ގައިންގަޔަށް ނާރާ އެކިއެކިބަލިބަލި ޖެހުމާއި، ތިމާގެ ކޭންބުއިމުގެ އާދަތައް ބެހެއްޓޭ ގޮތާއި ހުރި ގުޅުމަކީ ކޮބައިތޯ އެއީ މިހާރަކަށް އައިސް ވަރަށް ގިނައިން ކުރިމަތިކުރެވޭ ސުވާލެކެވެ. ތިމާއަށް ދިގުލާ ބައްޔެއް ޖެހިއްޖެނަމަ، ތިމާގެ ކެއިން ބުއިމަށް ބަދަލުތަކެއް ގެނައުމަށް ގިނަފަހަރަށް ޑޮކުޓަރު ނަސޭހަތް ދެއެވެ. ކެއުމުގައި ބޭނުން ކުރުން ރަނގަޅު އެއްޗެއްސާއި ރަނގަޅު ނޫން އެއްޗެތި ހޯދާ އޮޅުންފިލުވައިގެން އެތަކެތި ބޭނުން ކުރަން ފަށައެވެ. ތިމާއަށް އެންމެ މީރު ކެއިން ބުއިމުގެ ތެރޭގައި ހިމެނޭ އައިސް ކުރީމާއި، ކޯލާ އާއި، ތެލުލި ކުކުޅު ނުކެވޭ އެއްޗެތީގެ ލިސްޓު ތެރެއަށް ވަދެގެން ދެއެވެ. އެހެންޏާ ނުކައި އުޅޭ ޒާތްޒާތުގެ ތަކެތި ކެއުމަށް މަޖުބޫރު ވެއެވެ. ސަރުބީ މަދު ކިރާއި، ރޯމޭވާ އާއި ތަރުކާރީ، ފަތާއި ގޮވާމުގެ ބާވަތްތަށް، ތިމާގެ ކެއުމުގެ މެނޫ ގައި ހިމަނަން ޖެހެއެވެ. ހެޔޮވަރު ރަހައެއް ލާވަރަށް ހަކުރު ކޮޅެއް، ނޫނީ ލޮނު ކޮޅެއް އަޅަން ބިރުގަންނަވަރު ވެއެވެ. ތެލުލި އެއްޗެއް ކެވޭވަރެއް ނުވެއެވެ. އިހުޒަމާނުގައި ކަމެއް ވާނެކަމުގެ ޔަޤީންކަން އޮތުމުން އެކަމެއް ނުވާނަމަ ލޮނު ލައިގެން ބަތެއް ނުކާނަމޭ ބުނެއުޅުނު ނަމަވެސް، މިޒަމާނުގައި ލޮނު ނުލައި ބަތް ކާނެކަމަށް ވަޢުދުވާ ކިތަންމެ ބަލިމީހަކު އެބައުޅެއެވެ.

