19 Dec 2022, 22:37
ގުޅީފަޅުގައި ހުންނަ އެކޮމޮޑޭޝަން ބްލޮކެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާއަށް ފަހު ގެއްލުނު މީހާ ހޯދަމުން ދަނިކޮށް، އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއް ފެނިފައިވާއިރު އެއީ އެ ހާދިސާގައި ގެއްލުނު މީހާގެ ހަށިގަނޑުކަން އެނގޭނީ ޑީއެންއޭ ޓެސްޓަށް ފަހު ކަމަށް އެފްކޮންސްއިން މިއަދު ބުނެފިއެވެ.
އެފްކޮންސްއިން މިއަދު މީޑިއާތަކާ ހިއްސާކުރި ބަޔާނުގައި ބުނީ ގެއްލުނު މީހާގެ އާއިލާއަށް މިހާރުވެސް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
އެ ހާދިސާގައި އެ ކުންފުނީގެ 78 މުވައްޒަފުން ޒަހަމްވެގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި 32 މީހުންނަށް ފަރުވާ ދީފައި ވަނީ އެޑްމިޓު ކޮށްގެން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އޭގެ އިތުރުން ހަތަރު މީހެއްގެ އޮޕަރޭޝަން ކުރަން ޖެހުނު ކަމަށާއި އިތުރު 24 މީހުންނަށް އެކިވަރުގެ ކުދި އަނިޔާ ލިބުނު ކަމަށް ވެސް އެފްކޮންސްއިން ބުންޏެވެ.

އަލިފާން ރޯވީ ތިލަމާލެ، ބްރިޖު ހަދާ އެފްކޮންސް ކުންފުނީގެ މުވައްޒަފުން ތިބި އެކޮމެޑޭޝަނެއްގައި--- ފޮޓޯ/ އެމްއެންޑީއެފް
އެ ކުންފުނިން ބުނީ އެ ހާދިސާ ހިނގި ވަގުތު އެ އެކޮމޮޑޭޝަން ބްލޮކްގައި ތިބި 457 މީހުން ރައްކާތެރި ކަމާއެކު ސަލާމަތްވި ކަމަށެވެ. އަދި އެ ހާދިސާއާ ގުޅިގެން ގެއްލުންވި މީހުންގެ ހާލު ގާތުން ބަލަމުންދާ ކަމަށާއި، އެމީހުންނަށް އެހީތެރިކަން ވެސް ފޯރުކޮށްދެމުންދާ ކަމަށް އެފްކޮންސްއިން ބުނެއެވެ.
ފުލުހުން ރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ގުޅީފަޅުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެތަނުގައި ދިރިއުޅުނު މީހަކު މަދުކަން އެތަނުގައި ދިރިއުޅުނު މީހުންނަށް ފާހަގަކުރެވުމާ ގުޅިގެން އޭނާ ހޯދުމަށް ކުރި މަސައްކަތުން އިއްޔެ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެެއް ކަމަށް ބެލެވޭ ބައިތަކެއް، އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
އެެއީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ ބެލުމަށާއި އެއީ ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބުނީ ބުރާސްފަތި ދުވަހުގެ ރޭ 00:31 ހާއިރެވެ. ފަޔާމަނުން ކުރި މަސައްކަތުން އެތަނުގައި ރޯވި އަލިފާން ނިއްވައިލެވިފައި ވަނީ 01:52 ހާއިރެވެ.

ގުޅީފަޅުގައި ހުރި އެކޮމޮޑޭޝާން ބްލޮކްގައި ރޯވި ހާދިސާގައި އަނިޔާވި މީހަކު މާލެ ގެނެސް އެމްބިއުލާންސަކަށް އަރުވަން މަސައްކަތް ކުރަނީ -- ސަން ފޮޓޯ/ ނާއިލް ހުސެއިން
'ސަން' އަށް އެނގިފައިވާ ގޮތުގައި ގެއްލިގެން މީގެ ކުރިން ހޯދީ ދެ މީހެކެވެ. ނަމަވެސް އޭގެ ތެރެއިން އެކަކު ފެނިފައިވާއިރު، ފަހުން ހޯދީ ޓްރަކް ޑްރައިވަރެކެވެ.
އަލިފާން ރޯވާން މެދުވެރިވީ ސަބަބެއް މިހާތަނަށް ހޯދިފައިނުވާއިރު، އެފްކޮންސްގެ މުވައްޒަފުން ވަނީ ކަންބޮޑުވުން ފާޅުކޮށް ގުޅީފަޅުގައި އިހުތިޖާޖު ވެސް ކޮށްފައެވެ. މުވައްޒަފުންނާ މަޝްވަރާކޮށް، ކަންބޮޑުވުންތައް އޮޅުންފިލުވައިދެމުން އަންނަ ކަމަށް އެކުންފުނިން ބުނެއެވެ.
ތިލަމާލެ ބްރިޖު މަސައްކަތަށް އެ ކުންފުނީގެ ހާހަކަށްވުރެ ގިނަ މަސައްކަތު މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 800އެއްހާ މީހުން އުޅެނީ ގުޅީފަޅުގައެވެ. ބާކީ 200 މީހުން މަސައްކަތް ކުރަނީ މާލޭގައި ހުންނަ ބުރިޖު ސައިޓުގައެވެ.