19 Dec 2022, 13:00
ފަތުރުވެރިން ރާއްޖެ ގެނައުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުގެ ދަށުން 1.6 މިލިއަން ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބް މުހައްމަދު ވިދާޅުވީ މާދަމާ މެންދުރު ނުވަތަ މެންދުރު ފަހުގެ ވަގުތެއްގައި 1.6 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށެވެ. ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް އެމްއެމްޕީއާރުސީއާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން ތައްޔާރީތައް ވަމުން އަންނަ ކަމަށްވެސް އެނާ ވިދާޅުވިއެވެ.
އެގޮތުން، ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމުގެ ގޮތުން، ސަގާފީ ބޮޑުބެރުގެ ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެ އާ ހަމައަށް 1،590،379 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތް ކޮށްފައެވެ.
އެމްއެމްޕީއާރްސީ އަކީ ބޭރުގެ މާކެޓްތަކަށް ރާއްޖެ އިޝްތިހާރު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ ކުންފުންޏެވެ. ކޮވިޑް-19 ގެ ބަލިމަޑު ކަމާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމުން މުޅި ދުނިޔެއަށް ރާއްޖެ އިޝްތިހާރު ކުރުމަށް ތަފާތު ވައްޓަފާޅިއެއް ބޭނުން ކުރި ކަމަށާއި، މިހާރު ފެންނަމުން މިދަނީ އެ މަސައްކަތުގެ ފޮނި ނަތީޖާ ކަމަށް ޠައްޔިބް ވަނީ މީގެކުރިން ވިދާޅުވެފައެވެ.
އޭނާގެ ބެއްލެވުމުގެ ދަށުން އެމްއެމްޕީއާރްސީން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް ޖޮއިންޓު މާކެޓިންގ ކެމްޕޭންތަކާއި، އައުޓްޑޯ އިޝްތިހާރު ކެމްޕޭންތަކާއި، ފެއާތަކުގައި ބައިވެރިވުމާއި، ވެބިނާތައް ހޯސްޓްކުރުމާއި، އީ- ލާނިންގ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައެވެ.