މާލެ ސަރަހައްދުގައި ޕިކްނިކް ދިޔުމަށް ތަރައްގީ ކުރާ ކުޑަގިރި ޕިކްނިކް އައިލެންޑް މި އަންނަ މަހު ހުޅުވަން ނިންމައިފިއެވެ.

އެޗްޑީސީއިން ބުނީ މި އަންނަ މަހު ކުޑަގިރި ހުޅުވަން ނިންމާފައިވީ ނަމަވެސް އަދި ހުޅުވާނެ ތާރީޙެއް ފައިނަލް ނުވާ ކަމަށެވެ.

ކުޑަގިރި ތަރައްގީ ކުރަނީ, ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. އެގޮތުން އެތަން ތަރައްގީ ކުރަނީ އެރަށަށް ދަތުރު ދާ ފަރާތްތަކަށް ބޭނުންވާނެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭ ގޮތަށެވެ. މިގޮތުން ހަޓުތަކާއި ފާޚަނާބަރި ފަދަ ތަންތަން އަދި ކުޅިވަރު ކުޅޭނެ ތަންތަން ވެސް އެ ރަށުގައި ވަނީ ގާއިމް ކުރެވިފައެވެ.

މީގެ އިތުރުން ކުޑަގިރީގައި މިސްކިތެއް ވެސް ވަނީ އިމާރާތް ކޮށްފައެވެ. އެ މިސްކިތް ބިނާ ކުރީ ފެނަކަ ކޯޕަރޭޝަނުންނެވެ.

މި ރަށަކީ އެމްއެންޑީއެފްއާ ގުޅިގެން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމުގެ ޕްލޭން އާއި ޑިޒާސްޓާ މެނޭޖްމަންޓް ޕްލޭން ވެސް ތައްޔާރުކޮށްފައިވާ ރަށެކެވެ. އަދި މި ރަށް ތަރައްގީ ކުރަނީ ސަރުކާރުގެ އެސްއޯއީތައް ކަމަށްވާ އެމްޓީސީސީ އާއި ސްޓެލްކޯ ފަދަ ކުންފުނިތައް ގުޅިގެންނެވެ.

ކުޑަގިރި އަކީ މާލޭގެ ރައްޔިތުން ދަތުރު ދިއުމަށް ޕިކްނިކް އައިލެންޑެއް ތަރައްގީކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވީ ވައުދުފުޅާ ގުޅިގެން ތަރައްގީކުރާ ރަށެކެވެ.

މި ރަށް ހުޅުވުން ލަސްވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން އާންމުން ވަނީ ފާޅުކޮށްފައެވެ. އެގޮތުން އެންމެ ފުރަތަމަ މި ރަށް ހުޅުވަން ނިންމީ މި އަހަރުގެ މިނިވަން ދުވަހަށެވެ. ނަމަވެސް އެކި އެކި މަސައްކަތްތަކާ ހުރެ އަދިވެސް އެ ރަށް އާންމުންނަށް ހުޅުވާފައެއް ނުވެއެވެ.