ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދްއާއި ބައްދަލު ނުވުމުން އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު 'ސަން'އަށް ވިދާޅުވީ އިދިކޮޅު ކޯލިޝަނާއި ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމުގެ ގޮތުން މިއަދު އެ ކޯލިޝަނުން ޕީއެސްއެމްއަށް ދިޔަ ކަމަށެވެ. އަދި އަލީ ޚާލިދާ ބައްދަލު ކުރަން އެދުމުން، ބައްދަލު ކުރުމެއްނެތި އޭނާ އެތަނުން ނުކުމެވަޑައިގަތް ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގޮސް ބައްދަލު ކުރަން އެދުނީމަ އެތަނުގައި އިންނަވާފަ، އެތަނުގެ އެމްޑީ، އަލީ ޚާލިދު އަޅުގަނޑުމެންނަށް ޖަވާބެއް ނުދެއްވާ އެތަނުން ނުކުމެވަޑައިގަތީ،" އަދުރޭ ވިދާޅުވިއެވެ.

އޭނާ ޕީއެސްއެމްއަކީ ގައުމީ ޓީވީ ކަމަށެވެ. ވުމާއެކު އެ ޓީވީން އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ދޭން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ. ނަމަވެސް އެ ފުރުސަތު އިދިކޮޅަށް ނުދޭ ކަމަށާއި އިދިކޮޅުގެ ޚަބަރުތައް ވެސް ނުގެނެސްދޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދާ ބައްދަލު ކުރަން ދިޔުން--- ފޮޓޯ/ ޕީޕީއެމް

އަދުރޭ ވިދާޅުވީ މިފަހަރުގެ ވޯލްޑް ކަޕް ދެއްކުމުގައި ވެސް ޕީއެސްއެމްއިން ކަންތައް ކުރި ގޮތަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެގޮތުން ވޯލްޑްކަޕްގެ ބިޑު ވަކި ބަޔަކަށް ދިނުމަށް ހުރިހާ މަގެއް ފަހިކޮށްދިނީ ޕީއެސްއެމް ކަމަށް އަދުރޭ ވަނީ ތުހުމަތު ކުރައްވާފައެވެ. އެކަމަށްޓަކައި ޕީއެސްއެމްގެ އެމްޑީ އަލީ ޚާލިދަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެކަމުގެ އިތުރުން، ޕީއެސްއެމްގެ މުވައްޒަފުންނާ މެދު ކަންތައް ކުރަމުންދާ ގޮތާއި އެކަހަލަ ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ މިއަދު އަލީ ޚާލިދާ ބައްދަލު ނުވި ނަމަވެސް އޭނާއާ ބައްދަލުވަން ދެން އިދިކޮޅުން އެ މަސައްކަތް ކުރާނެ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން އަލީ ޚާލިދުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.