18 Dec 2022, 22:57
ފީފާ ވޯލްޑް ކަޕް 2022 ގެ ޝަރަފުވެރި ޗެމްޕިއަންކަން، އާޖެންޓީނާއިން ހޯދައިފިއެވެ.
32 ޓީމުގެ މެދުގައި ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފެށި މި ވޯލްޑް ކަޕުގެ ޗެމްޕިއަންކަން އާޖެންޓީނާއިން ހޯދީ މިރޭ ލުސައިލް ސްޓޭޑިއަމުގައި ކުޅުނު ފައިނަލް މެޗުގައި 90 މިނެޓުގެ ކުޅުން އަދި އިތުރުވަގުތުގެ ދެ ހާފު ކުޅުނުއިރުވެސް 3-3 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ޕެނަލްޓީގައި ކުރިހޯދައިގެންނެވެ.
ޕެނަލްޓީގައި އާޖެންޓީނާއިން ކުރި ހޯދީ 2-4ގެ ނަތީޖާއަކުންނެވެ.
ފްރާންސްގެ ފުރަތަމަ ލަނޑާ ހަމައަށް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކިންގް މޮޅު ކުޅުމެއް ކުޅުނީ އާޖެންޓީނާއިންނެވެ. މެޗުގެ ކުރީކޮޅުގައި ފްރާންސް ޓީމަށް އެ ޓީމުގެ އަސްލު ކުޅުން ނުދެއްކުނުކަން ފާހަގަކޮށްލެވެއެވެ. އެހެންނަމަވެސް ފުރަތަމަ ހާފު ނިމެން ދަނިކޮށް އަދި ދެވަނަ ހާފު ފަށައިގެން ފްރާންސްއިން ކުޅުން ރަނގަޅުކޮށް، ކޮންމެވެސް ވަރަކަށް ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިއެވެ. ފުރަތަމަ ހާފު ނިމުނުއިރު ވެސް އަދި ފްރާންސްގެ ފުރަތަމަ ލަނޑާ ހަމައަށް އެޓީމަށް އާޖެންޓީނާގެ ގޯލަށް އެންމެ ހަމަލާއެއްވެސް ފޮނުވާ ނުލެވެއެވެ.
މެޗުގައި އާޖެންޓީނާއިން ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއެއްގައި 23 ވަނަ މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން އެންހަލް ޑިމަރިއާއަށް ފްރާންސްގެ ޑެމްބެލޭ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބު ކޮށް އާޖެންޓީނާއަށް ލީޑު ނަގައިދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. މިއީ މި ފަހަރުގެ ވޯލްޑް ކަޕުގައި މެސީ ޕެނަލްޓީން ޖެހި ހަތަރު ވަނަ ލަނޑެވެ.
މި ލަނޑާއެކު މެސީ ވަނީ، އެއް ވޯލްޑް ކަޕުގައި، ގްރޫޕް ސްޓޭޖާއި، ރައުންޑް އޮފް 16ގެ އިތުރުން ކުއާޓާ ފައިނަލާއި ސެމީ ފައިނަލް އަދި ފައިނަލް މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑު ގާއިމް ކޮށްފައެވެ. މީގެއިތުރުން ވެސް މެސީ ވަނީ މި މެޗުގައި އިތުރު ރެކޯޑުތަކެއް ގާއިމް ކޮށްފައެވެ.

އާޖެންޓީނާއާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް
އެގޮތުން މެސީ އަކީ ވޯލްޑް ކަޕުގެ ތާރީޚުގައި ވެސް މުބާރާތުގެ އެންމެ ގިނަ މެޗުތައް ކުޅެފައިވާ ކުޅުންތެރިޔާއެވެ. އޭނާ ޖުމްލަ 26 މެޗު ކުޅެފައިވެއެވެ. އަދި ވޯލްޑް ކަޕުގެ މެޗުތަކުގައި އެންމެ ގިނަ މިނެޓު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑު ވެސް މެސީ މިވަނީ ގާއިމް ކޮށްފައެވެ. މި މެޗަށް މެސީ ނުކުތްއިރު މި ރެކޯޑު ހަދާފައި ވަނީ ވޯލްޑް ކަޕުގައި 2،216 މިނެޓު ކުޅެފައިވާ އިޓަލީގެ ޕައޮލޯ މަލްޑިނީއެވެ.
މެޗުގައި އާޖެންޓީނާއިން ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކުރީ 36 ވަނަ މިނެޓުގައެވެ. ޓީމެއްގެ ގޮތުގައި ކުޅެގެން ތަނަވަސް ކުރި ރަނގަޅު ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެންހެލް ޑިމަރިއާ އެވެ. ޑި މަރިއާ މި ލަނޑު ޖެހިއިރު މިއީ އޭނާ އާޖެންޓީނާގެ ގައުމީ ޓީމަށް ކުޅުނު ފަހު މެޗުކަން އޭނާ ވަނީ ހާމަކޮށްފައެވެ.

