މަޝްހޫރު ޕޫމާ ބްރޭންޑްގެ އިންޑިއާ ގޮފިން ބަތަލާ އަނުޝްކާ ޝަރްމާގެ ފޮޓޯއެއް ހުއްދަނެތި ބޭނުންކުރުމުން އެކަމާ އަނުޝްކާ ނުރުހުން ފާޅުކޮށްފިއެވެ.

ފިލްމު "ރަބްނޭ ބަނާދީ ޖޯޑީ"ގެ ބަތަލާ އަމިއްލަ އިންސްޓަގްރާމް މެދުވެރިކޮށްކުރި ޕޯސްޓްގައި ބުނެފައި ވަނީ ޕޫމާ ފަދަ މަޤުބޫލު ބްރޭންޑަކުން އޭނާގެ ފޮޓޯ ބޭނުންކުރިއިރު ހުއްދައަށް އެދެންޖެހޭނެކަން އެނގޭނެ ކަމަށް ޤަބޫލު ކުރާ ކަމަށެވެ. އަނުޝްކާއަކީ، ސްޕޯޓްސް ބްރޭންޑް ޕޫމާގެ އެމްބެސަޑަރަކަށް ނުވާއިރު ހުއްދަނެތި ބަތަލާގެ ފޮޓޯ ބޭނުންކުރިކުރުން ބަލައިނުގަނެވޭނެ ކަމަށް އަނުޝްކާ ވަނީ ބުނެފައެވެ. އަދި މިޕޯސްޓްގައި އަނުޝްކާގެ ފޮޓޯ ވަގުތުން ވަގުތަށް ނެގުމަށް ވަނީ އެދިފައެވެ.

ބަތަލާ އަނުޝްކާ މިފަދަގޮތަކަށް ނުރުހުން ފާޅުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ޕޫމާ އިންޑިއާ ގޮފިން ޕްރޮމޯޓް ކުރަމުންދާ ސޭލްގައި ބަތަލާ ޕޫމާ ބްރޭންޑްގެ ހެދުމުގައި ނަގާފައިވާ އަމިއްލަ ފޮޓޯތަކެއް ބޭނުންކުރުމާ ގުޅިގެންނެވެ. އޭގެތެރޭގައި ކަސްރަތު ކުރުމުގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއްގެ އިތުރުން މުމްބާއީ ޝަހަރުގެ އެކި ސަރަޙައްދުތަކުގައި ޕޫމާ ބްރޭންޑް ތަކެތީގައި ބަތަލާ ނަގާފައިވާ ފޮޓޯތަކެއް ހިމެނެއެވެ.

އަނުޝްކާގެ މިޕޯސްޓާއި ގުޅިގެން ޕޫމާ އިންޑިއާއިން ރައްދެއްގެގޮތުގައި ކުރި ޕޯސްޓްގައި ބުނެފައިވަނީ، އަނުޝްކާއާ ހަމައަށް ތަންކޮޅެއް އަވަހަށް ދެވުނުނަމަ ރަނގަޅު ވީސްކަމުގައެވެ. ދެވަނަ ހަރުފަތަށް ދިއުމަށް ތައްޔާރުތޯވެސް ޕޫމާ އިންޑިއާގެ ޓީމުން ވަނީ އަނުޝްކާއާ ސުވާލުކޮށްފައެވެ.

މި ޕޯސްޓާ ގުޅިގެން ބައެއް ފަރާތްތަކުން ބުނެފައިވަނީ، މިއީ އިޝްތިހާރުކުރުމުގެ "ނެކްސްޓް ލެވެލް"ކަމުގައެވެ. އަދި ދެ ފަރާތުން ވެސް މޮޅު 'ސްޓަންޓެއް' ޖެއްސީކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. ކޮންމެއަކަސް ދެ ފަރާތުގެ ހަޤީޤަތްވެސް އެނގިގެންދާނީ އަނުޝްކާ މިކަމާ ގުޅިގެން ދޭ ޖަވާބާއެކުގައެވެ.

އަނުޝްކާގެ ފިރިމީހާ އަދި ކްރިކެޓްގެ ތަރި ވިރާޓް ކޮލީއަކީ، ޕޫމާ ބްރޭންޑްގެ ޚާއްޞަ އެމްބެސެޑަރެކެވެ. ޕޫމާއިން ކުރި ޕޯސްޓް ގަޔާވާކަމުގެ އިޝާރާތެއް ވިރާޓް ވަނީ ކޮށްފައެވެ.

ބަތަލާ އަނުޝްކާ އެންމެ ފަހުން ފެނިފައިވަނީ، 2018ވަނަ އަހަރު ރިލީޒްވި ފިލްމު "ޒީރޯ"އިންނެވެ. އޭގެފަހުން އަނުޝްކާގެ ލީޑް ފެނިގެންދިޔަ ފިލްމެއް އަދި ރިލީޒްނުވެއެވެ.

ކްރިކެޓް ކުޅުންތެރިޔާ ވިރާޓްއާ ކައިވެނި ކުރުމަށް ފަހު މިހާރު އަންހެންކުއްޖެއް ލިބިފައިވާ ބަތަލާ ގިނަ ވަގުތު ހުސްކޮށްފައި ވަނީ ދަރިފުޅާއެކު ވަގުތު ހޭދަކުރުމަށެވެ. މަންމައަކަށް ވުމަށް ފަހު އަނުޝްކާ ބޮޑަށް ފެނިފައިވަނީ އެންޑޯސްމަންޓްތަކުންނާއި ފިލްމުތަކުގެ ޚާއްޞަ ފެނިލުންތަކުންނެވެ.

އެގޮތުން އެންމެފަހުން ބަތަލާގެ މިފަދަ ގޮތަކަށް ފެނިގެންދިޔައީ ދާދިފަހުން ނެޓްފްލިކްސްގައި ޕްރިމިއާކުރި ފިލްމު "ޤާލާ"އިންނެވެ. ފިލްމުގައި ބަތަލާގެ ބައިވެރިވުން ހިމެނޭކަން މީގެކުރިން ވަނީ މީޑިއާގެ އިތުރުން ބެލުންތެރިންނަށް ވެސް ސިއްރުކޮށްފައެވެ.