ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލައި، ބައިނަލްއަގްވާމީ ފުޓުބޯޅައިން ރިޓަޔާކުރިކަން އެޓީމުގެ ފޯވާޑް ކަރިމް ބެންޒެމާ އިއުލާންކޮށްފިއެވެ.

މިކަން ހާމަކޮށް ކުރި ޓުވީޓެއްގައި ބެންޒެމާ ބުނީ، މިއަދު އޭނާއަށް ފުޓުބޯޅައިގައި އާދެވިދައި ހުރި ހިސާބަށް ދިއުމަށް ޓަކައި، ގިނަ މިސްޓޭކްތަކެއް ހެދި، އެކަމުން އަރައިގަނެ ގިނަ ކާމިޔާބީތަކެއް ހޯދުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ނުހަނު ފަހުރުވެރިވާ ކަމަށް ބެންޒެމާ ބުނެފައިވެއެވެ.

"ފުޓުބޯޅައިގައި އަހަރެންގެ ވާހަކަ ލިޔެފިން. އަދި އެވާހަކައަށް ނިމުން މިވަނީ އައިސްފަ". ކުޅުން ހުއްޓާލިކަން އިއުލާންކޮށް ބެންޒެމާ ބުނެފައިވެއެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ބެންޒެމާ އިއުލާންކުރިއިރު އޭނާ ފްރާންސްގެ ގައުމީ ޓީމަށް ކުޅެންފެށީ 2006 ވަނަ އަހަރުއެވެ. އެހެންނަމަވެސް އަނިޔާގެ މައްސަލަތަކެއް ކުރިމަތިވެ އެ އަހަރު އޭނާއަށް ގައުމީ ޖާޒީގައި މެޗެއް ކުޅެވިފައެއް ނުވެއެވެ.

ބެންޒެމާ ބެލަންޑޯ އެވޯޑާއެކު-- ފޮޓޯ/ގެޓީ އިމޭޖަސް

ގައުމީ ޖާޒީގައި ބެންޒެމާ އެންމެފުރަތަަމަ މެޗެއް ކުޅުބީ 2007 ވަނަ އަހަރުގެ މާޗު މަހުގެ 28 ވަނަ ދުވަހު އޮސްޓްރޭލިއާއާ ދެކޮޅަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެ މެޗުގައި ބެންޒެމާ ކުޅެންއެރިއިރު، މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ވެސް ބެންޒެމާއެވެ. ބެންޒެމާ ގައުމީ ޖާޒީގައި ފުރަތަމަ މެޗު ކުޅުނީ އުމުރުން 19 އަހަރާއި ތިިން މަހާއި 9 ދުވަހުގެ ތެރޭގައެވެ.

މިވަގުތު ފުޓުބޯޅައިގެ އެންމެ މޮޅު ސްޓްރައިކަރުގެ ގޮތުގައި ހުރި ބެންޒެމާ އަކީ ގައުމީ ޓީމާއެކު ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިވި ކުޅުންތެރިއެކެވެ. އެގޮތުން 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި، ބެންޒެމާއާއި ފްރާންސް ޓީމުގެ އެހެން ބައެއް ކުޅުންތެރިންތަކެއް ވެގެން، އެޓީމުގެ މިޑްފީލްޑަރު މެތިއު ވަލްބުއޭނާގެ އޮރިއާން ކާޑު އުފައްދައި، އޭނާއަށް ބިރުދައްކައި، ލާރި ހޯދަން މަސައްކަތް ކުރިކަމުގެ ތުހުމަތު ކޮށްފައިވެއެވެ. މި ތުހުމަތު ތަކާ ގުޅިގެން ބެންޒެމާއަަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

އަދި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފްރާންސްއިން އެކުލަވާލި ސްކޮޑުގައި ބެންޒެމާ ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް އެފަހަރު ބެންޒެމާއަށް ސްކޮޑުން ފުރުސަތު ނުދިނީ ފިޓްނަސް މައްސަލަ ހުރި ކަމަށް ބުނެއެވެ.