އާޖެންޓީނާއާއި ފްރާންސް ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ގެޓީ އިމޭޖަސް
އައު ރޫޙެއްގައި ކުޅެމުންދިޔަ ފްރާންސްއިން މެޗުގައި ފުރަތަމަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުން 80 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އަދި އޭގެ 97 ސިކުންތުފަހުން ފްރާންސްގެ ދެވަނަ ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީވެސް ޒުވާން ތަރި ކިލިއަން އެމްބާޕޭ އެވެ.

ފްރާންސާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން --ފޮޓޯ/ގެޓީ އިމޭޖަސް..
ފުރިހަމަ ވަގުތުގެ 90 މިނެޓުގެ ފަހު 10 މިނެޓުގެ ތެރޭގައި ކާމިޔާބު ކުރި ދެ ލަނޑާއެކު ފްރާންސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުން، ނަތީޖާ ނެރުމަށް ޖެހުނީ އިތުރުވަގުތުގެ ދެ ހާފު ކުޅޭށެވެ.
އިތުރުވަގުތުގެ ދެ ހާފުގައި ވެސް ދެ ޓީމުގެ ފަރާތުން ވާދަވެރި، މޮޅު ކުޅުމެއް ފެނިގެންދިޔައިރު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގައި އާޖެންޓީނާއިން ވަނީ ތިންވަނަ ލަނޑެއް ޖަހައި ލީޑު ނަގާފައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މާޓިނޭޒް ފޮނުވާލި ހަމަލާއެއް ފްރާންސްގެ ކީޕަރުގެ އަތުގައި ޖެހިފައި ނުކުތުމުން، ރިބައުންސް ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ލިއޮނެލް މެސީ ޖެހި ލަނޑެކެވެ.

ފްރާންސާއި އާޖެންޓީނާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ/ގެޓީ އިމޭޖަސް
މި ލަނޑާއެކު މެސީ މި ފަހަރުގެ ވޯލްޑް ކަޕުގައި ޖެހި ލަނޑުގެ އަދަދު ވަނީ ހަތަކަށް އަރާފައެވެ.
މޮޅުވުމުގެ އުންމީދުގައި ކުޅެމުންދިޔަ އާޖެންޓީނާ މާޔޫސްކޮށްލީ، އިތުރުވަގުތުގެ ދެ ހާފުގެ ކުޅުން ހަމަވާން ދެ މިނެޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުން، ކިލިއަން އެމްބާޕޭ އެވެ. މިއާއެކު މިފަހަރުގެ ވޯލްޑް ކަޕުގައި އެމްބާޕޭ ޖެހި ޖުމްލަ ލަނޑުގެ އަދަދު ވަނީ އަށަކަށް އަރާފައެވެ. އަދި އޭނާ އަކީ މުބާރާތުގެ ޓޮޕް ސްކޯރާ ވެސް މެއެވެ.

ފައިނަލް މެޗުގެ ތެރެއިން --ފޮޓޯ/ ގެޓީ އިމޭޖަސް
މެޗުގައި ޓީމެއްގެ ގޮތުގައި ދެއްކި މޮޅު ކުޅުމާއެކު އާޖެންޓީނާއިން ފީފާ ވޯލްޑް ކަޕް 2022 ގެ ޗެމްޕިއަންކަން ހޯދިއިރު މިއީ އެޓީމުން ވޯލްޑް ކަޕް ކާމިޔާބު ކުރި ތިންވަނަ ފަހަރެވެ. މީގެކުރިން 1978 ވަނަ އަހަރާއި 1986 ވަނަ އަހަރުގެ ތަށި އާޖެންޓީނާއިން ވަނީ އުފުލާލާފައެވެ.
މިއާއެކު ލިއޮނެލް މެސީ މިވަނީ ކުޅުންތެރިއެއްގެ ގޮތުގައި ފުޓުބޯޅައިގައި އެންމެހާ ކާމިޔާބީއެއް ހޯދާފައެވެ.
ވަކިވަކި ކުޅުންތެރިންނަށް ފުޓުބޯޅައިގައިދޭ އެންމެ ޝަރަފުވެރި އެވޯޑް، ބެލަންޑޯ އެވޯޑު ހަތް ފަހަރަށް ހޯދާފައިވާ މެސީ ވަނީ މީގެކުރިން ވޯލްޑް ކަޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.
އަދި އޭނާ ކުޅެފައިވާ ޓީމުތަކާއެކު ލީގު ޓައިޓަލްއާއި ޔޫރަޕުގެ ޝަރަފުވެރި މުބާރާތް ވެސް އެތައް ފަހަރެއްގެ މަތިން މެސީ ހޯދާފައިވެއެވެ. އަދި އެ މުބާރާތްތަކުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް އޭނާ ހޯދާފައިވެއެވެ.
ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ކާމިޔާބީއާއެކު، ގްރޭޓަސްޓް އޮފް އޯލް ޓައިމް ނުވަތަ "ގޯޓް" ބަހުސްއަށް ނިމުން އައިސް، މެސީ މިވަނީ މި ބަހުސްގައި ކާމިޔާބީ ހޯދާފައެވެ.