10 Apr 2012, 12:55
އަލިމަސް ކާނިވަލުގެ ސްޓޭޖްގެ ސަރަހައްދަށް މިއަދު ހެނދުނު ނަގޫރޯޅިއެއް އަރައިފި އެވެ. އާންމުކޮށް ގިނަ އަދަދެއްގެ މީހުން ވަދެ އުޅޭ އެ ސަރަހައްދަށް އެރި ނަގޫރޯޅީގައި މީހަކަށް ވެސް އެއްޗަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ.
ކާނިވަލުގެ ތެރެއިން މިއަދު ހެނދުނު 9:30 އެހާކަންހާއިރު ފެނުނު މި ނަގޫރޯޅި ފުރަތަމަ ފައިބާފައި ހުރީ ކާނިވާ ސްޓޭޖުގެ ހުޅަނގުން ސްޓޭޖްގެ ކުރިމަތިން ބިންމައްޗަށެވެ. ނަގޫ ރޯޅި ފޭބުމަށް ފަހު ސްޓޭޖްގެ ކުރިމަތީގައި އޮންނަ ތަޅުންގަނޑު ސަރަހައްދުގައި އެނބުރުމަށް ފަހު ހުސްވެގެން ދިޔަ މަންޒަރު އެސަރަހައްދުގައި ތިބި ބައެއް މީހުންނަށް ވަނީ ފެނިފަ އެވެ. އެ ސަރަހައްދުގައި ހުންނަ ލިލީ ރެސްޓޯރެންޓާއި ލެމަން ގްރާސް ރެސްޓޯރެންޓުގެ ބައެއް މުވައްޒަފުން ބުނީ މިއަދު އެރި ނަގޫރޯޅި 10 ވަރަކަށް މިނެޓް ވަންދެން ހުރި ކަމަށެވެ.
މަންޒަރު ދުށް މީހަކު ބުނީ ނަގޫރޯޅި އެރިވަގުތު އެހިސާބުގައި ވައި ބާރުވެ ހިރަފުހާއި ކުނި މައްޗަށް އެރިނަމަވެސް އަރާފައި ވަނީ އެހާ ބާރުގަދަ ނަގޫ ރޯޅިއެއް ނޫން ކަމަށެވެ. ނަމަވެސް ރޯޅި އަރައި ފައިބައިގެން ދިޔައިރު ސްޓޭޖްގެ ހަރަކާތްތައް ކެމެރާކުރާ މީހުން ތިބުމަށް ކާނިވަލްގައި ހަދާފައި ހުންނަ ތަން ވަނީ ހަލާކުވެފަ އެވެ.
ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީން ބުނީ ކާނިވާ ސަރަހައްދަށް އެރި ނަގޫރޯޅިއާ ބެހޭ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި ނަމަވެސް އެފަދަ ނަގޫރޯޅިއެއް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އާއްމު ގޮތެއްގައި ނަގޫރޯޅި އުފެދެނީ މޫސުން ގޯސްވެ ނުވަތަ މޫސުން ބަދަލުވާ ދުވަސްވަރުގައި ކަމަށް ވެސް މޫސުމާ ބެހޭ އޮފީހުން ބުންޏެވެ.
ލ. އަތޮޅު ފޮނަދޫ އާއި ކައްދޫ ސަރަހައްދުން ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ނަގޫރޯޅިއެއް ފެނިފަ އެވެ. އެ ހާދިސާގަ ފޮނަދޫގައި އޮތް ކުނިގަނޑަކަށް އޭގެ އަސަރުކޮށް، ކުނިތައް ދުރު ހިސާބުތަކަށް ބުރައިގެން ގޮސްފައި ވެއެވެ. އަދި އެމަންޒަފު ފެނުނު އަންހެން ކުއްޖަކު ހާލުދެރަވެގެން ހޮސްޕިޓަލުހައި ފަރުވާ ދޭން ޖެހުނެވެ.
ލިޔުމާ ގުޅޭ ވީޑިއޯ:
http://www.youtube.com/watch?v=rFvXHKimRSQ