ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ މައި ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންނާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ޖުމްލަަ 167 މެމްބަރުން ތިއްބަވައެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި، މިހާރު ސޯލްޓް ރެސްޓޯރެންޓުގައި ކުރިއަށްދާ ބައްދަލުވުމުގައި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.

އެ ބައްދަލުވުމަށް ބައެއް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ވަޑައިގެންފައިވެއެވެ. އެނގިފައިވާ ގޮތުގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރާ ކަންތައްތަކުގެ ތެރޭގައި، އެމްޑީޕީގެ ޕްރައިމަރީގައި ރައީސްގެ ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތް ހިމެނެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމާ އެޕާޓީއިން އިއްޔެ ވަނީ އެކަމަށް ޝައުގުވެރިވާ މީހުންނަށް ފުރުސަތު ހުޅުވާލާފައެވެ.

އެއާއެކު އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ. މީގެ ކުރިން ރައީސް ޞާލިޙް ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިވާ ފަރާތްތަކުން 500 މެންބަރުންގެ ތާއީދު ފޯމާއެކު އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވަން އިއުލާނުކޮށްފައިވަ ނީ އެޕާޓީ ތެރޭ ވަރަށް ބޮޑަށް ބައިބައިވުން އުފެދި، ޕާޓީ ދެކަފިވެފައިވަނިކޮށެވެ.

ދެ ރައީސުންގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވަނީ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުންނެވެ. އެގޮތުން ދައުރުގެ މެދުން ބޮޑުވަޒީރުކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ނަޝީދުގެ ހުންނެވި ނަމަވެސް ރައީސް ޞާލިޙް ގެންދަވަނީ ފާޅުގައި ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވަމުންނެވެ.