ދުނިޔޭގެ ފުޓުބޯޅައިގެ މައި ޖަމިއްޔާ، ފީފާއިން އެކުލަވާލާ ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގަށް، ވޯލްޑް ކަޕަށްފަހު ބަދަލު ގެނެސްފިއެވެ.

ފީފާއިން އައު ރޭންކިންގް އާންމުކޮށްފައިވަނީ މިއަދު އެވެ. އެހެންނަމަވެސް ލަފާ ކުރެވޭ ރޭންކިންގްތަކެއް ބޭރުގެ މީޑިއާތަކުން މީގެކުރިން އާންމުކޮށްފައިވާއިރު، އެ މީޑިއާތަކާ ހަވާލާދީ މި ހަފްތާގެ ކުރީކޮޅުން ފެށިގެން ރާއްޖޭގެ ބައެއް މީޑިއާތަކުން ވެސް ރޭންކިންގް އާންމުކޮށްފައިވެއެވެ.

ރޭންކިންގްއަށް އައި ބަދަލުތަކާއެކު ވެސް ރޭންކިންގެ އެއްވަނަ މަގާމު ބްރެޒިލްއިން ވަނީ ދަމަހައްޓާފައެވެ.

ފީފާއިން ކޮންމެ ދެ މަހަކުން އާންމުކުރާ ރޭންކިންގައި މި ފަހަރު ވެސް ބްރެޒިލްއަށް އެއްވަނަ ލިބޭއިރު، އެޓީމު ރޭންކިންގެ އެއްވަނައިގައި އޮންނަތާ މިއީ ނުވަވަނަ މަހެވެ.

ނިމިދިޔަ ވޯލްޑް ކަޕު ކާމިޔާބުކޮށް، އެ މުބާރާތުގެ ތަށި އުފުލާލި އާޖެންޓީނާއަށް ވަނީ ރޭންކިންގައި އެއް ދަރަޖައިގެ ކުރިއެރުމެއް ލިބިފައެވެ. ވޯލްޑް ކަޕް ނިމުމާ ހަމައަށް އާޖެންޓީނާއަށް ލިބެނީ ތިންވަނައެވެ. އެހެންނަމަވެސް ފީފާއިން އާންމުކުރި އައު ރޭންކިންގައި އެ ޓީމަށް ދެވަނަ ލިބެއެވެ.

ގަތަރުގައި މި މަހުގެ 18 ވަނަ ދުވަހުގެރޭ ކުޅުނު ވޯލްޑް ކަޕުގެ ފައިނަލް މެޗުން ބަލިވުމާ ގުޅިގެން މުބާރާތުގެ ރަނަރަޕް ކަން ލިބުނު ފްރާންސަށް ރޭންކިންގައި ކުރިއެރުން ލިބިފައިވެއެވެ. އެގޮތުން އެޓީމު އޮތީ މިހާރު ރޭންކިންގެ ތިންވަނައިގައެވެ. ކުރިން ފްރާންސަށް ލިބެނީ ރޭންކިންގެ ހަތަރު ވަނައެވެ. ރޭންކިންގެ ފަސްވަނައިގައި އޮތީ މީގެކުރިން ވެސް މި މަގާމުގައި އޮތް އިންގްލެންޑެވެ. ކުރިން ދެވަނައިގައި އޮތް ބެލްޖިއަމް ވަނީ ރޭންކިންގެ ހަތަރު ވަނައަށް ވެއްޓިފައެވެ.

މި ފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދި ފާހަގަކޮށްލެވޭ ގައުމަކީ މޮރޮކޯއެވެ.

ވޯލްޑް ކަޕުގައި އެންމެ ތަފާތު ނަތީޖާއެއް ނެރެ، މުބާރާތުގެ ތާރީޚުގައި ވެސް ސެމީ ފައިނަލުގައި ކުޅުނު ފުރަތަމަ އެފްރިކާ ބައްރުގެ ޓީމުގެ ޝަރަފު ހޯދި މޮރޮކޯއަށް 11 ދަރަޖައިގެ ކުރިއެރުމެއް ލިބުނެވެ. ކުރިން ރޭންކިންގެ 21 ވަނައިގައި އޮތް މޮރޮކޯއަށް މިފަހަރުގެ ރޭންކިންގައި ލިބުނީ 11 ވަނައެވެ.

ދެން އެންމެ ބޮޑު ކުރިއެރުމެއް ހޯދި ކްރޮއޭޝިއާއިން ވަނީ ފަސް ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. ކުރިން 12 ވަނައިގައި އޮތް ކްރޮއޭޝިއާއަށް މިހާރުގެ ރޭންކިންގައި ހަތްވަނަ ލިބެއެވެ.

ރޭންކިންގެ ގަދަ 10 އަށް ބަލާލާއިރު ހަވަނައިގައި ނެދަލެންޑްސް އޮތްއިރު އަށްވަނަ ލިބެނީ އިޓަލީ އަށެވެ. އިޓަލީ އަކީ ކުރިން ހަ ވަނައިގައި އޮތް ގައުމެވެ. ނެދަލެންޑްސް ކުރިން އޮތީ އަށް ވަނައިގައެވެ.

މީގެކުރިން ރޭންކިންގެ ހަތްވަނައިގައި އޮތް ސްޕެއިންއަށް މިފަހަރުގެ ރޭންކިންގައި ލިބެނީ 10 ވަނައެވެ. ނުވަ ވަނަ ލިބެނީ ރޭންކިންގައި ބަދަލެއް ނައިސް އޮތް ޕޯޗުގަލް އަށެވެ.

ފީފާގެ ރޭންކިންގްއަށް މި ބަދަލުތައް އައިސްފައި މިވަނީ، ވޯލްޑް ކަޕް 2022 އަށްފަހުގައިއާއި މި ނިމޭ އިންޓަނޭޝަނަލް ބްރޭކުގެ ތެރޭގައި ގައުމުތަކުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.