10 Apr 2012, 13:25
ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް އަދި ވަކިކޮތަކަށް ނިންމާފައި ނުވާކަމަށް ރައީސްގެ މަގާމްގައި މިހާރުވެސް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
ކޮންމެ ހަތަރު އަހަރުން އެއް އަހަރު ބާއްވާ އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ނިންމާފައި ވަނީ، އަންނަ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ.
ސަންއޮންލައިނުން ކުރި ސުވާލަކަށް ޖާވާބު ދެއްވަމުން އާޒިމް ވިދާޅުވީ، އިންތިހާބުގައި ވާދަކުރުމަށް އަދި ވަކިގޮތެއް ނިންމާފައި ނުވާކަމަށެވެ. ނަމަވެސް އެއީ ކީއްވެގެންތޯ ސުވާލް ކުރުމުން އާޒިމް ވަނީ، އެސުވާލަށް ޖަވާބު ދިނުމަށް އުޒުރުވެރި ވެފައެވެ.
"އިންތިހާބުގައި ވާދަކުރުމަށް އަދި ވަކި ގޮތަކަށް ނުނިންމަން. އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން އަވަސް" އާޒިމް ވިދާޅު ވިއެވެ.
އެކަމަކު އާޒިމްގެ ނާއިބަކަށް މިހާރުވެސް ހުންނެވި ވެލެންސިއާގެ ހިޔަލީ މުހައްމަދު ރަޝީދު ވެސް ވަނީ ދެ ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވައިފަ އެވެ.
ސަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލުމުގެ ކުރިން މިހާރު ވެސް، އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު ވަނީ ވިދާޅުވެފަ އެވެ. އަދި އިލްހާމާ އެކު އެފްއޭއެމުގެ ނާއިބް ރައީސްކަމަށް ކުރިމަތިލައްވަނީ ރައްޔިތުންގެ މަޖީލިހުގެ ފ. ނިލަންދޫ ދާއިރާގެ މެމްބަރު އަބުދުލް މުހުސިން ހަމީދު (ޖޭފޯ) އެވެ.
އަދި މިފަހަރު އެފްއޭއެމްގެ ރައީސްކަން އިލްހާމް އަހުމަދަށް ލިބިއްޖެ ނަމަ އޭނާގެ ޖެނެރަލް ސެކްރެޓަރީއަކަށް ވާނީ އޭޝިޔާގެ އެންމެ މޮޅު މެޗު ކޮމިޝަނަރު އަބުދުލް ހަމީދު އަބުދުލްޣަފޫރު (އައްޑޯ) ކަމަށް އިލްހާމްގެ ކެމްޕޭން ޓީމުން ވެސް ވަނީ ބުނެފަ އެވެ.
މިފަހަރުގެ އިންތިހާބުގެ ކަންކަން ބަލައި ދިރާސާ ކުރުމަށް ތިން މެންބަރުންގެ މައްޗަށް އެކުލެވޭ އިލެކްޝަން ކޮމިޓީއެއް އެފްއޭއެމް އިން ވަނީ އުފައްދައިފައެވެ.