19 Dec 2022, 18:31
މިދިޔަ ހުކުރު ދުވަހު ސިނަމާލެ ބްރިޖުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވާތީ، އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ވިޔަފާރިވެރިޔާ ޖަމްބޯ އިސްމާއިލް މޫސާ (ޖަމްބޯ އިއްސެ) މަރުވި އެ އެކްސިޑެންޓުގެ ވީޑިއޯއާ ބެހޭ ގޮތުން ފުލުހުން މިއަދު މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ވަނީ، މީހަކު މަރުވުމަށް މެދުވެރިވި އެކްސިޑެންޓެއްގެ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރު ކުރުމަކީ އެ މީހެއްގެ އާއިލާއަށް ހިތްދަތިކަން ގެނުވާނެ ކަމެއް ކަމަށެވެ.
ފުލުހުން ބުނީ، އެ ވީޑިއޯ ދައުރު ވަމުންދާތީ ޖަމްބޯ އިއްސެގެ އާއިލާއިން އެކަމުގެ ކަންބޮޑުވުން ފުލުހުންނާ ހިއްސާކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
"އެ ވީޑިއޯ އާންމުވެފައިވާ މައްސަލަ ފުލުހުން މިގެންދަނީ ބަލަމުން. އަދި އެއީ ކިހިނެއް އާންމުވެފައިވާ ވީޑިއޯއެއްތޯ ބަލައި ފިޔަވަޅު އަޅާނެ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށް ޓަކައި ދަންނަވަން،" ފުލުހުންގެ މެސެޖުގައިވެއެވެ.
އިއްސެ މަރުވީ، ހުކުރު ދުވަހުގެ މެންދުރު ސިނަމާލެ ބްރިޖުގެ ޓްރެފިކް ލައިޓް ކައިރިން އޭނާ ދުއްވާފައި ދިޔަ ސައިކަލާއި ކާރެއް ޖެހި، އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުންނެވެ. އޭނާ މަރުވީ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
އިއްސެއަކީ ތައިލެންޑުގައި ފައިވާން އުފައްދާ ފެކްޓަރީއެއް ހިންގާ، ރާއްޖޭގައި ފައިވާން ވިއްކާ ފަރާތްތަކަށް ފައިވާން އުފައްދާ، ސަޕްލައި ކޮށްދިނުމުގެ މަސައްކަތް ކުރި މީހެކެވެ. އޭނާ މަަސައްކަތް ކުރަމުންދިޔައީ އޭނާގެ ޖަމްބޯ ފޯވާޑިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި، ބެންކޮކުގައި ހުންނަ އެ ކުންފުނީގެ މައި އޮފީހުގައެވެ.
މީގެ 22 އަހަރު ކުރިން ދިމާވި މައްސަލަތަކެއްގެ ސަބަބުން އޭނާގެ ދިރިއުޅުން ތައިލެންޑުގެ ބެންކޮކަށް ބަދަލު ކުރުމަށްފަހު އިއްސެ ރާއްޖެ އައީ މިދިޔަ މަހުއެވެ. ރާއްޖެ އައުމަށްފަހު އޭނާގެ އުފަން ރަށް ފުވައްމުލަކަށް ގޮސް ޢާއިލާއާއި ރައްޓެހީންނާއެކު ތިން ދުވަހު މަޑުކުރުމަށްފަހު އޭނާ މާލެ އައިސްފައިވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
އިއްސެ ރާއްޖެ އައީ އޭނާގެ ކުންފުނީގެ އޮފީހެއް މާލޭގައި ހުޅުވުމަށެވެ. އޯކިޑު މަގުގައި އެ އޮފީސް ހުޅުވުމުގެ މަސައްކަތްކޮށް ނިމިފައިވާއިރު ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް އެ ކުންފުނީގެ އޮފީސްތައް ހުޅުވުމަށް ދިޔައީ ތައްޔާރުވަމުންނެވެ.