އިހުޒަމާނުގައި ރާއްޖޭގެ ކެއިންބުއިމުގެ އާދަތަކުގައި ހުރި ރަނގަޅު ސިފަތައް ބަދަލުވާން ފެށީ އަށްޑިހައިގެ އަހަރުތަކުގައި ދުނިޔޭގެ ދަނޑުވެރިކަމުގެ ބާޒާރު ގައި މާރުކޭޓަށް ނެރެންފެށި ދަޅުގައި ބަންދުކުރި ތައްޔާރީ މޭވާއާއި ތަރުކާރީ ގެ ބާވަތްތައް ރާއްޖޭގެ މާރުކޭޓުން ފަސޭހައިން ލިބެން ފެށި ހިސާބުން ފެށިގެންނެވެ. މިއާއި އަދި އެހެނިހެން ތައްޔާރީ ކާނާ ރާއްޖެއިން ލިބެން ފެށުންވީ އިހުގައި ކެވުނު މީރު ތަކެތި ނުބައިވެ، އައު ރަހަތަކަށް ދިވެހިދޫތަށް ހޭނެން ފެށުމެވެ. ފަސޭހަ ގޮތް ފަސޭހަވެ، ކައްކަން ފަސޭހަ ކާނާތައް ބަދިގެ ތައް ފަޅުފިލުވަން ފެށިއެވެ. އެދަޅުތަކުގައިވާ، ތެލާއި، ހަކުރު އަދި ލޮނަކީ އޭގެސަބަބުން ކުރިމަގުގައި ތިމާއާއި ތިމާގެ ދަރިން އެތައް ބަލިތަކަކަށް ހުށަހެޅޭ ތަކެތިކަން އޭރު ވިސްނައިދޭނެ ފަރާތެއް ނެތެވެ. ހިތާމަޔަކީ އަވަސް ކުރިމަގެއްގައި ވެސް މިނުރައްކާތެރި އާދަތަކުން އަވަހަކަށް ސަލާމަތްވެވޭކަށް ނެތެވެ. ރެސްޓޯރަންޓް ތަކާއި ކެފޭތަކުންނާއި ހޮޓާތަކުން ތައްޔާރީ ކާނާތައް ގަނެގެން ކެއުމުގެ އޮއިވަރެއް މިވަނީ އަށަގެންފައެވެ. ރާއްޖޭގެ ތަރައްޤީގެ ނަމުގައި އެކިއެކި ފާސްޓް ފުޑް އައުޓްލެޓް ތައް މިދަނީ ތައާރަފު ކުރެވެމުންނެވެ. ތައްޔާރީ ކާނާއާއި އެކު ހިލޭލިބޭބުއިންތަކުން ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ ގިނަ ހަކުރު ދަނީ ހަދިޔާކުރަމުންނެވެ. މިފަދަ ބުއިންތަކާއި ވަގުތުން ހަކަތަލިބިދޭ އެނަރޖީ ޑްރިންކްސް ތަކަކީ ޚާއްޞަކޮށް ކުޑަކުދިންނަށް އޭގެ ނުރައްކާތެރިކަން ބޮޑު އެއްޗެއްކަން ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ވަނީ ހާމަކޮށްފައެވެ. ތައްޔާރީ ގިނަ ކާނާއަކީ އޭގައި ގިނަ ލޮނު، ތެޔޮ އަދި ހަކުރުހިމެނޭކާނާ ކަމުން މި ތަކެތީގެސަބަބުން އާއިލާގެ ހުރިހާ މެންބަރުންނަށް މަޑުމަޑުން ކުރަމުން ދިޔަ ނޭދެވޭ އަސަރު އެނގިގެން ދަނީ ޑޮކްޓަރަށް ދެއްކުމާއެކު ލޭމަތިކަން ބުނާހިސާބުން ފެށިގެންނެވެ. ހެދި ލޭގެ ޓެސްޓުގެ ނަތީޖާ ގައި ސަރުބީގެ ބާވަތްތައް މާމަތި ވެފައި ހުރި ހިސާބުން ފެށިގެންނެވެ. ކައްޓާއިން ކިރާލިއިރު ތިރީސް ކިލޯ ލުއި ކުރަން ޖެހިއްޖެ ކަން އެނގޭހިސާބުން ފެށިގެންނެވެ. ލޭގައި ހަކުރު މަތިވާން ފަށައިފިކަން އެނގޭ ހިސާބުން ފެށިގެންނެވެ. ކަށި ފީވެގެން އަތެއް ފަޔެއް ބިންދައިގެން ދާ ހިސާބުން ފެށިގެންނެވެ. ކެއުމުގެ އާދަތަކާއި އުޅުމުގެ އާދަތައް ބަދަލުކުރަން ޖެހިއްޖެކަމަށް ޑޮކްޓަރު ލަފާ ދޭހިސާބުން ފެށިގެންނެވެ.

