19 Dec 2022, 15:40
އެމްޑީޕީގެ ދަފުތަރު ގަޑުބަޑުވެފައި އޮއްވާ ކުރިއަށް ގެންދާ ޕްރައިމަރީއަކީ އެންމެ އިންސާފުވެރި ޕްރައިމަރީއަކަށް ނުވާނެ ކަމަށް އެ ޕާޓީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލަށް ފޮނުވި ސިޓީއެއްގައެވެ.
އެ ސިޓީގައި އެމަނިކުފާން ވަނީ ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ދަފްތަރުގައި ތިބި 40،000އެއްހާ މެމްބަރުން، އެ މެމްބަރުންނަށް އެނގުމަކާ ނުލާ ކުއްލިއަކަށް ދަފުތަރުން ވަކިކުރުމުން ދަފުތަރު ގަޑުބަޑު ވެފައިވާކަމަށް އެ ސިޓީގައިވެއެވެ.
"އެހެން އެކަން އޮއްވާ ޕްރައިމަރީ ކުރިއަށް ގެންދެވުމުން އެ ޕްރައިމަރީއަކީ މިނިވަން އަދި އިންސަފުވެރި އިންތިޚާބަކަށް ވާނޭކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަމެވެ." އެ ސިޓީގައި ވެއެވެ.
މީގެ އިތުރުން އެ ސިޓީގައި ވަނީ، ޕާޓީގެ 40 ޕަސެންޓު މެމްބަރުންގެ ހައްގުތައް ގެއްލުވާލުމަށް ފަހު ބާއްވާ ޕްރައިމަރީއަކުން ރިޔާސީ އިންތިޚާބަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި އެއީ ޕާޓީގެ މަސްލަހަތު ހިފެއްޓޭނެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.
އެހެންކަމުން، ޕްރައިމަރީގައި ވޯޓުލާއިރު ޕާޓީގެ ވޯޓުލާ ދަފްތަރުގައި ހިމެނޭ މެމްބަރުންގެ ހައްގު ގެއްލުވާނުލުމަށް އެ ސިޓީގައި ރައީސް ނަޝީދު އެދިލައްވާފައިވެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ އަންނަ މަހުގެ 28 ވަނަ ދުވައެވެ. އެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ރައީސް ނަޝީދު އެންމެ ފުރަތަމަ ހާމަކުރެއްވީ އިއްޔެ ކުރެއްވި ޓްވީޓެއްގައެވެ.
"ޕާޓީގެ ހުރިހާ މެންބަރުންގެ ވޯޓު އަޅުގަނޑަށް ދެއްވުން އެދެން،" އެ ޓްވީޓުގައިވެއެވެ.
އެޕާޓީން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އަންނަ އަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިވާ ބޭފުޅުންނަށް، އިއްޔެއިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ޕްރައިމަރީގައި ބައިވެރިވެވޭނެ ކަމަށެވެ.
އެގޮތުން ޕްރައިމަރީގައި ވާދަކުރަން ޝައުގުވެރިވާ މީހުން 500 މެންބަރުންގެ ތާއީދު ފޯމާއެކު މިމަހު 24 ވަނަ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމް ހުށަހަޅަން ޖެހެއެވެ.
އެ އިއުލާނުގައި އެމްޑީޕީން ވަނީ ރިޔާސީ ޕްރައިމަރީއާ ގުޅޭ މުހިންމު ތާރީޚުތަކެއް އިއުލާނުކޮށްފައެވެ. މިގޮތުން:
18 ޑިސެމްބަރު 2022– ރިޔާސީ ޕްރައިމަރީ އިއުލާނުކޮށް، ވާދަކުރުމުގެ ފުރުސަތު ހުޅުވާލުން
24 ޑިސެމްބަރު 2022– ކެންޑިޑޭޓުން ވާދަ ކުރުމުގެ ސުންގަޑި
03 ޖެނުއަރީ 2023 – ރިޔާސީ ޕްރައިމަރީ ފައިނަލް ވޯޓާސް ލިސްޓް އާންމު ކުރުން
28 ޖެނުއަރީ 2023– ރިޔާސީ ޕްރައިމަރީ ވޯޓްލާ ދުވަސް
އެ ޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވެސް ވަނީ ޕްރައިމަރީގައި ވާދަކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް މި އަހަރުގެ ޖޫން މަހު ވިދާޅުވެފައެވެ.
ރައީސް ޞާލިޙާއި ނަޝީދާ ދެބޭފުޅުންގެ ހިޔާލު ތަފާތު ވެފައިވާއިރު އެމްޑީޕީގެ ތެރޭގައި ވަނީ ފެކްޝަންތައް އުފެދިފައެވެ. ރިޔާސީ އިންތިޚާބު ކުރިއަށް އޮތްއިރު މިއީ އެ ޕާޓީއަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.