ވޯލްޑް ކަޕަށްފަހު އަނެއްކާވެސް ބެންޒެމާއަށް ގައުމީ ޓީމުން ފުރުސަތު ދިނެވެ. އެއީ އައު ކޯޗު ލައުރެންޓް ބްލާންކް ހަވާލުވި ފަހުންނެވެ. އަދި ޔޫރޯ 2012 ގެ ކޮލިފިކޭޝަންގައި ބެންޒެމާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، 2012 ވަނަ އަހަރުގެ ޔޫރޯގައި ވެސް އޭނާގެ ފަރާތުން ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެންދިޔައެވެ.

ފީފާ ވޯލްޑް ކަޕުގައި ބެންޒެމާ އެންމެފުރަތަމަ ކުޅުނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައެވެ. އެ މުބާރާތުގައި ފްރާންސްގެ ފުރަތަމަ މެޗުގައި 0-3 އިން އެޓީމު މޮޅުވިއިރު ބެންޒެމާ ވަނީ ދެ ލަނޑު ޖަހާފައެވެ. އެ މުބާރާތުން ފްރާންސް ކެޓީ ކުއާޓާ ފައިނަލާ ހަމައިން ޖަރުމަނު އަތުން ބަލިވުމުންނެވެ.

އެއަށްފަހުގައި ވާދަވެރި މުބާރާތެއް ނުކުޅެވި ބެންޒެމާއަށް ހަ އަހަރު ހޭދަކުރަން ޖެހުނެވެ. އެއީ 2008 ވަނަ އަހަރު ހިނގައިދިޔަ އޮރިޔާންކާޑު ބޭނުންކޮށްގެން ކުޅުންތެރިއަކު ބްލެކްމެއިލް ކުރި މައްސަލައާ ގުޅިގެންނެވެ. 2015 ވަނަ އަހަރުގެ ތެރޭގައި އެ މައްސަލައިގައި ބެންޒެމާ ހައްޔަރު ވެސް ކުރިއެވެ.

2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

އެ ފަހަރު ބެންޒެމާއަށް ފްރާންސްގެ ގައުމީ ޓީމުން ފުރުސަތު ގެއްލުމަށްފަހު ދެން އޭނާއަށް ގައުމީ ޓީމުން ފުރުސަތު ދިނީ، 2021 ވަނަ އަހަރު ބޭއްވި 2020 ވަނަ އަހަރުގެ ޔޫރޯ މުބާރާތަށް އެކުލަވާލި ސްކޮޑުގައެވެ.

ފްރާންސް ސްކޮޑުގައި ބެންޒެމާ ހިމެނިކަން ހާމަކުރުމަށްފަހު އެގައުމުގެ ކޯޗް ބުނީ ޓީމަށްވެސް އަދި އޭނާއަށްވެސް މުހިންމީ މިއަދާއި މާދަމާގައި ހިނގާނެ ކަންކަން ކަމަށެވެ. އަދި ދިމާވެފައިވާ މައްސަލައާއި ގުޅިގެން ބެންޒެމާއާއެކު ވަރަށް ގިނައިރު މަޝްވަރާކޮށް ވާހަކަދެއްކުނު ކަމަށާއި، މިއީ އޭނާވެސް އަދި ބެންޒެމާއަށް މުހިންމު، އަދި އެހާމެ ބޭނުންވާ ފުރުސަތެއް ކަމަށެވެ.

