19 Dec 2022, 20:54
އެމްޑީޕީގެ މެމްބަރުންގެ ދަފުތަރަކީ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވާލާފައިވާ ދަފުތަރެއްކަމަށް އެ ޕާޓީން މިއަދު ބުނެފިއެވެ.
އެ ޕާޓީން މިހެން ބުނީ، ޕާޓީގެ ދަފުތަރު ވަނީ ގަޑުބަޑު ވެފައިކަމަށް ބުނެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ޕާޓިގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް ފޮނުއްވި ސިޓީއަކާ ގުޅިގެނެވެ.
މި ސިޓީއާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެމްޑީޕީގެ ދަފުތަރު އޮތީ އެހެން ސިޔާސީ ޕާޓީީތަކުގެ މެމްބަރުންނާއި އެހެން ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ މީހުންނަށް އެމްޑީޕީގެ އެތެރޭގެ އިިންތިހާބުތަކުގައި ބައިވެރިވެ، ވޯޯޓު ލުމުގެ ފުރުސަތު ލިބޭ ގޮތަކަށް ކަމަށެވެ.
އެހެންކަމުން އެއީ ޕާޓީގެ ސިޔާސަތު ކުރިއަރުވަން ހުރަހަކަށް ވާނެކަމަށް އެ ބަޔާނުގައިވެއެވެ. އަދި އެ ޕާޓީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީީގެ ދަފުތަރު ސައްހަކުރަން ނިންމި ކަމަށް އެ ބަޔާނުގައިވެއެވެ.
އެގޮތުން ދަފުތަރުގެ ސައްހަކަން ކަށަވަރުކުރުމަށް މިއަހަރުގެ މޭމަހުގެ 29 ވަނަ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރި ގަރާރުގައި ވަނީ، މިވަގުތު އެމްޑީޕީން ބަލަހައްޓަމުން ގެންދާ ދަފުތަރުގައާއި އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓާ ދަފުތަރުގައި ހިމެނޭ 54،599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފުތަރު ކަމުގައި ނިންމުމަށެވެ.
"ދެން ތިބި 39،911 މީހުންނަށް އެމްޑީީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށާއި، މީގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުގައި އެހެން ޕާޓީީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މީހުން އެމްޑީޕީން ވަކި ކުރުމަށާއި، އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭ މެމްބަޝިޕް ސައްހަ ކުރުމަށް [ނިންމާފައިވޭ]،" އެ ބަޔާނުގައި ވެއެވެ.
އެ ނިންމުމާ އެއްގޮތަށް މިއަދާ ހަމައަށް ވެސް ޕާޓީން ވަކިކުރި މެމްބަރުން ޕާޓީގައި ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލައިފައި ވާކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެމްޑީޕީގެ އަސާސީ ގަވާއިދުގައި ވާގޮތުން، ޕާޓީގެ މެމްބަރުކަމުން ބާތިލް ވާނީ ޕާޓީގެ މެމްބަރަކު އެމްޑީޕީ ފިޔަވާ އެހެން ސިޔާސީ ޕާޓީީއެއްގައި ހަރަކާތްތެރިވުމުންނެވެ.
މީގެ އިތުރުން އެ ބަޔާނުގައި ވަނީ، ވޯޓު ލުމުގެ ފުރުސަތު ލިބޭނީ ޕާޓީގެ ސައްހަ މެމްބަރުންނަށް ކަމަށްވާއިރު، ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތަށް މިހާރު ދަފުތަރު ސައްހަ ކޮށްފައިވާ ކަމަށެވެ.
ޕާޓީީގެ ދަފުތަރާ ގުޅިގެން މިއަދު ރައީސް ނަޝީދު ފޮނުއްވި ސިޓީގައި ވަނީ، އެމްޑީޕީގެ ދަފުތަރުގައި ތިބި 40،000އެއްހާ މެމްބަރުން، އެ މެމްބަރުންނަށް އެނގުމަކާ ނުލާ ކުއްލިއަކަށް ދަފުތަރުން ވަކިކުރުމުން ދަފުތަރު ގަޑުބަޑު ވެފައިވާކަމަށެވެ.
"އެހެން އެކަން އޮއްވާ ޕްރައިމަރީ ކުރިއަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނޭކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ." އެ ސިޓީގައި ވެއެވެ.
މީގެ އިތުރުން އެ ސިޓީގައި ވަނީ، ޕާޓީގެ 40 ޕަސެންޓު މެމްބަރުންގެ ހައްގުތައް ގެއްލުވާލުމަށް ފަހު ބާއްވާ ޕްރައިމަރީއަކުން ރިޔާސީ އިންތިޚާބަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި އެއީ ޕާޓީގެ މަސްލަހަތު ހިފެއްޓޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.