19 Dec 2022, 10:30
އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ފެޝަން އައިކަން ރިއާނާ އަށް ލިބުނު ފުރަތަމަ ދަރިފުޅު އަލަށް އާންމުންނަށް ދައްކާލައިފިއެވެ.
ލަވަކިޔުމުގެ އިތުރުން, ފެންޓީ ބިއުޓީގެ ނަމުގައި މޭކަޕް ބްރޭންޑެއް އުފައްދާ, އޭގެ ވިޔަފާރި ކުރަމުންދާ ރިއާނާގެ ފިރިހެން ދަރިފުޅު ދައްކާލާފައިވަނީ އޭނާގެ ޓިކްޓޮކަށް އަޕްލޯޑްކުރި ފުރަތަމަ ޕޯސްޓުގައެވެ. އެ ވީޑިއޯގައި އޭނާގެ ދަރިފުޅު, ކާރުގައި އިނދެ މަގުމަތިންދާ ދުއްވާ އެއްޗިއްސަށާއި, ރިއާނާގެ ފޯނަށް ބަލާ ތަން ފެނިގެންދެއެވެ.
ރިއާނާ އަދި އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އޭސެޕް ރޮކީއަށް ދަރިއަކު ލިބިފައިވަނީ މިއަހަރުގެ މޭމަހުގެ 13 ވަނަ ދުވަހު, އެމެރިކާގެ ލޮސް އެންޖަލިސްގައެވެ. މީގެ ކުރިން ދަރިފުޅުގެ މޫނު ފެންނަ ގޮތަށް އެއްވެސް ފޮޓޮއެއް ނުވަތަ ވީޑިއޯއެއްވެސް ރިއާނާ ޕޯސްޓުކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މި ވީޑިއޯއާ އެކީ އޭނާގެ ދަރިފުޅު ވަރަށް ލޯބިކަމަށާއި, އޭނާގެ ހިނިތުންވުން ވަރަށް މައުސޫމުކަމަށް ފޭނުން ވަނީ ކޮމެންޓުކޮށްފައެވެ.
އުމުރުން މިހާރު ހަތް މަހުގެ ދަރިފުޅުގެ ނަމެއް ރިއާނާ އަދި އޭސެޕް ރޮކީވެސް މީޑިއާާތަކަށް ހާމަކޮށްފައެއް ނުވެއެވެ. އެ ދެމީހުން މިވަގުތު ބޭނުންވަނީ ދަރިފުޅާއެކީ ވީހާވެސް ގިނަ ވަގުތެއް ހޭދަކުރުމަށް ކަމަށާާއި, ރިއާނާއަކީ ވަރަށް ރަނގަޅު މަންމައެއްކަމަށް އޭސެޕް ރޮކީ ވަނީ މީގެ ކުރިން ބުނެފައެވެ.
ލަވައިގެ ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑުކަމަށްވާ ގްރެމީ އެވޯޑް އެތައް ފަހަރެއްގެ މަތީން ހާސިލްކޮށްފައިވާ ރިއާނާ އެންމެ ފަހުން ލަވައެއް ނެރެފައިވަނީ މިއަހަރުގެ އޮކްޓޯބަރުމަހު, ބްލެކް ޕެންތާ: ވަކަންޑާ ފޮރެވާ ފިލްމަށް އޭނާ ކިޔާދީފައިވާ ލަވަ, “ލިފްޓް މީ އަޕް” އެވެ. އަންނަ އަހަރުގެ ފެބްރުއަރީ މަހުގައި ކުރިއަށްދާ އެންއެފްއެލްގެ ސުޕަބޯލްގައި ރިއާނާ ވަނީ ޕަފޯމް ކުރުމަށް ހަމަޖެހިފައެވެ. މިއީ މިއުޒިކާ ދުރަށް ދިޔުމަށްފަހު ގާތްގަނޑަކަށް ހަ އަހަރަށް ފަހު އޭނާ ސްޓޭޖުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.