19 Dec 2022, 10:39
ޓިކްޓޮކް ބޭނުންކުރާ ބައެއް މީހުންނަށް ނަފްސާނީގޮތުން ނޭދެވޭ އަސަރުކުރުވާފަދަ ވީޑިއޯތައް އާދަޔާ ޚިލާފަށް ގިނައިން ފެންނަކަމަށް ދިރާސާއަކުން ދައްކައިފައެވެ.
މި ދިރާސާ ކުރިއަށްގެންގޮސްފައިވަނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ ދިރާސާވެރިން ގުޅިގެން އުފައްދާފައިވާ ސެންޓާ ފޯ ކައުންޓަރިން ޑިޖިޓަލް ހޭޓް ގެ ފަރާތުންނެވެ.
މި ދިރާސާގެ ބޭނުމަށް އެމެރިކާ, އިނގިރޭސިވިލާތު, އަދި އޮސްޓްރޭލިއާގެ ފުރާވަރު އުމުރުފުރާގެ ކުދިން ބޭނުންކުރާފަދަ ޓިކްޓޮކް ޕްރޮފައިލްތަކެއް އުފެއްދުމަށްފަަހު, އެ ޕްރޮފައިލްތަކުން ބަލައިލެވޭ ބައެއް ވީޑިއޯތަކަށް ލައިކް ދީފައި ވެއެވެ. މިގޮތުން އަމިއްލަ ނަފްސަށް ގެއްލުންދިނުމުގެ އަމަލުތަކާއި, ބަރުދަނާއި ގުޅުންހުރި ނޭދެވޭ ވިސްނުންތަކުގެ ވީޑިއޯތަކަށް ލައިކް ކުރުމުން, އެފަދަ އިތުރު ވީޑިއޯތައް އެ އެކައުންޓްތަކަށް ފެންްނަ ނިސްބަތް އާދަޔާ ޚިލާފަށް އިތުރުވެގެންދާކަމަށް މި ދިރާސާއިން ދެއްކިއެވެ.
ޓިކްޓޮކްގައި އެ އެކައުންޓަކަށް ފެންނަ ވީޑިއޯތަކުގެ ބާވަތް ކަނޑައެޅުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޓިކްޓޮކް އަލްގޮރިދަމް އިންނެވެ. އަލްގޮރިދަމްގެ ބޭނުމަކީ އެ އެކައުންޓަކުން ލައިކްކޮށް ޝެއާކުރާ ވީޑިއޯތަކުގެ މަޢުލޫމާތު އެއްކޮށް, އެފަދަ އިތުރު ވީޑިއޯތައް ފެންނަ ގޮތް ހެދުމެވެ. އަލްގޮރިދަމްގެ މި މަސައްކަތަށް ބޭނުންކުރަނީ އާޓިފިޝަލް އިންޓެލިޖެންސެވެ.
ދިރާސާވެރިން ހާމަކުރެއްވި ގޮތުގައި ޓިކްޓޮކް ފަރުމާކުރެވިފައިވަނީ ބެލުމާއި ފެތުރުން އެކަށީގެންނުވާ, އަދި އުމުރާ ނުގުޅޭ އެތައް މިލިއަން ވީޑިއޯއެއް ވަރަށް ފަސޭހައިން ބަލާލެވޭފަދަ ފަސޭހަ ގޮތަކަށެވެ. އަދި މިކަމުން ރައްކާތެރިވުމަށް ފުރާވަރަށް އަޅަމުން އަންނަ ކުދިން ޓިކްޓޮކް ބޭނުންކުރަނީ ކިހިނެތްތޯ ވަރަށް ފަރުވާތެރިކަމާއެކީ ބެލުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދިރާސާގައި ފާހަގަކޮށްފައިވެއެވެ.