18 Dec 2022, 23:32
ގަތަރުގައި ފާއިތުވީ މައެހްހާ ދުވަހުގެ ތެރޭގައި ބޭއްވި ފީފާ ވޯލްޑް ކަޕު 2022 ގައި، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ގޯލްޑަން ބޯލް އެވޯޑު، އާޖެންޓީނާގެ ކެޕްޓަން އަދި ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނެލް މެސީ ހޯދައިފިއެވެ.
މެސީ މި އެވޯޑު ހޯދިއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އާޖެންޓީނާއެވެ. އާޖެންޓާނާއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ވެސް މެސީއެވެ.
މެސީ ވަނީ މި ފަހަރުގެ ވޯލްޑް ކަޕުގައި ޖުމްލަ ހަތް ލަނޑު ކާމިޔާބު ކޮށްދީފައެވެ. ފައިނަލް މެޗުގައި އާޖެންޓީނާއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދިނީ ވެސް މެސީ އެވެ.
މިއީ މެސީ، ވޯލްޑް ކަޕެއްގެ މޮޅު ކުޅުންތެރިޔާއަށްދޭ ގޯލްޑަން ބޯލް އެވޯޑު ހޯދި ދެވަނަ ފަހަރެވެ. މީގެކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މެސީ ވަނީ އެ އެވޯޑު ހޯދާފައެވެ.
މިއީ އާޖެންޓީނާގެ ކުޅުންތެރިން މި އެވޯޑު ހޯދި ތިންވަނަ ފަހަރެވެ. އެންމެފުރަތަމަ އާޖެންޓީނާގެ ކުޅުންތެރިއަކު މި އެވޯޑު ހޯދީ 1986 ވަނަ އަހަރުއެވެ. އެއީ ޑިއޭގޯ މަރަޑޯނާ އެވެ. އޭގެފަހުން ދެ ފަހަރަށް މި އެވޯޑު ހޯދީ މެސީ އެވެ. މެސީ އަކީ މި އެވޯޑު ދެ ފަހަރަށް ހޯދި ފުރަތަމަ ކުޅުންތެރިޔާވެސް މެއެވެ. އަދި އާޖެންޓީނާ އަކީ މި އެވޯޑު އެންމެ ގިނަ ފަހަރަށް ހޯދި ގައުމެވެ.
މިފަހަރުގެ މުބާރާތުގެ ދެވަނައަށް އެންމެ މޮޅު ކުޅުންތެރިޔާއަށްދޭ ސިލްވާ ބޯލް އެވޯޑު ހޯދީ ފްރާންސްގެ އެމްބާޕޭ އެވެ. ތިންވަނައަށް އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނެލް މެސީ --ފޮޓޯ/ގެޓީ އިމޭޖަސް
އެންމެފަހުން ކުޅުނު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދީ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އެވެ. ގޯލްޑަން ބޯލް އެވޯޑު އެންމެފުރަތަމަ ދޭން ފެށި 1982 ވަނަ އަހަރުއެވެ. އެ އަހަރު މި އެވޯޑު ހާސިލްކުރީ އިޓަލީގެ ޕައޮލޯ ރޮސީ އެވެ.
ވޯލްޑް ކަޕް 2022 ގެ ވަކިވަކި ކުޅުންތެރިންނަށްދޭ އެހެން އެވޯޑުތަކަށް ބަލާލާއިރު، މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު ހޯދީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އެވެ. އެންމެ މޮޅު ކީޕަރުގެ އެވޯޑު ހޯދީ އާޖެންޓީނާގެ ކީޕަރު އެމީ މާޓިނޭޒް އެވެ.
2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ފްރާންސްގެ ކިލިއަން އެމްބާޕޭ އެވެ. އެންމެ މޮޅު ކީޕަރުގެ މަގާމު ހޯދީ ބެލްޖިއަމްގެ ކީޕަރު ތިބޮއު ކޯޓުއާ އެވެ.
މިފަހަރުގެ މުބާރާތުގައި ޖުމްލަ އަށް ލަނޑު ޖަހައިގެން މުބާރާތުގެ ޓޮޕް ސްކޯރާއަށްދޭ ގޯލްޑަން ބޫޓް އެވޯޑު ހޯދީ އެމްބާޕޭ އެވެ.

ގޯލްޑަން ބޫޓު އެވޯޑު ހޯދި ކިލިއަން އެމްބާޕޭ --ފޮޓޯ/ގެޓީ އިމޭޖަސް
މިފަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދިއިރު މިއީ އެ ޓީމުން މުބާރާތް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ.
މިއަދުގެ ކާމިޔާބީއާއެކު ލިއޮނެލް މެސީއަށް ފުޓުބޯޅަ ކެރިއަރުގައި ހޯދޭނެ އެންމެހާ ކާމިޔާބީއެއް ހޯދީފައިވާއިރު، ގިނަ އަހަރުތަކަކަށް ދިގު ދެމިގެންދިޔަ "ގޯޓް" (ގްރޭޓަސްޓް އޮފް އޯލް ޓައިމް) ބަހުސް އަށް ނިމުން ގެނުވައި، އެ ޝަރަފު ހޯދީ މެސީ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އާޖެންޓީނާގެ ކުޅުންތެރިން ވޯލްޑް ކަޕުގެ ޓްރޮފީއާއެކު --ފޮޓޯ/ގެޓީ އިމޭޖަސް
ވޯލްޑް ކަޕް 2022 ގެ ތިންވަނަ ހޯދީ ކްރޮއޭޝިއާއެވެ. ސެމީގައި ކްރޮއޭޝިއާ އަތުން ބަލިވި މޮރޮކޯއަށް ލިބެނީ ހަތަރު ވަނައެވެ.