އޭގެފަހުން ގަވައިދުން ބެންޒެމާ ގައުމީ ޓީމަށް ކުޅެފައިވާއިރު، މި ފަހަރު ގަތަރުގައި ކުރިއަށްދިޔަ ވޯލްޑް ކަޕަކީ، ބައިނަލްއަގްވާމީ ކެރިއަރުގައި އަނެއްކާ ވެސް ބެންޒެމާގެ ކުރިއެރުމަށް އެޅުނު ކަޅު ހިޔަންޏެކެވެ. ވޯލްޑް ކަޕް 2022އަށް ފްރާންސްއިން އެކުލަވާލި ސްކޮޑުގައި ބެންޒެމާގެ ނަން ހިމެނުނު ނަމަވެސް، މުބާރާތުގެ ކުރިން ޓީމުން ބޭއްވި ފަހު ފަރިތަކުރުންތަކުގެ ތެރެއިން ލިބުނު އަނިޔާއަކާ ގުޅިގެން މި ވޯލްޑް ކަޕުގައި ވެސް ބެންޒެމާއަށް ކުޅެވޭ ގޮތެއް ނުވިއެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ އުމުރުން 34 އަހަރުގެ ބެންޒެމާ ގައުމީ ޖާޒީގައި ފަހު މެޗުތައް ކުޅޭނެ ވޯލްޑް ކަޕަށް ވުމުގެ ފުރުސަތު ބޮޑުކަމަށް މުބާރާތުގެ ކުރިން ވެސް ބެލެވުނެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ބެންޒެމާ އިއުލާންކުރިއިރު، އޭނާ ވަނީ މިހާތަނަށް ފްރާންސަށް ކުޅެދިން 97 މެޗުން 37 ލަނޑު ޖަހާފައެވެ. ބެންޒެމާ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް، ސީނިއަރ ކެރިއަރުގައި އެންމެ ގިނަ ލަނޑު ޖެހި ފްރާންސްއަށް ނިސްބަތްވާ ކުޅުންތެރިޔާއެވެ.

ބެންޒެމާ ވަނީ އޭނާގެ ސީނިއާ ކެރިއަރުގައި 432 ލަނޑު ކާމިޔާބު ކޮށްފައެވެ. އެއީ ފްރާންސްގެ ގައުމީ ޓީމަށް ޖަހައިދިން 37 ލަނޑުގެ އިތުރުން، އޭނާގެ ކެރިއަރު ފެށި އޮލިމްޕިކް ލިއޯންއަށް ޖަހައިދިން 66 ލަނޑާއި، އޭނާ މިހާރު ކުޅެމުން އަދި ކެޕްޓަންކަން ކުރަމުން އަންނަ ސްޕެއިންގެ ރެއާލް މެޑްރިޑަށް ޖަހާދީފައިވާ 329 ލަނޑެވެ.

ފްރާންސްގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ބެންޒެމާ އިއުލާންކުރިއިރު، ގައުމީ ޓީމާއެކު އޭނާ ހޯދި ހަމައެކަނި ކާމިޔާބީ އަކީ 2020/2021 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބު ކުރުމެވެ.

ކުލަބު ކެރިއަރުގައި އަދިވެސް އުޖާލާ މުސްތަގްބަލެއް އޮތް ބެންޒެމާ ވަނީ ރެއާލް މެޑްރިޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެޓީމާއެކު ޔޫއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު، ސްޕެނިޝް ލަލީގާ ހަތަރު ފަހަރު، ކޮޕާ ޑެލްރޭ ދެ ފަހަރަށް އަދި ސްޕެނިޝް ސުޕާ ކަޕް ހަތަރު ފަހަރު ހޯދުމުގެ އިތުރުން ބެންޒެމާ ވަނީ ރެއާލްއާއެކު ޔޫއެފާ ސުޕާ ކަޕް ހަތަރު ފަހަރަށް އަދި ފީފާ ކްލަބް ވޯލްޑް ކަޕު ވެސް ހަތަރު ފަހަރަށް ކާމިޔާބު ކޮށްފައެވެ.

މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ބައްދަލުކުރި މެޗެއްގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް

2022 ވަނަ އަހަރުގެ ބެލަންޑޯ އެވޯޑު ހާސިލްކުރުމުގެ އިތުރުން ބެންޒެމާ ވަނީ 2021/2022 ވަނަ އަހަރު ޔޫއެފާ މެންސް ޕްލެޔާ އޮފް ދަ އިޔާގެ އެވޯޑު ވެސް ހާސިލްކޮށްފައެވެ.