ރައްކާތެރިކަމާއެކު ކުނި މެނޭޖްކުރުމުގައި ރާއްޖެއަށް އެހީތެރިވުމަށް، ޖަޕާނު ސަރުކާރުން 80 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެކަމަށް ޓަކައި މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ޚަލީލް އެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ރާއްޖޭގައި މިވަގުތު ހުންނެވި އެގައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޓަކެއީ ޝުންސްކޭ އެވެެ.

ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ޓަކައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އެގޮތުން ކުނި މެނޭޖުކުރުމުގެ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވާ ހިންގައި އެކަންކަން ބެލެހެއްޓުމުގެ އިތުރުން ކުނި މެނޭޖުކުރުމުގެ އުސޫލުތައް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު ރައީސް ވަނީ އިއްޔެ ތަސްދީގުކުރައްވާފައެވެ.

އެ ބިލު ރައީސް ތަސްދީގު ކުރެއްވުމާ ގުޅިގެން އެ ގާނޫނުގައިވާ ބައެއް މާއްދާތަކާ ގުޅިގެން ކަންބޮޑުވުން ހުރި ނަމަވެސް އެ ގާނޫނަކީ ކުނި މެނޭޖްކުރުމާ ގުޅޭ ޖުމްލަ ކަންތައްތަކަށް ހައްލު ހޯދޭނެ ގާނޫނެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ޞާލިޙް ވިދާޅުވިއެވެ.

އެ ގާނޫނާ ބެހޭ ގޮތުން ތިމާވެއްޓާ ގުޅުންހުރި މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައި ވަނީ، ރާއްޖެއަށް ކުނި އެތެރެކުރުމަށް ހުއްދަދޭ މާއްދާއެއް ގާނޫނުގައި ހިމަނާފައި ވުމުންނެވެ.

އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވަނީ އެ މާއްދާ އިސްލާހުކުރަން ހުށަހަޅުއްވާނެކަމަށް ވިދާޅުވެފައެވެ.