ބޯޓިން ދާއިރާއިން ޒުވާނުން ތަމްރީން ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) މޯލްޑިވްސް އިންޓަގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީސީ) ގުޅިގެން ބޯޓިން ދާއިރާއިން ތަމްރީންވުމުގެ ފުރުސަތު ދިވެހި 10 ޒުވާނުންނަށް ދީފިއެވެ.

"އާބަން ޔޫތު" ޕްރޮގްރާމަށް ހޮވުނު 10 ބައިވެރިންނާ އިއްޔެ ވަނީ ލިޔުން ހަވާލުކޮށްފައެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ ހުނަރުވެރި ހަރުދަނާ ޒުވާނުން ބިނާކުރުން ކަމަށް އެޗްޑީސީން ބުނެއެވެ. މި ތަމްރީނު ފުރިހަމަ ކުރުމުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް މޮޓޯބޯޓް އޮޕަރޭޓް ކުރެވޭ ރޯޔަލް ޔޮޓިން އެސޯސިއޭޝަންގެ ލައިސަންސް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

މި ތަމްރިޏުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދު ޒުވާނުންނަށެވެ. ތަމްރީނުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް 10 ނިންމައި، އިނގިރޭސި ބަހުން ފަރިތަކަމާ އެކު ވާހަކަ ދައްކަން އެނގުން ހިމެނެއެވެ. އަދި، މީހުން ހޮވުމުގައި މޫދު ކުޅިވަރުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަން ދީފައިވެއެވެ.

"އާބަން ޔޫތު" ޕްރޮގްރާމަށް ހޮވުނު 10 ބައިވެރިންނާ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ އެޗްޑީސީ

މި ޕްރޮގްރާމާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ، މިއީ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް، ރާއްޖޭގައި ހުރި ފުރުޞަތުތަކަށް ދިވެހި ޒުވާނުން އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށާއި، އެޗްޑީސީން ފަށާފައިވާ އެކިއެކި ޕްރޮގްރާމްގެތެރެއިން މިހާތަނަށްވެސް، އިންޓާންޝިޕާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމްތަކުން ގިނަ ޒުވާނުންތަކެއް ވަޒީފާގެ މައިދާނަށް ނެރެފައިވާކަމަށެވެ.

މީގެއިތުރުން، މިއީ އިންޓަނޭޝަނަލް ލައިސެންސެއް ލިބޭގޮތަށް ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ބޯޓިން ދާއިރާގެ ތަމްރީން ޕްރޮގްރާމްގެ ބައިވެރިންނަށް ދެ ދުވަހުގެ ތިއެރެޓިކަލް ޓްރެއިނިންއެށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖެއިން ބޭރުގައި 10 ހަފުތާގެ ޢަމަލީ ތަޖުރިބާގެ ސެޝަންތައް ކުރިއަށްގެންދާއިރު، ޕްރޮގްރާމް ފުރިހަމަކުރާ ޒުވާނުންނަށް ގަލްފްގެ ގައުމެއްގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެއެވެ.