20 Dec 2022, 13:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ހިސާބު ޖެއްސެވި އަދަދަށް މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް ޓޫރިސްޓުން ޒިޔާރަތް ކޮށްފިއެވެ.
އެގޮތުން މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ އައީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.
އިންޑިއާއިން އައި މި ފަތުރުވެރިޔާ އާއެކު ރައީސުލްޖުމްހޫރިއްޔާ، މި އަހަރުގެ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައި ފާހަގަ ކުރެއްވި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ މި ވަނީ ރާއްޖެ އައިސްފައެވެ. އެ އަދަދު ހަމަ ވެފައި މިވަނީ އަހަރު ނިމެން 10 ދުވަސް އޮއްވައެވެ.

މިއަހަރު ރާއްޖެ ޒިޔާރަތް ކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން-- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ
އެ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، ހޫނު މަރުހަބާއެއް ދަންނަވާފައި ވަނީ ނައިބު ރައީސް ފައިސަލް ނަސީމާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އިތުރުން އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓާ އަދި ސީއީއޯ ތޮއްޔިބު މުހައްމަދެވެ.
މިއާއެކު މިދިޔަ އަހަރު ރާއްޖެ ޒިޔާރަތް ކުރި ޓޫރިސްޓުންނަށް ވުރެން މި އަހަރު ޒިޔާރަތް ކުރި ޖުމުލަ ޓޫރިސްޓުންގެ އަދަދު ތިން ލައްކަ މި ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރީ 1.3 މިލިއަން ޓޫރިސްޓުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަަތްތަކެއް ދަނީ ކުރަމުންނެވެ. ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސާދު އެއްކޮށް ވަޅު ޖެހުނު ނަމަވެސް، އެމްއެމްޕީއާރްސީ އާއި އެހެން މުއައްސަސާތައް ގުޅިގެން އެކުގައި ކުރި މަސައްކަތުން ގައުމުގެ އިގްތިސާދު ކޮޅަށް ޖެހި، ޖެހިޖެހިގެން ތިން ފަހަރު ރާއްޖެއިން ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ މަގާމް ވަނީ ހޯދައިފައެވެ.

މިއަހަރު ރާއްޖެ ޒިޔާރަތް ކުރި 1.6 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔުން-- ސަން ފޮޓޯ: މުހައްމަދު ޝާތިއު އަބްދުﷲ
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންނަށް ބަލާއިރު އެންމެ ގިނައީ އިންޑިއާ މީހުންނެވެ. އެގޮތުން ރާއްޖެއަށް ޒިޔާރަތް ކުރި ޓޫރިސްޓުންގެ ތެރެއިން 14.4 އިންސައްތަ އަކީ އިންޑިޔާގެ ރައްޔިތުންނަށް ވާއިރު، ދެވަނައިގައި އޮތީ ރަޝިޔާއެވެ. ތިންވަނައިގައި އިނގިރޭސި ވިލާތް އޮތް އިރު، ހަތަރު ވަނައިގައި އޮތީ ޖަރުމަނެވެ. އަދި ފަސް ވަނައިގައި އޮތީ އިޓަލީއެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ ތެރެއިން ގާތްގަޑަކަށް 70 ޕަސެންޓް ޓޫރިސްޓުން ޗުއްޓީ ހޭދަ ކުރަނީ ރިސޯޓުތަކުގައެވެ. ވަކިން ޚާއްސަކޮށް، ވޯލްޑް ކަޕު ނިމުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ފަތުރުވެރިންގެ މިސްރާބު ރާއްޖެއަށް ހުރިއިރު ދުނިޔޭގެ ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ވެސް ރާއްޖޭގައި ދަނީ ޗުއްޓީ ހޭދަ ކުރަމުންނެވެ. އޭގެ ތެރޭގައި އުރުގޭއީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލުއިސް ޝުއަރޭޒް އަދި ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް ފަދަ ކުޅުންތެރިން ހިމެނެއެވެ.
މިއަހަރު ރާއްޖެއިން ފާހަގަކުރަމުން މި އަންނަނީ ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތެވެ. މި މުނާސަބާގައި ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިއަކު އައުމަކީ ރާއްޖޭގެ އިގްތިސާދަކަށް މިކަމުގެ ސަބަބުން ބޮޑެތި ކުރިއެރުން ލިބޭނެ ކަމެކެވެ.