19 Dec 2022, 10:59
މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް ޖީބުން ފެނުމުން އެއީ ރަހުމަތްތެރިއަކަށް ލަނޑެއް ދިނުމަށް ބަހައްޓާފައިހުރި ގޮދަން ފުށް ކަމަށް ބުނެފިއެވެ.
މަސްތުވާތަކެއްޗާއި ވައްކަމުގެ ރިކޯޑް އޮންނަ އުމުރުން 32 އަހަރުގެ އެ މީހާ އިއްޔެ ހައްޔަރުކޮށް ބަންދަށް ފަސް ދުވަސް އިތުރު ކޮށްފައިވަނީ ވަކީލެއްގެ ހާޒިރުގައި ތަހުގީގު ކުރިއަށްގެންދަން ބޭނުންވާ ކަމަށް ބުނުމުންނެވެ.
މުއްދަތު މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު ޖީންސުގެ ވާތްފަރާތު ކުރިމަތީ ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި އެއް ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ.
އޭނާ ބުނީ އެއީ އޭނާގެ ރަހުމަތްތެރިއަކަށް ލަނޑެއް ދިނުމަށް ގެންގުޅުނު ގޮދަން ފުށް ޕެކެޓެއް ކަމަށެވެ.
ފެނުނު ޕެކެޓްގައިހުރި އެއްޗެހި އަވަހަށް ތަހްލީލް ކުރުމަށް ގާޒީ ވަނީ ފުލުހުންނަށް އަންގާފައެވެ.
ފަސް ދުވަސްފަހުން ދެން އޭނާގެ ބަންދު މުރާޖާ ކުރުމުގެ މަޖިލިސް ކުރިއަށް ގެންދާނީ ވަކީލެއްގެ ހާޒިރުގައެވެ.