19 Dec 2022, 10:22
ބޮލީވުޑަށް ތަޢާރަފްވުމުގެ މަރުޙަލާ ކަޑައްތުކުރަމުންދާ އަލިޒޭ އަގްނިހޯތްރީއަށް ކެރިއަރުގެ ދެވަނަ ފިލްމަށް ސޮއިކުރުމުގެ ފުރުޞަތު ލިބިއްޖެއެވެ.
އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ އަލްވިރާ އަގްނިހޯތްރީއާއި ކުރީގެ އެކްޓަރު އަތުލް އަގްނިހޯތްރީގެ ދަރިފުޅު އަލިޒޭ އަގްނިހޯތްރީ ސޮއިކުރިކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ ވިކާސް ބަލްގެ ފިލްމަކަށެވެ.
އަލިޒޭ ފިލްމީ ދާއިރާއަށް ތަޢާރަފްވާނީ ޑައިރެކްޓަރު ސޯމެންދުރަ ޕާދީގެ ފިލްމަކުންނެވެ. ސޯމިންދަރްއަކީ މަޤްބޫލު ޓެލެވިޒަން ސީރީސް "ޖަމްތާރާ"ގެ ޑައިރެކްޓަރެވެ.
އަލިޒޭ ޑައިރެކްޓަރު ވިކާސް ބަލްގެ ފިލްމަކަށް ސޮއިކޮށްފައިވާއިރު ވިކާސް ދާދިފަހުންވަނީ އެކްޓަރު ޓައިގާ ޝްރޮފްއާއި ބަތަލާ ކްރިތީ ސެނޮންއާއެކު އުފައްދާ ފިލްމު "ގަންޕަތް"ގެ މަސައްކަތްވެސް ނިންމާލާފައެވެ. މިފިލްމަށްފަހު ވިކާސް އަލަށް ފަށާ ފިލްމަކީ، 2016ވަނަ އަހަރު ރިލީޒްވި ފަރަންސޭސި ފިލްމު "ލަ ފެމިލީ ބެލިއާ" އަސްލަކަށް ބަލައިގެން ތައްޔާރުކުރާ ފިލްމެކެވެ.
ފިލްމުގެ ސްކްރިޕްޓް ނިންމާލުމުގެ މަރުޙަލާގައި އޮތްއިރު ފިލްމުގެ ފުރަތަމަ ޝެޑިއުލް ފެށޭ އަހަރުގެ މެދުތެރޭގައި ކުރިއަށްގެންދިއުމަށްވަނީ ރޭވިފައެވެ. މިފިލްމަކީ ޔޫރަޕްގެ އޯޑިއަންސްއަށް ތައްޔާރުކޮށްފައިވާ ފިލްމެއްގެ ރިމޭކްއެއްކަމުން ފިލްމުގެ ސްކްރިޕްޓް ތައްޔާރުކުރުމުގައި ވިކާސްވަނީ އިންޑިއާ މީހުންގެ ދިރިއުޅުމާއި ސަޤާފަތާގުޅޭގޮތަށް ސްކްރިޕްޓް ލިޔުމަށް އިސްކަންދޭނެކަމަށް ބުނެފައެވެ. ވިކާސް ބަލް ފިލްމުގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާއިރު ފިލްމުގެ ޕްރޮޑިއުސަރަކީ އެލިޒޭގެ ބައްޕަ އަތުލް އަގްނިހޯތްރީއެވެ.
މިފިލްމުގައި އެލިޒޭ ފެނިގެންދާނީ އިޝާރާތުގެ ބަހުން ޢާއިލާއާއި މުޚާތަބްކުރާ ވަރަށް ހުނަރުވެރި ޒުވާނެއްގެ ރޯލްއިންނެވެ. އެލިޒޭގެ ޢާއިލާއަކީ އިވުމާ ވާހަކަ ދެއްކުމުން މަޙުރޫމްވެފައިވާ ޢާއިލާއެއްކަމުން އެލިޒޭ ފިލްމުގައި ފެންނާނީ ޢާއިލާދެކެ ވަރަށް ލޯބިވާ އަންހެން ކުއްޖެއްގެގޮތުގައެވެ. ނަމަވެސް އެލިޒީގެ ކިބައިގައިހުރި ލަވަކިޔުމުގެ ހުނަރު މިއުޒިކް ކިޔަވައިދޭ މުދައްރިސަކަށް ފާހަގަކުރެވި އެހުނަރު ތަރައްޤީކުރުމަށް ވާންޖެހޭ ޤުރުބާނީތައް ފިލްމުގައި އަސަރުގަދަ ގޮތަކަށް ފެންނާނެއެވެ.