10 Apr 2012, 13:06
މީގެ 100 އަހަރު ކުރިން އެޓްލާންޓިކް ކަނޑަށް ފެތުނު އިނގިރޭސިވިލާތުގެ މަޝްހޫރު ކްރޫޒް ލައިނާ " ޓައިޓޭނިކް" ގެ ދަތުރުވެރިންގެ ހަނދާނުގައި އެ ބޯޓުން ދަތުރުކުރި މީހުންގެ އާއިލާތަކުން ދަތުރެއް ފަށައިފި އެވެ.
ޓައިޓޭނިކް އަޑިއަށް ދިޔަ ހާދިސާގައި މަރުވި 1500 އަށް ވުރެ ގިނަ މީހުންގެ ގާތްތިމާގެ މީހުން އިނގިރޭސިވިލާތުގެ ސައުތެމްޕްޓަން އިން އިއްޔެ ދަތުރު ފެށީ ބާލްމޯރަލް ނަމަކަށް ކިޔާ ކްރޫޒް ޝިޕެއްގަ އެވެ.
ޓައިޓޭނިކްގައި ދަތުރުކުރި އަދަދުގެ ޕެސެންޖަރުންނާއެކު ބާލްމޯރަލް ކުރާ 12 ދުވަހުގެ ދަތުރުގައި ޓައިޓޭނިކް ފެތުނު ހާދިސާއަށް 100 އަހަރު ފުރުން ފާހަގަކުރާ އިރު އެ ބޯޓް ފެތުނު ސަރަހައްދަށް ވެސް ދިއުމަށް ހަމަޖެހިފައި ވެއެވެ. ނަމަވެސް ބާލްމޯރަލްގެ ދަތުރު ފަށާފައި ވަނީ ޓައިޓޭނިކްގެ ދަތުރު ފެށި ތާރީހަށް ވުރެ ދެ ދުވަސް ކުރިންނެވެ. އެއީ އެ ބޯޓަކީ ޓައިޓޭނިކަށް ވުރެ ކުޑަ އަދި އެއަށް ވުރެ މަޑުން ދުވާ އުޅަނދަކަށް ވާތީ އެވެ.
ޓައިޓޭނިކްގެ ހަނދާނީ ދަތުރުގެ ގިނަ ބައިވެރިން އިނގިރޭސިވިލާތުން ފުރި އިރު އެމީހުން އަޅައިގެން ތިބީ އެ ދުވަސްވަރުގެ ހެދުމެވެ.
އެސްއެމް ބާލް މޯރަލް އަކީ އިނގިރޭސިވިލާތުގެ ބެލްފާސްޓްގައި ޓައިޓޭނިކް ބަން ހެރަލްޑް އެންޑް ވޮލްފު ކުންފުނީގެ ކުންފުންޏެއް ކަމަށްވާ އޮސްލެން ކްރޫޒްލައިންސް އިން އޮޕަރޭޓްކުރާ އުޅަނދެކެވެ. އަދި އެއުޅަނދު ދަތުރަށްޓަކައި ޗާޓަރުކުރީ އެފަދަ ދަތުރުތަކުގެ ހިދުމަތްދޭ މައިލްސް މޯގަން ޓްރެވެލްސް ކުންފުނިންނެވެ.
ދަތުރު އިންތިޒާމު ކުރާ ފަރާތުން ވަނީ ޓައިޓޭނިކްގެ ދުވަސްވަރުގެ މިއުޒިކާއި އެދުވަސްވަރުގެ ކެއުންތައް ވެސް ލިބޭނެ ގޮތް ހަމަޖައްސައި، ފެތުނު ހާދިސާ ފިޔަވައި އެހެން ހުރިހާ ކަމެއް ޓައިޓޭނިކާ އެއްގޮތް ތަޖުރިބާ ތަކެއް ދަތުރުގެ ބައިވެރިންނަށް ކުރެވޭނެ ކަމަށް ބުނެފައެވެ. -- އޭޕީ