19 Dec 2022, 21:13
މިއީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާއި ސްކޫލް ޗުއްޓީ ދުވަސްވަރު ކަމަށް ވުމާއެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އަށް ބާރުބޮޑުވާނެތީ، ފުރުމުގެ ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެއެވެ.
އެކަމާ ގުޅިގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ކޯޕަރޭޓް ކޮމިއުނިކޭޝަންގެ މެނޭޖަރު ޝަމްއާން ޝާކިރު "ސަން"އަށް ވިދާޅުވީ މިދުވަސްވަރަކީ އެއާޕޯޓު ވަރަށް ބިޒީ ވާނެ ދުވަސްވަރެއް ކަމަށެވެ.
އެގޮތުން ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރުމާއި މިއީ ފަތުރުވެރިން ވެސް އެންމެ ގިނައިން އަންނަ ސީޒަނަށް ވުމާއެކު، ފްލައިޓުތައް ޑިލޭ ނުވެ، މައްސަލަތަކެއް ދިމާނުވެ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވުމާއެކު ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ގޮސް އަވަހަށް ޗެކިން ވުމަށް ސަމާލުކަން ދިނުމަށާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުން ޗެކިން ކުރަން ދާއިރު އިމުގާ ފޯމު ފުރުމަށް ސަމާލު ވުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަމްއާން ވިދާޅުވީ ޓޫރިސްޓް އޮޕަރޭޝަންތައް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ހަމަ އެގޮތަށް ކަމަށެވެ. އޭގެ ސަބަބުން ފްލައިޓް ޑިލޭވެ، ކިއުތައް ދިގުދެމިގެން ދިޔުން މަދު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިދުވަސްކޮޅާ ދިމާކޮށް ޑޮމެސްޓިކް ފްލައިޓުތަކާއި އިންޓަނޭޝަނަލް ފްލައިޓުތަކުގެ އަދަދު އިތުރުކޮށްފައިވާއިރު އަހަރުގެ މިހާތަނަށް 1.57 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.