ގައިން ގަޔަށް ނާރާ ބަލިބައްޔަކީ ކުއްލިއަކަށް ޖެހޭ ބަލިބައްޔެއް ނޫނެވެ. ބަލި ޖެހިއްޖެކަމުގެ ޚަބަރު ލިބެނީ ކުއްލި ޚަބަރެއްގެ ގޮތުގައި ކަމުގައި ވިޔަސް ބަލިޖެހެން އެތަކެއް ދުވަސް ނަގައެވެ. އަދި ބަލިން ރައްކާތެރި ވުމަށް ޓަކައި ބަލިޖެހުމުގެކުރިން ވަރަށް ގިނަ ފުރުސަތު ތަކެއްވެސް ލިބޭ ކަން އަދި އެފުރުސަތުތަކުގެ ބޭނުންނުހިފިދިޔަކަން ގިނަ ބަޔަކަށް އެނގެނީ ބަލި ޖެހޭ ފަހުންނެވެ. ޢާއިލާގެ އެތައް ބަޔަކަށް ފުލުފުލުގައި ބަލިޖެހެމުން ދިޔުމުގައި ޢާއިލާގެ މެންބަރުންގެ ކޭންބުއިމުގެ އާދަތައް ވަރަށް ބޮޑު ދަޢުރެއް އަދާކުރާކަން ގިނަބަޔަކަށް ޤަބޫލުކުރަން ދައްޗެވެ. ކެއުމުގެ ރަނގަޅު އާދަތަކަށް ރުޖޫއަވަނީ ގިނަފަހަރު ހަމައެކަނި ބަލިވުމުން ޢާއިލާގެ ބަލިވާ ފަރާތް އެކަންޏެވެ. ޢާއިލާގެ އެހެން މެންބަރުން ބަލި ނުޖެހުނުކަމަށް ޝުކުރުކޮށް ދުލަށް މީރުހާ ކާނާތައް ކޭން ކެއުމުގައި ދެމިތިބެއެވެ. ބަލިވި ފަރާތް ޖެހެނީ ހަކުރާއި، ލޮނާއި ތެލުގެ މީރުކަމުން އެކަހެރިވެ ރަހަ ނުބައި ތަކެތި ކެއުމުގައި މުޅި ޢުމުރު ހޭދަ ކުރާށެވެ.
އަޅުގަނޑުމެންގެ ކޭންބުއިމަށް ފަހަކަށް އައިސް ގެނެވުނު ނުރަނގަޅު ބަދަލުތަކަކީ ކޮބައި ބާވައެވެ؟ ކޭންބުއިމަށް ރަނގަޅު ބަދަލުތަކެއް ގެނެސްގެން އަދިވެސް އަޅުގަނޑުމެންނަށް ޢާއިލާގެ ބަލިނުޖެހި ތިބި މެންބަރުން ސަލާމަތް ކުރެވިދާނެ ބާވައެވެ؟ ގައިން ގަޔަށް ނާރާ ބަލިބަލިން ރައްކާތެރިވުމަށްޓަކައި ކެއުމަށް އެންމެ ރަނގަޅު ޞިއްޙަތަށް ފައިދާވާ ކާނާއަކީ ކޮބައިބާވައެވެ؟ މިއީ ހައްތަހާ ކުރެވޭ ސުވާލުތަކެވެ. މި ސުވާލުތަކަށް ކުރުގޮތަކަށް ޖަވާބު ދެވޭތޯ އަޅުގަނޑު ބަލައިލާނަމެވެ.

އަޅުގަނޑުމެންގެ ކޭންބުއިމަށް ފަހަކަށް އައިސް ގެނެވުނު އެންމެ ނުރަނގަޅު ބަދަލުތަކަކީ ސެޗުރޭޓެޑް ސަރުބީ އަދި ހަކުރު ގިނަ ކާނާތައް ބޭނުންކުރަން ފެށުމެވެ. ޒަމާނުއްސުރެ ދިވެހީންނަކީ ލޮނުގިނަ ކެއުމުގެއާދަތަކެއް އަށަގެންފައިވާ ބަޔެކެވެ. ލޮނުނުލައި ބަތް ނުކާނެކަމަށް ގޮންޖަހަން ޖެހުނު އެންމެ ބޮޑުސަބަބަކީ އެއީކަމުގައި ވެސް ވެދާނެ އެވެ. ޒަމާނުއްސުރެ ލޭމައްޗަށް ދިޔުމާއި، އެއްފަޅި ވާގިނެތުމުގެ ބައްޔަކީ ދިވެހިންނަށް އައުބައްޔެއް ނޫނެވެ. ސަރުބީ އަދި ހަކުރުގިނަ ކާނާތައް ދިވެހިންގެ ތެރެއަށް ތަޢާރަފުވީ ދާދި ފަހަކުންނެވެ. ނަތީޖާއަކަށްވީ ލޭމައްޗަށް ދިޔުމުގެ އިތުރުން، ހަށިގަނޑު ފަލަވުން އިތުރުވުމެވެ. ހަކުރުބައްޔާއި ކޮލެސްޓްރޯލް މަތިވެފައިވާ ޢާއިލާ ތައް ދިވެހިންގެ ތެރޭގައި ގިނަވުމެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ބަލިނުޖެހި ތިބި ޢާއިލާގެ މެންބަރުން ސަލާމަތް ކުރެވިދާނެ އެންމެ ފަސޭހަ ގޮތަކީ ހަކުރު، ލޮނު އަދި ތެޔޮ މަދު ކާނާއިން މޭޒުދޮށް ފަޅުފިލުވަމުން ގެންދިޔުމެވެ. ތިމާގެދަރިން ކުޑައިރުއްސުރެ ފަލަވިޔަ ނުދީ ވޭތޯ ބެލުމެވެ. ހަށިގަނޑު ބުރަ އަދި ބަރު ފަރާތްތައް ލުއިކުރުމުގެ މަސައްކަތް ކުރަން ފެށުމެވެ. މިގޮތުން އެޅޭނެ އެންމެ މުޙިއްމު ފިޔަވަޅަކީ ހަކުރުން ފޮނިކޮށްފައިވާ ތަކެތިން ދުރުހެލިވުމާއި އެކު ޤަވާއިދުން ކަސްރަތެއް ކުރަންފެށުމެވެ. ހަށިގަނޑު ލުއިވުމުން އެގޮތުގައި ދެމިހުރުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ.

