށެވެ.
"މެންބަރުން ނިންމެވީ ސުޒޭނަށް ލިބިގެންވާ ހައްގެކޭ ވާހަކަ ދެއްކުމަކީ .ފުޓްބޯޅަ ކުރިއެރުމުގެ ނިޔަތުގަ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫން. ކުލަބުން ނިންމީ އެގޮތަށް. ބޯޑުން ނިންމީ ކުލަބުގެ ފުލްބެކިން ސުޒޭނަށް ދިނުމަށް. އަދި އޭގެ އިތުރަށް ޑިސިޕްލިން ކޮމެޓީއަށް ސުޒޭން ހާޒިރުވާކަމަށް ވާނަމަ ކުލަބަށް އަންގާފައި ހާޒިރުވުމަށް. ޑިސިޕްލިން ކޮމެޓީއަށްވުރެ ކުރިން މުހިންމުވާނީ ކުލަބު ކަމަށް ވާތީ އެގޮތަށް ބޯޑުން ނިންމީ." ޒަރިޔަންދު ވިދާޅުވި އެވެ.
ސުޒޭނާމެދު މެދު ފިޔަވަޅު އެޅުމަށް އެއެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމީ އިއްޔެ އެވެ. އަދި އެކަމާބެހޭގޮތުން އެފްއޭއެމްއިން އިއްޔެ ވަނީ ހަ ފޮޅުވަތުގެ ކުރު ބަޔާނެއްވެސް ނެރިފައެވެ.