19 Dec 2022, 12:32
އަމިއްލަ އިންސްޓިޓިއުޓަކުން ރާއްޖޭގައި އަލަށް އިނގިރޭސިވިލާތުގެ ޕިއާސަން އެޑެކްސެލްގެ ޕްރައިމަރީ ކަރިކިއުލަމަށް ކިޔަވައިދޭން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގައި މިހާތަނަށް އޭލެވެލް ކިޔަވައިދެމުން އައީ އެޑެކްސެލް ކަރިކިއުލަމަަށެވެ. އެހެން ނަމަަވެސް ޕްރައިމަރީއާއި ސެކަންޑްރީގައި ކިޔަވައިދެނީ ކެމްބްރިޖް ކަރިކިއުލަމާ އެއްގޮތަށެވެ.
އެޑެކްސެލް ޕްރައިމަރީ ކަރިކިއުލަމް ކިޔަވައިދިނުމުގެ ހުއްދަ ދޫކޮށްފައިވަނީ ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ޚިދުމަތްކުރައްވައިފައިވާ، ޑރ. އަބްދުﷲ ނަޒީރު ހިންގަވާ، ނަޒީރު އެޑިއުކޭޝަން ސާވިސަސް (އެންއީއެސް)ގެ ޔަންގް ލާނާޒްއަށެވެ.
ޔަންގް ލާނާޒްއިން އެޑެކްސެލް ޕްރައިމަރީ ކަރިކިއުލަމާ އެއްގޮތަށް ގްރޭޑް އެކަކުން ހަޔަކަށް، ހަތަރު މާއްދާއެއް ކިޔަވައިދޭނެއެވެ. އެއީ މެތަމެޓިކްސްއާއި، ސައިންސާއި، އިނގިރޭސި، އަދި ކޮމްޕިއުޓިންއެވެ.
ގްރޭޑް ހައެއް ނިމުމުން ސެކަންޑްރީ ފެށުމުގެ ކުރިން ފެންވަރު ވަޒަންކުރުމުގެ އިމްތިހާނެއް ދޭނެއެވެ. އެއީ ބައިނަލްގަވްމީ ފެންވަރުގެ އިމްތިހާނެކެވެ. އެެހެންކަމުން އެ އިމްތިހާންވާނީ އެންމެ ހަގު އުމުރެއްގައި ރާއްޖޭގައި ދަރިވަރުން ހަދާނެ ބައިނަލްއަގްވާމީ ފެންވަރުގެ އިމްތިހާނަށެވެ.
"އަޅުގަނޑުމެން ސެކަންޑްރީ ފެށުމުގެ ކުރިން މި ރާއްޖޭގައި އެޑެކްސެލް އައި ޕްރައިމަރީ އެގްޒާމެއް ހަދާފައި އެ ކުދިންގެ ކިބައިގައި އެ ފެންވަރު ހުރިތޯ ބަލައިފައި ސެޓްފިކެޓު ވެސް ދޭނެ،" ނަޒީރު މިއަދު "ސަން"އަށް ވިދާޅުވިއެވެ.
ނަޒީރު ވިދާޅުވި ގޮތުގައި ވަރަށް ގިނަ ގައުމުތަކުގައި ތަފާތު ކަރިކިއުލަމްތަކަށް ކިޔަވައިދެއެވެ. އަދި ސަރުކާރު ސްކޫލުތަކުގައި ކިޔަވައިދޭ ކަރިކިއުލަމަށް ކިޔަވައިދިނުމަކީ ކޮންމެހެން ކުރުން މަޖުބޫރު ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުހިންމީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ކަރިކިއުލަމަކަށް ކިޔަވައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ބެލެނިވެރިންނަށް ތަފާތު އޮޕްޝަންތަކެއް ހޯދައިދިނުމަކީ އަޅުގަނޑުމެން އެޑިއުކޭޓަރުންގެ ޒިންމާއެއް،" ނަޒީރު ވިދާޅުވިއެވެ.
އިންސްޓިޓިއުޓުގައި ކިޔަވައިދޭން މަސައްކަތްކުރާނީ، އެކަމަށް އެންމެ ގާބިލް ޓީޗަރުންނެވެ. ހުރިހާ ވަސީލަތްތަކެއް ވެސް ފޯރުކޮށްދޭނީ އެޑެކްސެލްއިންނެވެ.
އެންއީއެސް ޔަންގް ލާނާޒްގައި ކިޔެވުމަށް ބޭނުންވާ ކުދިންނަށް މި މަހުގެ 31ގެ ކުރިން އެޕްލިކޭޝަން ލުމުގެ ފުރުސަތުވަނީ ހުޅުވައިލައިފައެވެ. ކިޔެވުން ކުރިއަށްދާނީ އަންނަ އަހަރުގެ ދިރާސީ ކަލަންޑަރާ އެއްގޮތަށެވެ.
ޑރ. ނަޒީރުވަނީ ކުރިން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ.
އެންއީއެސް ޔަންގް ލާނާޒްގެ އިތުރުން، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ފެންވަރުގެ މަތީ ތައުލީމުގެ ކޯސްތައް ހިންގާ އެންއީއެސް އިންސްޓިޓިއުޓާއި، އެންއީއެސް ކޮންސަލްޓަންސީގެ ނަމުގައި ވެސް ޑރ. ނަޒީރު ތައުލީމީ ދާއިރާއާ ގުޅުންހުރި ޚިދުމަތްތައް ފޯރުކޮށްދެއެެވެ.