10 Apr 2012, 13:16
ފުޅާ ދާއިރާއެއްގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތްދޭ ސަރުކާރުގެ ކުންފުނި، އައިލެންޑް އޭވިއޭޝަން (އައިއޭއެސް) ހިންގުން ވަގުތީ ގޮތުން އެ ކުންފުނީގެ ފައިނޭންޝިއަލް ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވި މ. ލައިނޫފަރުގޭ، އަބްދުލް ހާރިސާ މިއަދު ހަވާލުކޮށްފި އެވެ.
ހާރިސް އާ އައިއޭއެސް ހަވާލުކުރި އިރު އޭނާ ވަނީ އެ ކުންފުނީގެ ފައިނޭންޝިއަލް ޑިރެކްޓަރެއްގެ ގޮތުގައި ހަ އަހަރަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފަ އެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ ތޭމްސް ވެލީ ޔުނިވާސިޓީން އެކައުންޓިން އެންޑް މެނޭޖްމަންޓް ސިސްޓަމްސްގެ ދާއިރާއިން ބީއޭ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަހު އޭވިއޭޝަނާއި ފައިނޭންސްގެ ދާއިރާގައި އަމަލީގޮތުން ވެސް ހަރަކާތްތެރިވެ ވަޑައިގެންފަ އެވެ.
ހާރިސް މިއަދު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ އިތުރު ފްލައިޓްތައް ކުންފުންޏަށް ގެނެސް އާ މަންޒިލްތަކަކަށް ދަތުރުތައް ފަށާނެ މަގު ކޮށްދިނުން ކަމަށާއި އަދި ކުންފުނީގެ ހާލަތު ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ކުރުން ކަމަށެވެ.
"އަޅުގަނޑު ހުރި މަގާމުގެ ގޮތުން އަޅުގަނޑަށް ކުންފުނީގެ ހާލަތު ވަރަށް ރަނގަޅަށް އެނގޭ. ބުނެވޭނީ ކުންފުނި އޮތީ ރަނގަޅު ހާލަތެއްގައޭ. އަޅުގަނޑުގެ ފޯކަސް މިހުރީ ކުޑަކޮށް ދަށް ދާއިރާތަކަށް ފޯކަސްކޮށްގެން އެބައި ވަރުގަދަކޮށްގެން ކުރިއަށް ދާން ވިސްނުން. އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށި އާ ބޯޓުތައް އިތުރުކޮށް މިފަދަ ކަންކަމަށް އަޅުގަނޑު ސަމާލުކަން ދޭނަން. އޭރުން ކުންފުންޏަށް ރަނގަޅުވާނެ،" ހާރިސް ވިދާޅުވި އެވެ.
ހާރިސްއާ މިއަދު ކުންފުނި ހަވާލުކުރިއިރު ކުންފުނީގެ އެމްޑީގެ މަގާމުގައި ހުންނެވި އަހުމަދު ޒުހައިރު ވަނީ މިދިޔަ ބުރާސްފަތި ދުވަހު މަގާމުން ވަކިކޮށްފަ އެވެ. އައިއޭއެސްގެ ބޯޑުގައި މިވަގުތު ހުރީ އެންމެ މެންބަރެކެވެ.