ގައިން ގަޔަށް ނާރާ ބަލިބަލިން ރައްކާތެރިވުމަށްޓަކައި ބޭނުންކުރުމަށް އެންމެ ރަނގަޅު ޞިއްޙަތަށް ފައިދާވާ ކާނާއަކީ އެކާނާއެއް ގައި ތިރީގައިމިވާ ބައިތައް ހަމަވާ ކާނާ އެވެ.

1. 30-15 އިންސައްތަ ޖުމްލަހަކަތަ ސަރުބީ ހިމެނޭ ކާނާ. މީގެތެރެއިން ސެޗުރޭޓަޑް ސަރުބީ 10 އިންސައްތައަށް ވުރެ މަދުވުމާއި ޓްރާންސް ފެޓް އެކެއް އިންސައްތަ އަށް ވުރެ މަދުވުން.

2. 75-55 އިންސައްތަ ޖުމްލަ ހަކަތަ ކާބޯހައިޑްރޭޓް ގެބާވަތް ތަކުން ލިބޭކާނާ. މީގެ ތެރެއިން ހަކުރު އަޅާފައިވާ ބާވަތްތައް 10 އިންސައްތަ އަށްވުރެ މަދުކުރުން.

3. 15-10 އިންސައްތަ ޖުމްލަ ހަކަތަ ޕްރޮޓީން ގެ ބާވަތްތައް. މީގެތެރޭގައި ގިނަކުރުން ރަނގަޅީ ގަސްގަހުން ލިބޭ ޕްރޮޓީންގެ ބާވަތްތައް.

4. ލޮނު:- ކާނާގައި ދުވާލަކު ފަސް ގްރާމަށް ވުރެމަދުން

5. ރޯމޭވާ އާއި ތަރުކާރީ:- ދުވާލަކު 400 ގްރާމަށް ވުރެ ގިނައިން.

އެހެންގޮތަކަށް ދަންނަވަނީނަމަ ޞިއްޙަތަށް ރަނގަޅު ކާނާ އަކީ އެކާނާ އެއްގައި ގިނަ ޢަދަދަކަށް ގޮވާމުގެބާވަތާއި، މޭވާ އާއި ތަރުކާރީ އަދި މުގުގެ ބާވަތްތައް ހިމެނޭ ކާނާ އެވެ. އެއްގަމު މަހުގެ ބާވަތްތައް މަދު ކާނާއެވެ. ސަރުބީމަދު ކިރުގެ ބާވަތްތަކާއި ހަކުރު ނާޅައި ހަދާފައި ހުންނަ ޖޫހާއި އެހެނިހެން ބުއިމުގެބާވަތްތަކެވެ. މިފަދަކާނާ ގައި ފައިބަރު ގެބާވަތްތައް ގިނަވުމުގެއިތުރުން، ބޭނުންވާ ވިޓަމިނާއި ދަގަނޑުގެބާވަތްތަށް ފުރިހަމަވެ، ސަރުބީ މަދުވެ އަދި ހަކުރާއި ލޮނުގެ ބާވަތްތައް މަދުވުމުން ހުރިހާ ފައިދާތަކެއް ލިބިދެއެވެ. މިފަދަ ކާނާ ބޭނުންކުރުމުން ހަޖަމު ރަނގަޅުވެ ހަށިގަނޑު ފަލަވިޔަ ނުދީ ހިފެހެއްޓުމުގެ ނަތީޖާ އަކީ ގައިންގަޔަށް ނާރާ ބަލިބަލިން ރައްކާތެރިކަން ލިބުމެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ޢާއިލާ ބަހައްޓަން ބޭނުން ފުޅު ނަމަ މިފަދަ ސިއްޙަތަށް ރަނގަޅު ކާނާތައް ދާއިމީ ގޮތެއްގައި ބޭނުން ކުރަމުން ގެންދިޔުމަކީ މުޙިއްމު ކަމެކެވެ. ބަލިވުމުގެކުރިން ދުރާލާ މަސައްކަތް ތަކެއް ކުރެވިއްޖެނަމަ ބަލިވުމުން ޢާއިލާ އަށް ލިބޭ އެތައް ގިނަ ވޭނާއި ކެކުޅުން ތަކަކުން ސަލާމަތް ވެވިދާނެއެވެ.