އާޖެންޓީނާގެ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅުން ހުއްޓާލުމަށް އަދި ނުނިންމާކަމަށް، ފުޓުބޯޅައިގައި އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ލިއޮނެލް މެސީ ބުނެފިއެވެ.

މެސީ މިފަދައިން ބުނެފައިވަނީ، މުބާރާތުގެ ފައިނަލުގައި ފްރާންސްގެ މައްޗަށް އާޖެންޓީނާ ހޯދި މޮޅާއެކު، ވޯލްޑް ކަޕުގެ ތަށި އުފުލާލައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދުމަށްފަހު މީޑިއާތަކާ ވާހަކަދައްކަމުންނެވެ.

އެގޮތުން މެސީ ބުނީ، އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށާއި، ޗެމްޕިއަނެއްގެ ގޮތުގައި ގައުމީ ޖާޒީގައި އަދި ފުޓުބޯޅަ ކުޅެން ބޭނުންވާ ކަމަށެވެ.

މި ކާމިޔާބީއަށްފަހު މެސީ އިތުރަށް ބުނީ، މިއީ ވަރަށް ތަފާތު އިހުސާސްތަކެއް ގެނުވި ކާމިޔާބީއެއް ކަމަށާއި، މި ކާމިޔާބީ ލިބޭނެ ކަމުގެ ބޮޑު އުންމީދެއް ކުރިންވެސް ކުރެވުނު ކަމަށް އަދި އެފަދަ ބުނެދޭން ނޭނގޭ އިހުސާސްތަކެއް ކުރުވި ކަމަށެވެ. އަދި މިއީ އެންމެ ކުޑައިރުއްސުރެއް ހޯދަން ބޭނުންވި ކާމިޔާބީއެއް ކަމަށާއި، ތަށްޓާއެކު އެނބުރި ގައުމަށް ދިއުމަށް ކެތްމަދުވެފައި ހުރިކަމަށް މެސީ ވަނީ ބުނެފައެވެ.

މެސީއާ ގުޅޭގޮތުން ވާހަކަދައްކަމުން އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މެސީއަށް ޖާގަ ލިބެން ޖެހޭނެ ކަމަށާއި، ބޭނުންވަނީ ޓީމުގައި މެސީ ހިމެނުން ކަމަށެވެ. އަދި ކުޅުން ކުރިއަށް ގެންދިއުމަށް މެސީ ނިންމައިފި ނަމަ، އާޖެންޓީނާގެ ގައުމީ ޓީމުގެ 10 ނަމްބަރު ޖާޒީ އަބަދުވެސް މެސީއަށް ހާއްސަކޮށްފައި ބަހައްޓާނެ ކަމަށް ސްކަލޯނީ ބުނެފައިވެއެވެ.

ފީފާ ވޯލްޑް ކަޕް 2022 ކާމިޔާބުކޮށް، ލިއޮނެލް މެސީ ވަނީ ފުޓުބޯޅައިގައި ކުޅުންތެރިއަކަށް ހޯދޭނެ ހުރިހާ ޝަރަފަކާއި ކާމިޔާބީއެއް ހާސިލް ކޮށްފައެވެ. ވަކިވަކި ކުޅުންތެރިންނަށްދޭ އެވޯޑު ތަކާއި، އޭނާ ކުޅުނު ކުލަބުތަކާއެކު ވެސް އަދި ގައުމީ ޓީމާއެކު ވެސް މެސީ މިވަނީ ހުރިހާ ކާމިޔާބީއެއް ހޯދާފައެވެ.

އެގޮތުން ފީފާ ވޯލްޑް ކަޕުގެ ގޯލްޑަން ބޯލް އެވޯޑު ދެ ފަހަރެއްގެ މަތިން ހާސިލްކުރި ހަމައެކަނި ކުޅުންތެރިއަކީ މެސީ އެވެ. އަދި ފުޓުބޯޅައިގެ ތާރީޚުގައި ވެސް، ވަކިވަކި ކުޅުންތެރިންނަށްދޭ އެންމެ ހައިބަތު ބޮޑު އެވޯޑު، ބެލަންޑޯ އެވޯޑު އެންމެ ގިނަ ފަހަރަށް ކާމިޔާބު ކުރީ ވެސް ހަމަ މެސީއެވެ. އެއީ ޖުމްލަ ހަތް ފަހަރުއެވެ. ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ވެސް އެތައް އެވޯޑެއް މެސީ ހާސިލްކޮށްފައިވެއެވެ.

ބާސެލޯނާއާއެކު ހޭދަކުރި 20 ވަރަކަށް އަހަރުގެ ތެރޭގައި މުޅި ޔޫރަޕު ފުޓުބޯޅައިގައި މެސީ ނުހޯދާ ކާމިޔާބީއެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

އޭނާގެ ޓްރޮފީ ކެބިނެޓުގައި މަދުވާ ހަމައެކަނި ޓްރޮފީ، ވޯލްޑް ކަޕުގެ ޓްރޮފީ ވެސް އެންމެފަހުން މެސީއަށް ހާސިލްކުރެވިފައި ވާއިރު، ފުޓުބޯޅައިގެ މާހިރުންނާއި މި ކުޅިވަރުގެ ސަޕޯޓަރުން ގަބޫލުކުރާ ގޮތުގައި މެސީ އަކީ ދުނިޔެ ދުށް އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާއެވެ. އެއީ ފުޓުބޯޅައިގެ ރަސްގެފާނު ކަމަށް ގިނަބަޔަކު އަންނަނީ އިއްތިފާގު ވަމުންނެވެ.

އުމުރުން އެންމެ 16 އަހަރުގައި ސީނިއާ ފުޓުބޯޅަ ކެރިއަރު ފެށި މެސީ އާޖެންޓީނާގެ ސީނިއާ ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެން ފެށީ އުމުރުން 18 އަހަރުގައެވެ. މިހާތަނަށް ގައުމީ ޓީމާއެކު މެސީ ކުޅުނު 172 މެޗުން އޭނާ ވަނީ އެ ޓީމަށް 98 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

މެސީ ވަނީ އާޖެންޓީނާއާއެކު ވޯލްޑް ކަޕުގެ އިތުރުން ކޮޕާ އެމެރިކާ ފުޓުބޯޅަ މުބާރާތާއި ފިނަލިސިމާ މެޗު ކާމިޔާބު ކޮށްފައެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް މެސީ ބުނެފައި މިވަނީ، މިއީ އޭނާގެ ފަހު ވޯލްޑް ކަޕް ކަމަށް އަމިއްލައަށް ބުނުމަށް ފަހުއެވެ. އެހެންކަމުން ދެން އަންނަ ވޯލްޑް ކަޕެއްގައި މެސީ ފެނިދާނެތޯ، މިއީ އަނެއްކާ ވެސް ޖަވާބު ނުލިބި އޮތް ސުވާލެކެވެ.